މީޑިއާގެ މިނިވަންކަން ނެތި ޑިމޮކްރަސީއެއް ނޯންނާނެ: އިބޫ

މީޑިއާގެ މިނިވަންކަން ނެތި ޑިމޮކްރަސީއެއް ނޯންނާނެ ކަމަށާއި ޑިމޮކްރަސީގެ ވިންދަކީ މީޑިއާ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


ސަންގު ޓީވީއަށް ވަޑައިގެން އެ ސްޓޭޝަންގައި ވާހަކަފުޅުދައްކަަމުން އިބޫ ވިދާޅުވީ މީޑިއާއަށް މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ ވެރިކަމުގައި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ޑިމޮކްރަސީއެއް ދެމިއޮތުމަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް މުހިއްމު އެއްޗެއް،" ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީޑިއާތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނޫސްވެރިކަމަށް މިހާރު ހިޔަނިއެޅިފައިވާ އަބުރުގެ ގާނޫނު ވެސް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އުވާލައި މަސައްކަތަށް ފަހި މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މީޑިއާތައް މަސައްކަތް ކުރަން ޖެހޭނީ ދެ ފަރާތުގެ އަޑު ގެނެސްގެން ކަމަށާއި ސަރުކާރުން ކޮށްދޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ އިތުރުން ރައްޔިތުން ދެކޭ ގޮތް ސަރުކާރަށް ގެނެސްދިނުމަކީ ވެސް މީޑިއާތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެކަން ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23ގައި ބޭއްވި އިންތިޚާބަށް ފަހު އިބޫ ވަނީ ރާއްޖެ ޓީވީއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.