ހަަދާ ރިސޯޓްތައް ފެހިކުރަން އެހެން ރަށްރަށް ހަލާކުކުރަނީ!

ހިއްކައިގެން ހަދާ ރިސޯޓްތައް ގިނަވެ، އެތަންތަނުގައި ޖަހަން ރާއްޖޭގެ އެހެން ރަށްރަށުން އެއް ފަހަރާ ގިނަ އަދަަދެއްގެ ރުއް ނެގުމަކީ ތިމާވެއްޓަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ބެލެވެން ފަށައިފި އެވެ.


ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ބުނާ ގޮތުގައި ބައެއް ރަށްރަށުން އެތައް ސަތޭކަ ރުކެއް އެއްފަހަރާ ނަގައި، ތަން ސާފުކޮށްލުމުން، ބިންގަނޑު ދޫވުން ފަދަ ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.

އެއް ފަހަރާ އެތައް ސަތޭކަ ރުކެއް ނެގުމުގެ މައްސަލަ މި ފަހުން ފެންމަތިވީ ށ. ޅައިމަގުގަ އެވެ. ކުނި ކޮއްޓަކާއި ކުޑަކުދިންގެ ޕާކެއް ހަދަން 30،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ސާފުކުރަން، މިހާތަނަށް 500 އެއްހާ ރުއް ނަގާފައިވާ ކަމަށްވެ އެވެ. އެ ރުއްތައް ބުޑުން ނަގައިގެން ގެންދަނީ މާލެ އަތޮޅުގައި ހިއްކައިގެން މިހާރު ހަދަމުން އަންނަ ރިސޯޓަކަށް ކަމަށް، އެނގިފައިވެ އެވެ.

އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޅައިމަގު ކައުންސިލަށް ހުއްދަ ދީފައި އޮތީ ކުނި ކޮއްޓާއި އެތަނަށް ދާން ހަދާ މަގު ހިމެނޭ ސަރަހައްދުގައި ހުރި ރުއްގަސްތައް ނަގާށެވެ. ކުޑަކުދިންގެ ޕާކެއް ހަދަން 20،000 އަކަފޫޓުގެ ސަރަހައްދެއް ސާފުކުރަން ހުއްދަ ދީފައިނުވާނެ ކަމަށް އީޕީއޭ އިން ބުނެ އެވެ. އެހެންކަމުން، އީޕީއޭ އިން ބުނީ، އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ރުއްވާ ބޮޑު ޅައިމަގުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އީޕީއޭ އިން މައްސަލަ ބަލާ ކަމަށް ބުންޏަސް އަދިވެސް އެ ރަށުން ރުއްތައް ނަގައިގެން ގެންދިއުން ހުއްޓުމަކަށް ނާދެ އެވެ.

އެހެން ރަށްރަށުން ރިސޯޓްތަކަށް ރުއްގަސް ގެންދިއުމަކީ އާންމު ކަމެކެވެ. ނަމަވެސް ހިއްކައިގެން ހަދާ ރިސޯޓްތައް ގިނަވުމާ އެކު، ރުއް ބޭނުންވާ އަދަދު ވަނީ ކުރިއަށް ވުރެ މާ ބޮޑަށް އިތުރުވެފަ އެވެ. އެހެންކަމުން އެހެން ރަށްރަށުގެ ރުއްވާތަކުން ހާއަޅާ މިންވަރަށް، ރުއްތައް ދަނީ ނަގަމުންނެވެ.

އާބާދީ ކުޑަ މި ރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ ނަމުގައި މި ބޮޑު ސަރަހައްދުން ރުއްގަސް ނަގަން ވަނީ ފަށާފައި -- ފޭސްބުކް ފޮޓޯ: ޅައިމަގު އޮންލައިން

ރިސޯޓްތަކުން މި ދުވަސްވަރު ރުކެއް ގަންނަ އަގު އުޅެނީ 1،500-3،000ރ އާ ދެމެދުގައި ކަމަށް، އެ ވިޔަފާރީގައި އުޅޭ މީހަކު ބުންޏެވެ. ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެ މީހާ ބުނި ގޮތުގައި ރަށްރަށުގެ އާާންމުންގެ އަތުން ރުކެއް ގަންނަނީ 500-800ރ އާ ދެމެދުގެ އަގުތަކުގަ އެވެ.

ރުއް ވިއްކާ ރަށަށް ލޭންޑިން ކްރާފްޓް ގޮސް، އެކްސްކަވޭޓަރު ފަދަ އެއްޗެހި ބޭނުންކޮށްގެން އެ ރުއްތައް ނަގަައިގެން ރިސޯޓްތަކަށް ގެންދަނީ ވެސް، މެދުވެރިއެއްގެ ރޯލް ކުޅޭ އެޖެންޓުންނެވެ.

ޅައިމަގުން ނަގާފައިވާ ރުއްތަކެއް، ރަށުން ބޭރުކުރެވެންދެން ބާއްވާފައި -- ފޮޓޯ: ފޭސްބުކް

ކުރިން ވާހަކަ ދެއްކި މީހާ ބުނީ ރުއް ގިނަ ރަށްރަށް ބަލައިގެން އެ ރަށްރަށުގެ ކައުންސިލްތަކާ، ބައެއް އެޖެންޓުން، "ޑީލް" ހަދާ ކަމަށެވެ. ދެން ކުޑަކުދިންގެ ޕާކެއް ނުވަތަ ރައްޔިތުންނަށް ބޭނުންވާ ކޮންމެވެސް އެހެން ތަނެއް ހެދުމުގެ ނަމުގައި ބޮޑު ސަރަހައްދަކުން ރުއްގަސް ނަގަނީ ކަމަށް އޭނާ ބުންޏެވެ.

އީޕީއޭގެ އެއް ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ރުއް ކަނޑަން ނުވަތަ އުފުރާ ނަމަ އެ އޮތޯރިޓީގެ ހުއްދައެއް ނަގަން ޖެހެ އެވެ. އަދި 200 ރުކަށް ވުރެ ގިނައިން އެއް ފަހަރާ ރުއް ނަގާ ނަމަ އީއައިއޭ ރިޕޯޓް ހަދަން ޖެހެ އެވެ. ނަމަވެސް ޕާކާއި ކުނި ކޮށި ހެދުން ފަދަ އިޖުތިމާއީ އެކި ކަންކަމަށް ހުސްކުރާ ބިންތަކަށް އީއައިއޭ ނުހަދައި ހުއްދަ ދެ އެވެ.

އެ ފަސޭހައިގެ ނާޖާއިޒު ފައިދާ ކައުންސިލްތަކުން ނަގާ ކަމަށް، ތިމާވެށީގެ ހިމާޔަތުގައި އުޅޭ ބައެއް މީހުން ބުނެ އެވެ. މިސާލަކަށް ޅައިމަގުގައި ގިނަ އަދަދެއްގެ ރުއް އޮތް ސަރަހައްދަކުން، ކުޑަކުދިންގެ ޕާކެއް ހަދަން 20،000 އަކަފޫޓުގެ ބިމެއް ހުސްކުރުމެވެ. މުޅި އާބާދީގައި 1،000 މީހުން ވެސް ހަމަނުވާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ހަދަން އެހާ ބޮޑު ސަރަހައްދެއް ކޮށާލުމުގެ ބޭނުމެއް، ތިމާވެށީގެ ހިމާޔަތްތެރިންނަކަށް ނުވިސްނެ އެވެ.

ޅައިމަގުން އެތައް ސަތޭކަ ރުކެއް ނަގާފައިވާ ސަރަހައްދުތައް މާކްކޮށްފައި: ރުއްވާ ބޮޑު މި ރަށުން މިފަހުން 500 އަށް ވުރެ ގިނަ ރުއް ވަނީ ނަގައިގެން ގެންގޮސްފައި - ފޭސްބުކް ފޮޓޯ: ޅައިމަގު އޮންލައިން

އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގާ މައްސަލަ ބޮޑުވުމުން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން އެފަދަ ކަންކަން ހުއްޓުވާފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ރަށެއްގެ ނަމެއް އަދި ތަފްސީލެއް ވެސް އޭނާ ނުދެއްވަ އެވެ.

ތިމާވެށީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ބޮޑު ސަރަހައްދަކަށް ރުކުގެ މޫ ފެތުރޭތީ އެއީ ރަށްރަށުގެ ބިންގަނޑަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އެހެންކަމުން އެއްފަހަރާ ގިނަ ރުއްތަކެއް އުފުރާލުމުން ރަށް ގިރުން ފަދަ މައްސަލަތައް ކުރިމަތި ވެދާނެ ކަމަށް އެ މީހުން ބުނެ އެވެ.