ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ހޫނު ގަދަ ބަހުސެއް!

ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުންނާ ދެމެދު ހޫނު ގަދަ ބަހުސެއް މިއަދު ހިނގައިފި އެވެ.


"މިހާރު" އާ ވާހަކަ ދެއްކެވި ކައުންސިލް ބައެއް މެމްބަރުން ވިދާޅުވީ، ކައުންސިލް ބައްދަލުވުން ހޫނުވީ ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ބައްދަލުވުމަށް ވަޑައިގެން "ބޮޑު ހައިޖާނު" ގަނޑެއް އުފެއްދުމުން ކަމަށެވެ.

ޚާއްސަކޮށް، ރައީސް ޔާމީނާއި ރިޔާޒާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް ބަދަލުކުރެއްވި ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެކަމަކު، ސަލީމް ވަނީ ބައްދަލުވުމުގެ ވަކި ހިސާބަކުން އެތަނުން ވަޑައިގެންފަ އެވެ. ރައީސް ޔާމީނާއި ސަލީމާ ދެމެދުގައި މާ ބޮޑެތި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެއް ނުވެ އެވެ.

ޕީޕީއެމުން މީގެ ކުރިން ބޭއްވި ކައުންސިލް ބައްދަލުވުމެއް. - ފޮޓޯ: ޕީޕީއެމް

ކޮމިޓީތަކުން މެމްބަރުން ވަކިކުރާތީ ހިތްހަމަނުޖެހުނު!

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ހޫނުވި އެއް ސަބަބަކީ ޕީޕީއެމްގެ ކޮމިޓީތަކުން މެމްބަރުން ވަކިކުރާ އުސޫލާ މެދުގައި ހިތްހަމަނުޖެހިގެންނެވެ. ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި މައްސަލަ އުފެދުނީ އިސްތިއުނާފް ކޮމިޓީން ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކުގެ ބަދަލުގައި އެހެން މެމްބަރަކު އެ ކޮމިޓީއަށް އައްޔަން ކުރަން ކައުންސިލުން ނިންމުމުންނެވެ.

އެކަމާ ދެކޮޅު ހެއްދެވި މެމްބަރުންގެ ތެރޭގައި ރިޔާޒްގެ އިތުރުން، ސަލީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ތޮލާލް އާ ކައުންސިލްގެ އިތުރު މެމްބަރުންތަކެއް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ކައުންސިލް މެމްބަރުން ވިދާޅުވި އެވެ.

"އެބޭފުޅުން ގަބޫލު ކުރެއްވި ގޮތުގައި ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން ވަކި ކުރެވޭނީ ޕާޓީގެ ސުލޫކީ ކޮމިޓީއަށް. އެކަމަކު ކައުންސިލުން އެގޮތަށް ނިންމުމުން، ދެބަސްވުންތަކެއް ހިނގީ. އެކަމުގައި ވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލަތަކެއް ބަދަލު ކުރި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި، އެ ދެބަސްވުންތައް ހިނގުމާ ގުޅިގެން ސަލީމް ކައުންސިލް ބައްދަލުވުން ދޫކުރައްވައި ޕީޕީއެމް އޮފީހުން ނުކުމެވަޑައިގެންނެވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޑްވޭވް ސަލީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

އީސީން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގެން މައްސަލަ ކޯޓަށް

ޕީޕީއެމްގެ ރައީސް ކަމަށް، ރައީސް ޔާމީން އިންތިޚާބު ކުރުމަށް ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން ޕީޕީއެމުން ވަނީ އެ ކޮމިޝަންގެ މެމްބަރުންނަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ކޮންގްރެސް ބަލައިނުގަތުމަށް އީސީން ނިންމީ، އެ ކޮންގްރެސް ބާއްވާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ބުނެ އެވެ. އެކަމަކު، ޕީޕީއެމުން ފަހުން ބުނީ ކޮންގްރެސް ބޭއްވީ އަސާސީ ގަވައިދުގައި ވާގޮތުގެ މަތިން ކައުންސިލުން ނިންމައި މަންދޫބުން ބައިވެރިކޮށްގެން ކަމަށެވެ. އެކަން އީސީއަށް އެންގުމުން އެކަންކަން ބަލައިގަތް ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.

ނަމަވެސް، ކައުންސިލް ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ނިންމައިފަ އެވެ. އަދި އެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރައްވަން ކ. ގުރައިދޫ ދާއިރާގެ މެމްބަރުންގެ އިބްރާހިމް ރިޒާއާއެކު ވަކީލުންގެ ޓީމެއް ނެގި އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު ވިދާޅުވީ އީސީން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތް މައްސަލައިގައި ހޫނު ބަހުސެއް ހިނގީ ރައީސް ޔާމީނާ ރިޔާޒާ ދެމެދު ކަމަށެވެ. އެގޮތުން، ޕީޕީއެމް ކޮންގްރެސް ކުރިއަށް ދިޔައީ، ޕާޓީގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅުންތަކަކާ އެކީގައި ކަމަށް ރިޔާޒް ވިދާޅުވި ކަމަށްވެ އެވެ.

"ރިޔާޒް ވިދާޅުވީ އާޒިމާއަކީ ޕާޓީއެއްގައި ހިމެނޭ މެމްބަރެއް ނޫނޭ. ޝައިނީއަކީ އެމްޑީއޭގެ މެމްބަރަކޭ. އެމީހުންނަކީ ޕީޕީއެމްގެ މެމްބަރުންކަން ކިހިނެއްހޭ ކަށަވަރު ކުރާނީ؟،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"ހަގީގަތުގައި ކައުންސިލް ބައްދަލުވުން ހޫނު ކުރަން ވެގެން، ރިޔާޒް އާއި ސަލީމް ވަޑައިގަތީ. އަނެއްކާ ދެ ބޭފުޅުން ކައުންސިލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގަންނަވާތާ އެހާ ގިނަ ދުވަސްކޮށްފައި ކުއްލިއަކަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވާންވީ ސަބަބެއް ނުވިސްނޭ،"

ވިލުފުށި މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނަށް، އެ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އެރުވި ރަމްޒީ ދޯންޏެއް ހިއްޕަވައިގެން.---ފޮޓޯ: ރައީސް އޮފީސް

ރިޔާޒްގެ ވާހަކަތަކުން ރައީސް ޔާމީން ކޯފާ އިސް ކުރެއްވި

ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި ބަހުގެ ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި ރައީސް ޔާމީން ވަނީ ރިޔާޒް ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރަށް ފަހު، ސިޔާސީ ހަރަކާތްތަކުން ނުފެންނާތީ އެކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. އަދި ސަރުކާރު ދިފާއު ނުކުރެއްވީ ކީއްވެތޯ ރިޔާޒް އަރިހު ސުވާލު ކުރެއްވި އެވެ.

"ރިޔާޒް ވިދާޅުވީ ތިމަންނަ އަށް ދިފާއު ނުކުރެއްވޭނެ ކަންކަމުގެ ތެރޭގައި ބަންޑާރަ ނައިބު ބޭނުންވެގެން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އާއި ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ނުކުރަން ދެއްކި ބަހަނާތައް ހިމެނެއޭ. ތިމަންނައަށް އެ ކަންކަން ދިފާއު ނުކުރެވޭނެއޭ" މެމްބަރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމި ނިންމުމަށެވެ.

ނަމަވެސް، ރައީސް ޔާމީން ކޯފާ އިސް ކުރައްވައި، ފެބްރުއަރީ 1 ގެ އަމުރަކީ އެ ކޯޓުގެ ބައެއް ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ނެރުއްވި އަމުރެއް ކަމަށާއި އެ އަމުރަކީ ރަނގަޅު ގޮތުގައި ނެރުއްވި އަމުރެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ބޭނުންއިރަކު ޕާޓީ ދޫކޮށްލައި، ބޭނުންހާ ގޮތަކަށް އުޅެވޭނަމަ، އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި އެހެން މެމްބަރުން ދޫކޮށްލާނަމަ، އެމަނިކުފާނު ހުންނަވާނީ ވެސް ޕާޓީ އާއި މެމްބަރުން ދޫކޮށްލާފައި ގޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއާއެކު ރިޔާޒް ވެސް ރައީސްއާ އިތުރަށް ޖަދަލު ކުރީ. ރިޔާޒް ވިދާޅުވި، ސަރުކާރުގެ ތެރޭގައި ވެސް އޮތީ ކޮރަޕްޝަނޭ. ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮވެއޭ، ކޮރަޕްޝަނަކީ ނައްތާލެވޭނެ އެއްޗެއް ނޫނޭ. އެހެން ވިދާޅުވެ، ރިޔާޒް ވަނީ ރައީސް އަށް ރައްދު ދެއްވާފައި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައެއް މެމްބަރުން ޕީޕީއެމް އުވާލާފައި އާ ޕާޓީއެއް އުފެއްދުމާ ގުޅޭ ގޮތުން، ވެސް މަޝްވަރާ ކުރި ކަމަށްވެ އެވެ. އެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި، ޕީޕީއެމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެމްބަރަކު، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ރައީސް ޔާމީނާ އެއްކޮޅަށް ނިމިދާނެ ކަމަށް ގަބޫލު ނުކުރެއްވެ އެވެ.