ޚަޝޯގީގެ މައްސަލައިގައި ސަރުކާރު އަދިވެސް އޮތީ ސައުދީއާއެކު

ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި މައްސަލައިގައި ދިވެހި ސަރުކާރު އަދިވެސް އޮތީ ސައޫދީއާއެކު ކަމަށް ދޭހަވާ ފަދަ ބަޔާނެއް ފޮރިން މިނިސްޓްރީން ނެރެފި އެވެ.


ފޮރިން މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައު ޚަޝޯގީ މަރާލި މައްސަލަ ދެ ފުށް ފެންނަ ގޮތަކަށް ތަހުގީގުކުރަން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ.

"[ޚަޝޯގީ މައްސަލައިގައި] ދެ ފުށް ފެންނަ އަދި ފުރިހަމަ ތަހުގީގެއް ހިންގައި އެ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އެބައޮތް،" އެ ބަޔާނުގައިވެ އެވެ.

"މި މޭރުމުން، ދެ ފުށް ފެންނަ، ހަމަހަމަ، އިސްތިސްނާއެއް ނެތި ގާނޫނީ ފިޔަވަޅު އެޅުއްވުމަށް އަދި ނަތީޖާއެއް ނެރެވޭނެ ފަދަ ގޮތަކަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަޅުއްވާފައިވާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔަން."

ސައޫދީގެ ވެރިންގެ އެންގުމަކަށް ނޫސްވެރިޔާ މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސައޫދީއަށް ތާއީދުކުރާ ކަމަށާއި އެކި ގޮތް ގޮތުން ސައޫދީ އަށް ބިރުދެއްކުމަށް އެކި ގައުމުތަކުން ކުރާ އަމަލުތައް ކުށްވެރި ކުރާ ކަމަށް ބުނެ މި މަހު 15 ގައި ވެސް ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރަފަ އެވެ.

ޚަޝޯގީގެ މަރުގެ މައްސަލަ ހޫނުވެފައި ވަނިކޮށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސައޫދީއަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިން ބޯއިކޮޓް ކޮށްފައިވާ މިދިޔަ އަންގާރަ ދުވަހު ފެށުނު ސައޫދީ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް ސަމިޓުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގަތެވެ.

އެ މައްސަލައިގައި ރައީސް ނަޝީދު އަދި ޑރ. ވަހީދަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

ސައުދީގެ މިލިޓަރީ، އިންޓެލިޖެންސް، ޑޮކްޓަރުންނާއި އިސް ބައެއް އޮފިޝަލުން ހިމެނޭ 15 މީހުންގެ ޓީމަކުން ޚަޝޯގީ މަރާލާފައި ވަނީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި އޮކްޓޯބަރު ދެ ވަނަ ދުވަހު ކަމަށް ތުރުކީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. ނޫސްވެރިޔާ މަރާލުމަށްފަހު ސައޫދީގެ ޓީމުން ވަނީ އޭނާ ކުދިކޮށް ކޮށާލައި ފޮއްޓަކަށް އަޅައިގެން ކޮންސިއުލޭޓުން ބޭރުކޮށްފައި ކަމަށާއި ހަގީގަތް ފޮރުވުމަށް އެ ޓީމުގެ މީހަކު ޚަޝޯގީ ލައިގެން ހުރި ގަމީހުގައި ކޮންސިއުލޭޓުން ނިކުމެގެން އުޅުނު ކަމަށް ބުނެ ތުރުކީން ވަނީ މިކަމަށް ބާރު ލިބޭ ހެކިތައް ހާމަކޮށްފަ އެވެ.

ސަރުކާރަށް ފާޑުކިޔަމުންދިޔަ، ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިޔާ ޚަޝޯގީ، ސައޫދީ ކޮންސިއުލޭޓަށް ވަދެފައި ވަނީ އަމިއްލަ ޑޮކިއުމެންޓެއް ހޯދުމަށެވެ. އޭނާ އުޅެމުންދިޔައީ ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެންނެވެ.

ޚަޝޯގީ މައްސަލައިގައި މުޅި ދުނިޔެއިން ކަންބޮޑުވުން ފާޅު ކުރަމުންދިޔައިރު ސައޫދީ އަރަބިއްޔާއިން ފުރަތަމަ ބުނެފައި ވަނީ އޭނާ ވީތަނެއް ނޭނގޭ ކަމަށެވެ. ޚަޝޯގީ މަރުވެފައިވާ ކަމަށާއި އޭނާ މަރާލީ އެކަމަށް އަމުރެއް ނެތި، ގާނޫނުގެ ބޭރުން އަމަލުކުރި އެޖެންޓުންތަކެއް ކަމަށް ސައޫދީން ބުންޏެވެ. ނޫސްވެރިޔާ މަރާލީ ކަމަށް ސައޫދީން އެއްބަސްވީ ތުރުކީ ސަރުކާރުން އެ މައްސަލައިގައި ހަގީގަތް ހާމަކުރާނެ ކަމަށް ބުނެ ހެކި ދައްކަން ފެށުމުންނެވެ.