އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން، އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަނޑައަޅާފައިވާ ޖޮއިންޓް ސެކްރެޓަރީ ޑިނޭޝް ޕަނައިކް ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކެޓަރީ އަހުމަދު ހަލީލާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި ދެ ގައުމުގެ ހާރިޖީ ގުޅުންތަކާ ބެހޭ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހި ކުރާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޑިނޭޝް ޕަނައިކް، އިންތިހާބީ ރައީސް އިބްރާހިމް ސޯލިހް(އިބޫ) ކަނޑައަޅުއްވާފައިވާ ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފާއި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާވެސް ބައްދަލު ކުރައްވަން ނިންމަވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އިންޑިއާއިން މިސަރަހައްދަށް ކަނޑައަޅުއްވާފައިވާ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެންފައިވާއިރު މިހާރުގެ ސަރުކާރުން އިންޑިއާގެ ވާދަވެރި ޗައިނާއާ ގާތްގުޅުމެއް ބާއްވަމުންދާތީ އިންޑިއާގެ ސަލާމަތަށް ނުރައްކާވަމުން ދާ ކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ރާއްޖޭގެ އަވަށްޓެރި އިންޑިއާއާ އޮންނަ ގުޅުން ހީނަރު ވެފައިވާއިރު އާ ސަރުކާރުން އެ ގުޅުން ބަދަހި ކުރާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި އޭނާގެ ވެރިކަމެއްގައި އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.