ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތެއް: އެރަށު އެއާޕޯޓް އަޅަން ދައުލަތަށް ނެގި ދެ ގެއެއްގެ ބަދަލުގެ މައްސަލަ އަލުން ބަލަން ވަނީ އަމުރު ކޮށްފައި --ފޮޓޯ/ހައިކޯޓް
24 އޮކްޓޯބަރ 2018 - 18:02
ހދ. ކުޅުދުއްފުށީ އެއާޕޯޓު ހެދުމަށްޓަކައި އެ ރަށުން ދައުލަތަށް ނެގި ދެ ގެއަކަށް ބަދަލުގެ މައްސަލަ އަލުން ބަލައި، އެ ދެ ގެއަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދާ މެދު އަލުން ގޮތެއް ނިންމުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އެޅުމަށްޓަކައި 18 ގެއެއް ހުސްކޮށް، އެގޭގެ ވެރިފަރާތްތަކަށް ދައުލަތުން އެރަށު ކޯޓު މެދުވެރިކޮށް ބަދަލު ދިނެވެ. އޭގެ ތެރެއިން ދެ ގެއެއްގެ ވެރިފަރާތުން އެ މައްސަލަ ހައި ކޯޓުގެ އުތުރު ގޮފީގައި އިސްތިއުނާފް ކުރީ ދަށު ކޯޓުން ކަނޑައެޅި ބަދަލާ މެދު ހިތްހަމަ ނުޖެހިގެންނެވެ. އެ މައްސަލަ އިސްތިއުނާފް ކުރީ ކުޅުދުއްފުށީ ޑޭޒީވިލާގެ އާއި އެ ރަށު ކުލަވަރު ގޭގެ ވެރިފަރާތުންނެވެ.
ޑޭޒީވިލާ ގެއަށް ބަދަލުގެ ދިނުމަށް ކުޅުދުއްފުށީ ކޯޓުން ކަނޑައަޅާފައި ވަނީ ދައުލަތުން އެ ގެއަށް ބަދަލުގެ ގޮތުގައި ހުށަހެޅި 851،000ރ. އެވެ. ކުލަވަރު ގެއަށް ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައި ވަނީ ދައުލަތުން އެ ގެއަށް ހުށަހެޅި 643،000ރ. އެވެ. އެކަމަކު އެ ދެ ގޭގެ ވެރިފަރާތުން ވެސް ބަދަލުގެ ގޮތުގައި ހުށަހެޅީ އެއަށް ވުރެ ބޮޑު އަގެކެވެ.
ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ އުތުރު ގޮފިން އެ ދެ މައްސަލަ ބަލައި، ވަކިވަކިން އިއްވި ދެ ހުކުމުގައި ވަނީ އެރަށު ކޯޓުން އެ ދެ ގޭގެ ބަދަލުގެ މިންވަރު ކަނޑައަޅާފައި ވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
އެ ދެ ހުކުމުގައިވަނީ ދައުލަތުގެ ބޭނުމަށް މީހުންގެ މުދާ ދައުލަތަށް ނަގާއިރު ދޭންޖެހޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ބަލަން ޖެހޭނީ ބަދަލުގެ އަދަދާ މެދު ދެ ފަރާތުން އެއްބަސްވުން ނުވަތަ އެކަމާ މެދު ދެ ފަރާތަށް އެއްބަސް ނުވެވޭ ނަމަ، ޝަރުއީ އަގު ކޮމެޓީން ކަނޑައަޅާ އަގެއްގެ މައްޗަށް ބިނާކޮށް ބަދަލު ކަނޑައެޅުން ކަމަށެވެ. އެކަމަކު، ކުޅުދުއްފުށީގެ ދެ ގޭގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ދަށު ކޯޓުން ކަނޑައަޅާފައި ވަނީ އެ އުސޫލާ އެއްގޮތަށް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި އެ ހުކުމުގައި ވަނީ ޑޭޒީވިލާ ގެ އާއި ކުލަވަރު ގޭގެ ބަދަލުގެ ގޮތުގައި ކަނޑައެޅި މިންވަރު ބާތިލް ކަމަށެވެ. އަދި އެ ދެ ގޭގެ ބަދަލާ މެދު އަލުން ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް އެ ދެ މައްސަލަ ތަހުވީލް ކުރީ ކަމަށް ވެސް އެހުކުމުގައިވެ އެވެ.
އެ ދެ މައްސަލަ ވެސް ބެއްލެވީ ހައި ކޯޓު އުތުރު ގޮފީގެ މައްސަލަތައް ބެއްލެވުމަށް މިހާރު ކުޅުދުއްފުށީގައި ތިއްބެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ޝަރީފް
25 October 2018
ރާއްޖޭ ކޮންމެ އަތޮޅަކުންވެސް ހައިކޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން ފެނޭ. ކޮންމެ އަތޮޅެއްގަ ގޮތްޕެއް ގާއިމް ނުކުރިއަސް ޚިދުމަތް ދެވިދާނެ. ފުރަތަމަ މައްސަލަ ބެލި މެޖިސްޓްރޭޓް ކޯޓްނޫން އަތޮޅުގެ އެހެން ކޯޓަކަށް މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުމުން ހައިކޯޓްގެ ފަޑީޔާރުންގެ ޓީމެއް ވަޑައިގެން މައްސަލަ ބައްލަވާ ގޮތަށް ހަމަޖެއްސި ދާނެ.
ނޫސް ބަލާމީހާ
25 October 2018
ދައުލަތަށް ބިން ބޭނުންވެގެން ގޯއްޗެއްގެ ބަދަލުދޭއިރު ބަލަންވީ އެގެ ހުރި ޙާލަތަށް ބަލާފައި ބަދަލު ދިނުމުގެ އަގަކަށްނޫން . އެކަމަކު އެއިމާރާރާތް އަލަށްހެދި އިރު ހުރިފުރިކަމަކަން ހުރި މިންވަރަށް އާޢިމާރާތެއް ހެދޭވަތުގެ އަގަކަށް ވާންވާނެ . މިބާވަތުގެ ކަންކަމުގައި މީހަކު އުމުރު ހޭދަކޮށް ކުރި މަސައްކަތް ދެވަނަ ފަހަރަށްވެސް މިޖެހެނީ ކުރަން ، އެހެންވީމާ، ކުރީގެ ހާލަތަށްވުރެ ޙާލަތު ރަނގަޅުކޮށްދެވެންވާނެ .