ޚަބަރު / ކާށި

މާފަރުން ބޭރުކުރަން އުޅުނު ރުއްތައް އަނބުރާ ރަށަށް ބާލައިފި

މާފަރުން ނެގި ރުއްތައް އަންގާރަދުވަހު ކޮޅުވެއްޓިއަކަށް ބަރުކުރަނީ: ދެ ދުވަސް ވަންދެން ކޮޅުވެއްޓީގައި ބެހެއްޓުމަށް ފަހު މި އެއްޗެހި މިއަދު ވަނީ އަނބުރާ ރަށަށް ބާލާފައި.

ގަވާއިދާ ޚިލާފަށް ނ. މާފަރުން އުފުރައިގެން ހުއްދަ ނެތި އެ ރަށުން ބޭރުކުރަން އުޅުނު ބޮޑެތި ރުއްތައް ކޮޅުވެއްޓިއަކަށް ބަރުކުރިތާ ދެ ދުވަސް ފަހުން އަނބުރާ އެ ރަށަށް މިއަދު ބާލައިފި އެވެ.

ޔުނައިޓް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ގެންދަން އުޅުނު ކަމަށް ބެލެވޭ ސާޅީހަކަށް ރުއް މިދިޔަ އަންގާރަދުވަހު ކޮޅުވެއްޓި އަށް އެރުވުމަށް ފަހު ނުފުރާ އޮވެ މިއަދު މެންދުރުފަހު އެއިން ރުއްތައް ބޭލީ މާފަރު މީހަކު އެކަން ފަޅާއަރުވާލައި "މިހާރު"ގައި އިއްޔެ އެކަން ރިޕޯޓްކުރުމާ ގުޅިގެން މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަދި ރާއްޖެ އިން ބޭރަށް ރުއްތަކެއް ގެންދަން އުޅެނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނި ފަހުންނެވެ.

ހުއްދަ ނެތި މާފަރުން 300 ރުއް ނަގަން މަސައްކަތް ފަށައިގެން އުޅެނިކޮށް އެ ރަށުގެ ބައެއް މީހުން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އެކަން ރިޕޯޓްކުރުމުން އެ ތަނުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެކަމަކު ވެސް، އެހާތަނަށް ނަގައި ވެއްޔާ އެކު ބުޑު ރަނގަޅަށް ބަންދުކޮށްފައި ހުރި ރުއްތައް ކޮޅުވެއްޓި އަށް ބަރުކުރީ އެވެ.

އެކަމަކު "މިއަދު މެންދުރުފަހު ރުއްތައް ކޮޅުވެއްޓިން ބާލައިގެން އަނބުރާ އެއާޕޯޓް ސައިޓަށް ގެންގޮސްފި،" މާފަރު މީހަކު ބުންޏެވެ.

މާފަރުން އުފުރި ރުއްތައް ޕެކްކޮށްފައި

އެ މައްސަލައިގައި "މިހާރު" އިން ކުރިން ކުރި ސުވާލުތަކަކަށް ޖަވާބުދެމުން އީޕީއޭ އިން މިއަދު ބުނިގޮތުގައި މާފަރުން 300 ރުއް ބޭރުކުރުމުގެ ހުއްދައަކަށް އެދި، މާލާ ހައި ރައިޒިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން، މިދިޔަ ބުރާސްފަތިދުވަހު އެ އޭޖެންސީ އަށް ހުށަހަޅާފައިވެ އެވެ. އެކަމަކު "ބޭނުންވާ މައުލޫމާތުތަކާއި ބަލަން ޖެހޭ ކަންކަން ފުރިހަމަވެފައި ނުވާތީ" އެފަދަ ހުއްދައެއް މިހާތަނަށް ދީފައި ނުވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

ކަސްޓަމްސްގެ ޓްވީޓްގައި، ރުއްތަކެއް ރާއްޖެ އިން އެކްސްޕޯޓްކުރުމުގެ ހުއްދައެއް ދީފައި ނުވާނެކަން ވެސް ފާހަގަކުރި އިރު ރާއްޖެ އިން ބޭރަށް ގަސް ގެންދިޔުމަށް އެގްރިކަލްޗަ މިނިސްޓްރީން ދޫކުރާ އެއްވެސް ބާވަތެއްގެ ހުއްދައެއް، ރުއްތަކަކަށް ދީފައި ނުވާނެކަން އެ މިނިސްޓްރީން ވެސް "މިހާރު" އަށް އިއްޔެ ކަށަވަރުކޮށްދިނެވެ.

އީޕީއޭ އިން އިތުރަށް ބުނިގޮތުގައި މާފަރުން ގަވާއިދާ ޚިލާފަށް ރުއް އުފުރާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބުމާ ގުޅިގެން އެކަން ހުއްޓުވަން ފުލުހުންގެ ކިބައިން ވާނީ އެދިފަ އެވެ.

ކޮޅިވެއްޓި އަށް އެރުވި ރުއްތައް ބޭރުކުރަން އުޅުނީ ޔޫއޭއީ އަށް ކަން ދެނެހުރި އެ ރަށު މީހަކު "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި އަބޫ ދާބީ ފަންޑުން ހިލޭ 60 މިލިއަން ޑޮލަރު ދީގެން އެ ރަށުގައި ހަދައި ނިމެމުން އަންނަ އެއާޕޯޓަށް ބޭނުންވާ ސާމާނުތަކެއް ހިފައިގެން އައި އެ ގައުމުގެ މުދާ އުފުލާ ބޯޓަކަށް، ކޮޅުވެއްޓީގައި، އެ ރުއްތައް ގެންދަން އޮތީ ނިންމައިފަ އެވެ. "ޓްރެވެލާ އަބޫ ދާބީ" ކިޔާ އެ ބޯޓު ހުސްކުރުމަށް ފަހު މާފަރު ބޭރުގައި އަޅާފައި އޮތް މަންޒަރާއި ރުއްތައް ކޮޅުވެއްޓި އަށް ބަރުކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯތައް "މިހާރު" އަށް ލިބިފައިވެ އެވެ.

އަބޫ ދާބީގެ ބޯޓު މާފަރު ބޭރުގައި

ނަން ހާމަ ނުކުރަން އެދި ވާހަކަދެއްކި މާފަރު މީހާ ބުނިގޮތުގައި އެއާޕޯޓުގެ ކޮންސަލްޓެންޓަކަށް ހަމަޖައްސާފައިވާ އެމެރިކާގެ ކުންފުނިން ވަނީ އެ ރަށުން 300 ރުއް ނަގަން ރަށުގެ ދެ މީހަކާ ހަވާލުކޮށްފަ އެވެ. އަދި އީޕީއޭ އިން ހުއްޓުވަންދެން އެކަން ކުރަމުން ގެންދިޔައީ އެއާޕޯޓްގެ ސިންގަޕޫރު ކޮންޓްރެކްޓަރު ޓަފް އޯފްޝޯ އިން ފޯރުކޮށްދިން ވެހިކަލް ބޭނުންކޮށްގެން ކަމަށް އޭނާ ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި ނެގި ހުރިހާ ރުއްތަކެއް ހުރީ 30-40 ފޫޓަށް ހެދިފަ އެވެ.

ރަށު މީހުންނަށް އެނގިފައި އޮތީ އެއާޕޯޓް ސަރަހައްދު ފެހިކުރަން 300 ރުއް ނަގަން އުޅޭ ކަމެވެ. އެކަމަކު، އުފުރި ރުއްތައް އެއާޕޯޓަށް ސައިޓަށް ގެންދިޔުމަށް ފަހު ސަތަރީގައި ބަންދުކޮށްފައި ހުރި ތަން ފެނުނު މީހުންނަށް، އެއީ ދޮގެއްކަން އެނގުނެވެ.

އަބޫ ދާބީ ފަންޑުގެ އެހީގައި މާފަރު އެއާޕޯޓް ހަދަން ފެށީ، އެ ރަށް ކައިރީގައި އޮންނަ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު، ޔޫއޭއީގެ ޝާހީ އާއިލާގެ ބޭފުޅަކު މިދިޔަ އަހަރު ބައްލަވައިގަތް ފަހުންނެވެ. އަދި އެ އާއިލާގެ ބޭފުޅެއްގެ ބޭނުމަށް، ހުއްދަ ނަގައިގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާފަރުން އަބޫ ދާބީ އަށް 30 ކުދި ރުއް ގެންގޮސްފައިވާ ކަމަށާއި މި ފަހަރު 300 ރުއް ގެންދަން އުޅުނީ ވެސް އޭނާ ކަމަށް މާފަރު މީހާ ބުނެ އެވެ.

ފުޅާދާއިރާއެއްގައި ރާއްޖޭގެ ރަށްރަށުން ރުއްގަސް ނަގައިގެން އެހެން ތަންތަނަށް ގެންދާ މައްސަލަ މި ދަނޑިވަޅުގައި ވަނީ ބޮޑުވެފަ އެވެ. އާއްމުގޮތެއްގައި އެފަދަ ރުއްގަސް ގެންދަނީ ފަޅު ހިއްކައިގެން ހަދަމުން އަންނަ ރިސޯޓުތައް ފެހިކުރުމަށެވެ.

ރުއްގަސް ނަގައި ރަށްރަށުން ބޭރުކުރާ މައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ. އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި "ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ ދޭތެރޭ [ކަމާ ބެހޭ] ގަވާއިދުގެ ދަށުން މިދަނީ ފިޔަވަޅު އަޅަމުންނެވެ."

5 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާށި

02 November 2018

ރުއް ނުގެންގޮސް ކާށި ގެންދެބަލަ

The name is already taken The name is available. Register?

ައައިސާ

02 November 2018

ރ. އިފުރުން ވެސް ރާއްޖެއިން ބޭރަށް އެތައް ރުއްތަކެއްވަނީ ބޭރުކޮށްފައި. ކީއްވެ އެވާހަކަ ނުދައްކަނީ. ހަމައެގޮތައް ރުއް އުފުރާ ވިއްކާނެ ވަރަކަށް ވިއްކާ ނުވިކިހުރި ރުއްތަކަށް ހެދީ ކިހިނެއްބާ؟ އެރުްނތަކުގެ އުދަގޫ މިހާރު ކުރިމަތި ވެރފައިމިވަނީ ކީއްވެބާ؟. މީވަރަށް ވާހަކަ.

The name is already taken The name is available. Register?

ވަޙީދު

02 November 2018

ހުއްދަ ދީގެން ކުރާ ވާހަކަ ނުދައްކާނެ.

The name is already taken The name is available. Register?

ހެނބަދޫ ކުއްޖެއް

02 November 2018

ހެނބަދޫ ފުޓްބޯޅަ ދަނޑު ތެރޭގައި ހުރި ނިކަގަހަށް ވީގޮތް އީޕީއޭ އަށް އިނގޭބާ؟ އެކަހަކީ ރަށުގައި ހިމާޔަތްކޮއްފައި ހުރި ގަހެކޭ ކިޔާ. މީގެ އިތުރުން މަހުޖަނެއްގެ އަމިއްލަ އެދުމަށް ރަށުގައި ކުރާ މަސައްކަތަކަށް ރަށުން ގިނަ އަދަދެއްގެ ރުއްގަސް ވަނީ ނަގާފަ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

02 November 2018

ޤައުމު ސުންނާފަތި ކޮއް ނިންމައިފި. ދަރިންނޭ މިކަހަލަ ކަންކަމުގައި ކެރިގެން ކުރިމަތި ލައިގެން ނޫނީ މި ޤައުމެއް ސަލާމަތެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454