ރާއްޖެ އެތެރެކޮށް، ނުގެންގޮސް ހުރި މުދާތައް އެމްއޭސީއެލްއިން ނީލަން ކިޔަނީ

ވައިގެ މަގުން ރާއްޖެ އެތެރެ ކޮށްފައިވާ މުދާތަކުގެ ތެރެއިން ނުގެންގޮސް ހުރި ސާމާނުތައް ނީލަން ކިޔަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.


ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން އާންމުކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި މުދާތަކެއް ނީލަމުގައި ވިއްކާލާތީ ނަން ނޯޓު ކުރުން އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހު ހެނދުނު 10 އިން މެންދުރު ފަހު 3 އަށް އެއާޕޯޓުގެ ކާގޯ ސެކްޝަންގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި ނީލަން ކިޔުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:30 އިން ހަވީރު 5:00 އަށެވެ. ނީލަމުގައި ބައިވެރިވެ، އަދި މުދަލަށް އަގު ކިޔުމަށް ފަހު، ފައިސާ ނުދައްކާ މީހުންނަށް، ކުރިއަށް އޮތް ދެ އަހަރުގެ ނީލަމުން އެއްވެސް މުދަލެއް ނެގުމުގައި ބައިވެރިއެއް ނުވެވޭ ގޮތަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

އެމްއޭސީއެލުން ބުނީ ނީލަމުގައި ގަންނަ މުދާ ވަކި މުއްދަތެއްގެ ތެރޭގައި ނުގެންގޮސްފި ނަމަ ނައްތައިލާނެ ކަމަށެވެ.

ނަމަވެސް، އެމްއޭސީއެލްގެ ބެލުމުގެ ދަށުގައި ހުރީ ކޮން ކަހަލަ މުދަލެއް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އެކަމަކު، ނީލަން ފެށުމުގެ ކުރިން، ނީލަމުގައި ބައިވެރިވާ މީހުންނަށް ތަކެތި ދައްކައިލަން އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ.