ޑަބްލިއުއެލްޓީއަށް 13 މިލިއަން ޑޮލަރު ދައްކަން ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރިސޯޓް ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލާގައި ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު (200 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ވިލާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު އެ ރަށްތައް ނުދިން މައްސަލައިގަ އެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.

އެ މައްސަލާގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެޑްވާންސްގެ ގޮތުގައި ޑަބްލިއުއެލްޓީން ދެއްކި 16.9 މިލިއަން ޑޮލަރު ދައުލަތުން އަނބުރާ ދޭންޖެހޭނެ ކަމަށެވެ. އެކަމަކު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޑަބްލިއުއެލްޓީން އެދުނު 112 މިލިއަން ޑޮލަރު ނަގައި ދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ޑަބްލިއުއެލްޓީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ހުކުމްކުރީ ފައިނޭންސް ކޮސްޓަށް ވާ 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެއް މަސް ތެރޭގައި ދައުލަތާއި އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި ޑަބްލިއުއެލްޓީން ކުރިން ދައްކާފައިވާ 16.9 މިލިއަން ޑޮލަރު އަނބުރާ ދައްކަން ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމުގައި ކަނޑައެޅި ބައި ރަނގަޅު ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައެޅި އެވެ.

އެކަމަކު ދަތުރުފަތުރާއި އެހެނިހެން ޚަރަދުތަކާއި އޮޕޮޗިއުނިޓީ ކޮސްޓްގެ ގޮތުގައި ޑަބްލިއުއެލްޓީން ހޯދަން އެދިފައިވާ 103 މިލިއަނަށް ވުރެ ގިނަ ޑޮލަރު އެ މައްސަލާގައި ނަގައި ދެވޭނެ މިންވަރަށް އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާތީ އެ މައްސަލާގައި އެ ބަދަލު ނަގައި ދެވޭނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ވަކީލު ފީގެ ގޮތުގައި ހޯދަން އެދުނު ފައިސާ ނަގައިދެވެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ ވަކީލުގެ ފީ ނަގައި ދިނުމާ ބެހޭގޮތުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތުމެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން، ޑަބްލިއުއެލްޓީ އާއި އެއިމްސްއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން ޑަބްލިއުއެލްޓީން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އެޑްވާންސް ފައިސާ ދައްކައި، ހަދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި އުފައްދާފައި އޮތަސް އެއިމްސް ކުންފުނިން އެ ރަށްތައް ޑަބްލިއުއެލްޓީއާ ހަވާލު ކޮށްފައެއް ނުވެ އެވެ.

އެ ހުކުމުގައިވާ ގޮތުން އެ ރަށްތައް ޑަބްލިއުއެލްޓީއާ އެއިމްސް ކުންފުނިން ހަވާލު ނުކުރެވުނީ ދައުލަތުން އޭރު އަމަލުކުރި ގޮތުންނެވެ. އެ ރަށްތައް ޑަބްލިއުއެލްޓީއާ ހަވާލު ކުރުމުގެ ހުއްދަ އަށް އެއިމްސް ކުންފުނިން ސަރުކާރުގައި އެދުމުން އެ ހުއްދަ ނުދީ ސަރުކާރުން ހިފެހެއްޓީ ކަމަށާއި އަދި އެއިމްސް ކުންފުންޏާއި ސަރުކާރާ ދެމެދު އޮތް އެއްބަސްވުން ވެސް ސަރުކާރުން ފަހުން ބާތިލްކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ.

އެއްބަސްވުމާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއަކު އަމަލު ކުރުމުން އަނެއް ބައިވެރިޔާ އަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދެވޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެއްބަސްވުމާ އެއްގޮތަށް އެ ރަށްތައް ޑަބްލިއުއެލްޓީއާ ހަވާލު ނުކުރުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދޭންޖެހޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވައި މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.

ވިލާ ކުންފުންޏަށް ދޫކުރި ފަސް ރަށެއް 2015 ގައި ސަރުކާރުން އަތުލީ ވެސް ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރާތީ ކަމަށް ބުނެ އެވެ. ދައުލަތާ ދެކޮޅަށް އެއްބަސް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދު ހެދި ސެޓްލްމަންޓް އެއްބަސްވުމުގައި އޮއްވާ ވިލާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަކީ ސެޓްލްމަންޓް އެއްބަސްވުމާ ޚިލާފްވުމުން ކަމަށް ބުނެ ވިލާއަށް ދޫކުރި ފަސް ރަށެއް ސަރުކާރުން އޭރު އަތުލި އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ އެ ރަށްތައް ވިލާ އަތުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ރަށްތަކުގެ އެއްބަސްވުން ބާތިލް ނުވެ އަދިވެސް ދެމި އެބައޮތް ކަމަށް ހުކުމްކޮށްފަ އެވެ.