ރުއްގަސް ނެގުން މެކުހަށް! އެންމެ ފަހުން ބޭރަށް ވެސް ގެންދަނީ؟

ރާއްޖޭގެ ރަށްރަށުން ފުޅާ ދާއިރާއެއްގައި ރުއްގަސް ނަގައި އެ އެއްޗެހި އެހެން ތަންތަނަށް ގެންދިޔުމާ މެދު ކަންބޮޑުވުން އުފެދިފައިވާ މި ދަނޑިވަޅުގައި ނ. މާފަރުން ގަވާއިދާ ޚިލާފަށް ރުއްތަކެއް ނަގައި ހުއްދަ ނެތި ރާއްޖެ އިން ބޭރަށް ގެންދަން އުޅޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.


މާފަރުގައި ދިރިއުޅޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ހުއްދަ ނެތި އެ ރަށުން ރުއްތަކެއް ނަގާތީ އެ މީހުން އެ މައްސަލަ އެ އޭޖެންސީ އަށް ރިޕޯޓްކުރުމުން މި ހަފްތާގައި އެކަން ހުއްޓުވާފައި ވަނިކޮށް، އެހާ ތަނަށް ނަގާފައި ހުރި ރުއްތައް އެ ރަށުން ބޭރުކުރަން ކޮޅުވެއްޓިއަކަށް ބަރުކުރި އެވެ. އަދި ދެން އެ ރުއްތައް ގެންދަން ހަމަޖެހިފައި ވަނީ، މާފަރު ބޭރުގައި އަޅާފައި އޮތް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބޯޓެއްގައި، އެ ގައުމުގެ ވެރިރަށް އަބޫ ދާބީ އަށް ކަމަށް އެ މީހުން ބުނެ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް "މިހާރު"އާ ވާހަކަދެއްކި މާފަރު މީހަކު ކިޔައިދިން ގޮތުގައި އަބޫ ދާބީ ފަންޑުގެ އެހީގައި އެ ރަށުގައި ހަދައި ނިމެމުން އަންނަ އެއާޕޯޓުގެ ކޮންސަލްޓެންޓަކަށް ހަމަޖައްސާފައިވާ އެމެރިކާގެ ކުންފުނިން ވަނީ އެ ރަށުން 300 ރުއް ނަގަން ރަށުގެ ދެ މީހަކާ ހަވާލުކޮށްފަ އެވެ. އަދި އީޕީއޭ އިން ހުއްޓުވަންދެން އެކަން ކުރަމުން ގެންދިޔައީ އެއާޕޯޓްގެ ސިންގަޕޫރު ކޮންޓްރެކްޓަރު ޓަފް އޯފްޝޯ އިން ފޯރުކޮށްދިން ވެހިކަލް ބޭނުންކޮށްގެން ކަމަށް އޭނާ ބުނެ އެވެ.

"މި ވަގުތު ކޮޅުވެއްޓި އަށް ބަރުކުރަން ގެންގޮސްފައި ހުރި ރުކުގެ އަދަދު 30-40 އަށް އަރާނެ ކަމަށް ލަފާކުރެވޭ،" މަންޒަރު ދުށް މީހަކު އިއްޔެ ކިޔައިދިނެވެ.

"އެއާޕޯޓަށް ބޭނުންވާ މެޓީރިއަލްތަކެއް މި ރަށަށް ގެނައި އަބޫ ދާބީގެ ކާގޯ ބޯޓެއް ހުސްކޮށްފައި ރަށުގެ ބޭރުގައި އަޅާފައި އެބަ އޮތް. އަޅުގަނޑުމެން ހޯދި މައުލޫމާތުތަކުން ވަރަށް ބޮޑަށް ޔަގީންވާ ގޮތުގައި ރުއްތައް މި ގެންދަނީ އެ ބޯޓަށް. އެކަމަކު މި ކަން ކުރަން އެއްވެސް ކަހަލަ ހުއްދައެއް ލިބިފައި އޮތް ކަމަކަށް ނުބެލެވޭ."

މި ކަމާ ބެހޭ ގޮތުން ރަސްމީ ފަރާތެއްގެ ބަހެއް އަދި ނުލިބެ އެވެ. އީޕީއޭ އަށާއި ރަށު ކައުންސިލަށް ގުޅޭ ގޮތެއް ނުވި އެވެ.

މާފަރުން ރުއްތަކެއް ބޭރުކުރަނީ ކޮން ބައެއް، ނުވަތަ ކާކުގެ ބޭނުމަކަށް ކަމެއް ކަށަވަރެއް ނުވެ އެވެ.

އަބޫ ދާބީ ފަންޑުން ހިލޭ 60 މިލިއަން ޑޮލަރު ދީގެން މާފަރު އެއާޕޯޓް ހަދަން ފެށީ، އެ ރަށް ކައިރީގައި އޮންނަ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު، ޔޫއޭއީގެ ޝާހީ އާއިލާގެ ބޭފުޅަކު މިދިޔަ އަހަރު ބައްލަވައިގަތް ފަހުންނެވެ.

މާފަރުން އިތުރު ރުއްތަކެއް މި ނެގީ އެއާޕޯޓް އަޅަން އެ ރަށުގެ ބޮޑު ސަރަހައްދަކުން ކުރިން ވެސް ގިނަ އަދަދެއްގެ ރުއްގަސް ނަގައި ސާފުކޮށްފައި ވަނިކޮށެވެ.

މާފަރުން ރުއްތަކެއް ކޮޅުވެއްޓިއަކަށް އިއްޔެ ބަރުކުރަނީ

"ގޭސްގަނޑެއް"

މާފަރުގެ ބައެއް މީހުން ބުނާގޮތުގައި ރައްޔިތުންނަށް އެނގިފައި އޮތީ، ރަށުން އިތުރު ރުއްތަކެއް ނަގަނީ އެއާޕޯޓް ސަރަހައްދު ފެހިކުރުމުގެ ބޭނުމުގައި ކަމެވެ. އެކަމަކު އެއީ "އޮޅުވާލުމެއް" ކަން ފަހުން އެނގި، ރަށު މީހުން ތިބީ ކަންބޮޑުވެފައިކަން އެކަކު ފާހަގަކުރި އެވެ.

"އެއާޕޯޓް އަޅާ ފަރާތުން ބޭނުންވި ކަމަށް އެނގިފައި އޮތީ 300 ރުއް އެއާޕޯޓުގައި ޖަހަން. އަޅުގަނޑުމެން ހީކުރީ އެ ތަން ފެހިކޮށްލާށޭ މި އުޅެނީ. އެކަމަކު މި ހުރިހާ ކަމެއްގެ ވާނުވާ ބަލައިލީމާ މި އެނގުނީ މި އުޅެނީ އެއާޕޯޓް ތެރޭގައި އެއްޗެއް ޖަހާކަށް ނޫންކަން، މި އުޅެނީ އެ އެއްޗެހި ބޭރުކުރަންކަން،" އޭނާ ބުންޏެވެ.

"އެއާޕޯޓް ސައިޓް ތެރެއަށް ވަދެ އަޅުގަނޑު ބަލައިލި އިރު ހުރިހާ ރުކެއް ހުރީ ސަތަރި އޮޅައި ޕެކްކޮށްފައި. އެއީ ރާއްޖޭގެ ތަނެއްގައި ޖަހަން އެ ރުއްތައް ގެންދަން ހަދާފައި ހުރި ޕެކިންއެއް ނޫން. ބޮޑު މައްސަލައަކީ އެއާޕޯޓުގައި ޖަހާށޭ ކިޔާފައި ގޭސްގަނޑެއް އަނބުރާފައި ރުއްކޮޅު ބޭރުކުރަން ހިފައިގެން އުޅުން. ދެން އަޅުގަނޑުމެން ކުރި މަސައްކަތުން ރުއް ނެގުން ހުއްޓިފައި އޮތީ، ވަގުތީ ގޮތުން. އީޕީއޭ އަށް ގުޅީމަ ބުނީ މާފަރުގެ އެއްވެސް ތަނަކުން ރުއް ނަގަން ހުއްދަ ދީފައެއް ނޯންނާނެއޭ."

މާފަރުން ނަގާފައި ހުރި ރުއްތަކެއް ޕެކްކޮށްފައި

އެ މީހާ އިތުރަށް ކިޔައިދިން ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް މާފަރުން އަބޫ ދާބީ އަށް 30 ރުއް ގެންގޮސްފައިވެ އެވެ. އެކަމަކު އެއީ ކުދި ރުއްތަކެއް ކަމަށާއި ފަހުން ބޮޑެތި ރުއް ބޭނުންވާނެކަން އޭރު ރުއްތައް ގެންދިޔަ ފަރާތުން އޮތީ އަންގާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު މި ހިނގަނީ އެ ކަން ކަމަށް އަޅުގަނޑުމެން މި ބަލަނީ،" އެ މީހާ ކިޔައިދިނެވެ.

"ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެ ނޫން ގޮތެއް ނެތިގެން ހަމައެކަނި ޟަރޫރީ ބޭނުމަކަށެވެ."

ރައްޔިތުންގެ ރުއްގަހުން ރިސޯޓްތައް ފެހިކުރަނީ

މިއީ މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ނަގައި ބޭރުކުރުމުގެ މިފަދަ ބޮޑެތި ގިނަ ކަންތައްތަކެއް ރާއްޖޭގައި ހިނގަމުންދާ ދުވަސްވަރެކެވެ. އަދި އެ އެއްޗެހި ގިނައިން ގެންދަނީ ރިސޯޓުތައް ހަދަމުން އަންނަ ތަންތަނަށް ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. ބައެއް ރުއްގަސް ވިއްކާލާ އިރު، އަނެއް ބައި ރުއްގަސް ގެންދަނީ ރިސޯޓުގެ ފަރާތުން ކޮށްދޭ ކަމެއްގެ ބަދަލެއްގެ ގޮތުގައި، ހިލެ އެވެ.

މި ކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުން އަންނަ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ އާދަމް (އެޑަމް) ބުނާގޮތުގައި މި ފަހުން މި ގޮތަށް ފުޅާ ދާއިރާއެއްގައި ރުއްގަސް ނަގައިގެން ގެންގޮސްފައިވާކަން އޭނާ އަށް އެނގިފައިވާ ރަށްރަށުގެ އަދަދު މަދުވެގެން ހަޔަކަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކ. ކާށިދޫ، ނ. މާފަރު، ށ. ޅައިމަގު، ޅ. މަޑިވަރު އަދި ދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އުއްދޫ އެވެ.

މައިގަނޑު ގޮތެއްގައި މިފަދަ ރުއްގަސް ގެންދަނީ އާ ރިސޯޓްތައް ފެހިކުރުމަށެވެ؛ އަދި އޭގެ ތެރޭގައި، އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ ތެރެއިން ދޫކޮށްފައިވާ ފަޅުތައް ހިއްކައިގެން ހަދާ ތަންތަން ވެސް ހިމެނޭކަން އެޑަމްގެ މައުލޫމާތުތަކުން އެނގެ އެވެ. މިހާ ގިނަ އަދަދަކަށް ރަށްރަށުން ރުއްގަސް ބޭރުކުރުން ފެށުނީ ވެސް އެ މަޝްރޫއުތައް ފެށި ފަހުންނެވެ.

"މި ގޮތަށް ރުއްގަސް ނެގުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އިތުރުވަމުން އައިސް މިހާރު އެކްސްޕްލޯޑްވެގެން މި އުޅެނީ. އަހަރެމެންނަށް މި އެނގެނީ މަދު ރަށްރަށެއްގެ ވާހަކަ. ނޭނގި ކިތައް ކަންތައް ހިނގާފައި އެބަ ހުރިތޯ އެއީ ސުވާލެއް،" އެޑަމް ބުންޏެވެ.

"ގަސްތައް ނަގައިގެން މި ގެންދަނީ ރިސޯޓްތަކަށް. އަޑެއް އިވިގެން ރަށްރަށުގެ މީހުންނަށް ގުޅީމަ ދޭ މައުލޫމާތުންނާއި ލިބޭ ފޮޓޯތަކަށް ބަލައިލާ އިރު ކަން ހިނގާ ގޮތަކީ އެއީ."

އޭގެ އެއް މިސާލަކީ ށ. ޅައިމަގެވެ. ހުއްދަ ނުދޭ ސަރަހައްދެއް ވެސް ހިމެނޭ ގޮތަށް އެ ރަށުން އެތަކެއް ރުއް ނަގާފައި ވަނީ މާލެ އަތޮޅުގައި ހަދަމުންދާ ރިސޯޓަކުން އެކްސްކެވޭޓަރެއް ފޮނުވައިގެން އެ ރިސޯޓަށް ގެންދަން ކަމަށް ރަށުގެ ބައެއް މީހުން މި ހަފްތާގައި "މިހާރު" އަށް ކިޔައިދީފައިވެ އެވެ.

އޭގެ އިތުރުން، އެޑަމް ބުނާގޮތުގައި، އުއްދޫން ނެގި ރުއްތައް، ދ. އަތޮޅު އަލުވިފުށީގައި ހަދަމުން އަންނަ ރިސޯޓަށް ގެންދިޔަ ކަމުގެ ފޮޓޯ ހެކި އޭނާ އަށް ލިބިފައި އެބަ ހުއްޓެވެ.

ދ. އުއްދޫން ރުއް ނަގަނީ

"ފަހަކަށް އައިސް، މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން" ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފަ އެވެ.

އެޑަމް ފަދަ އެކްޓިވިސްޓުންނާއި ތިމާވެށީގެ ބައެއް މާހިރުން ދެކޭ ގޮތުގައި ރިސޯޓްތަކަށް ބޭނުންވާ ރުއްގަސް ހޯދިދާނެ އެހެން ގޮތްތައް އެބަ ހުއްޓެވެ. މިސާލަކަށް ނާސަރީތަކެއް ހެދުމެވެ.

"މި ކަން ރަނގަޅަށް ކުރެވިދާނެ. އެއް ގޮތަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ނާސަރީތަކެއް ހަދައި އެ ތަންތަން ބަލަހައްޓަން އެހީތެރިވެދިނުން. މިއީ ސީއެސްއާރުގެ ތެރެއިން ރިސޯޓްތަކަށް ކުރެވިދާނެ ކަމެއް،" އެޑަމް ފާހަގަކުރި އެވެ.

ނަގަން ޖެހޭ ރުއްގަސް "އަލުން ޖަހަން ވާނީ އެ ރަށެއްގައި"

ރުއްގަސް ބޭރުކޮށްފައިވާ ބައެއް ރަށްރަށުން ބޮޑެތި ސަރަހައްދުތަކެއް ސާފުކޮށް ރުއްގަސް ނަގާފައި ވަނީ އެއާޕޯޓާއި މަގު ހެދުން ފަދަ މަޝްރޫއުތައް ހިންގުމަށެވެ. އެކަމަކު އެކަން ކުރުމުގައި ގެއްލުން ކުޑަކުރުމުގެ ވިސްނުމެއް ގެންގުޅެފައި ނެތް އިރު ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން ވެސް ފާހަގަކުރެވެ އެވެ؛ ޚާއްސަ ގޮތެއްގައި، ޅައިމަގުގައި ވެސް ކަން ހިނގި ގޮތަށް، ހުއްދަ ދޭ ވަރަށް ވުރެ ގިނައިން ރުއްގަސް ނެގުމާއި މަނާ ތަންތަނުން ނެގުމުގެ އިތުރުން ބަދަލުގައި ރުއްގަސް ނުއިންދުމެވެ.

ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ގަވާއިދު ލާޒިމުކުރާ ގޮތުން ރަށަކުން ބޭރުކުރާ ކޮންމެ ރުކަކަށް ދެ ރުއް އަދި ކޮންމެ ގަހަކަށް ދެ ގަސް އެ ރަށެއްގައި އިންދައި ހައްދަން ޖެހޭނެ އެވެ. އަދި ފަހުން އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހެއް ބުނާގޮތުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުއަކަށް ނަގާ ކޮންމެ ރުއްގަހަކަށް ހަ ރުއްގަސް އެ ރަށުގައި އިންދައި ހައްދަން ޝަރުތުކުރަން ޖެހެ އެވެ.

"ހިއެއް ނުވޭ އެކަކަށް ވެސް ދެއްކޭނެ ހެނެއް މިއިން ޕްރޮޖެކްޓެއްގައި ގަސްތަކެއް ކަނޑާލައިގެން ބަދަލުގައި ދެ ރުއް އިންދާފައި ހުރި ތަނެއް. މިސާލަކަށް ކުޅުދުއްފުށި ކުޅިއަކީ އެކަމުގެ ވަރަށް ރަނގަޅު މިސާލެއް. ބައިވަރު ރުއް ގަސް ކެނޑިގެން ދިޔައީ، އެކަމަކު އެންމެ ގަހެއް ވެސް އިންދިފައެއް ނެތް،" އެޑަމް ފާހަގަކުރި އެވެ.

ރުއްގަހާ ބެހޭ ގަވާއިދުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި ކަމާ ބެހޭ ވަކި އުސޫލުތަކެއް ކަނޑައެޅީ "ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމުގެ ސަބަބުން ރަށްރަށުގެ ތިމާވެއްޓަށާއި ދިރޭތަކެތީގެ ނަސްލަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ކުޑަކުރުމާ އެކު ދެމެހެއްޓެނިވި ތަރައްގީ އަށް މަގުފަހިކުރު"މަށެވެ.

ކ. ކާށިދޫން ނެގި ރުއްތަކެއް އުޅަނދަކަށް ބަރުކުރަނީ

ގަވާއިދުގައި ބުނެފައިވާ ގޮތުން ވަކި އުސޫލެއް ނެތި ރަށްރަށުން ރުއްގަސް ކަނޑައި ނުވަތަ އުފުރުން އިތުރުވުމާ ގުޅިގެން ރަށްރަށުގެ ފެހިކަން ދަނީ ކުޑަވަމުންނެވެ. އަދި ބޮޑެތި ގަސްގަސް ކޮނެގެން، ބޮޑު ސަރަހައްދަކުން ފަސްގަނޑާ އެކު ނަގައި ރަށުން ބޭރުކުރުމުގެ ސަބަބުން އުފެދޭ ވަޅުގަނޑުތަކަށް ރަނގަޅަށް ފަސްއަޅައި، ބިންގަނޑު ހަމަނުޖެއްސުމުގެ ސަބަބުން ބިމުގެ ފަސްގަނޑު ދޫވެ ރަށްރަށުގެ ބިންގަނޑަށާއި ފެން ފަށަލަ އަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެއާ އެކު އެ ގަވާއިދު ލާޒިމުކުރާ ގޮތުގައި "ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެ ނޫން ގޮތެއް ނެތިގެން ހަމައެކަނި ޟަރޫރީ ބޭނުމަކަށެވެ."

މިފަދަ ސަބަބުތަކަށްޓަކައި، އެޑަމް ގަބޫލުކުރާ ގޮތުގައި، ގަވާއިދުގެ ރޫހަކީ އެ ރަށަކުން ނަގާ ގަސްތައް އެ ރަށެއްގައި އިންދުމެވެ. އެކަމަކު އީއައިއޭ ހަދާ ބައެއް ފަރާތްތަކުން ވެސް އެ ކަމަށް އިހުމާލުވަމުންދާ ކަމަށް އޭނާ ދެކެ އެވެ.

"އެންމެ އިސްކަން ދޭން ޖެހެނީ ރަށުގައި މިސާލަކަށް ހޭޅިއެއް، ނުވަތަ ހިއްކާފައި ތަނެއް އޮތިއްޔާ ރަށުގައި އެ ގަސްތައް އިންދަން. އެކަމަކު މިހާރު މި ހަދާ ބައެއް އީއައިއޭތަކުގައި ރެކޮމެންޑްކޮށްފައި މި ހުންނަނީ ޕްރައިވެޓް ޕާޓީއަކަށް ގަސްތަކާއި ރުއްތައް ވިއްކާލަން. އެއީ އެކަން ކުރާ ގޮތް ކަމަށް ވެގެން ނުވާނެ. މިހާރު ހަދާފައި މި އޮތް ގަވާއިދުގެ ރޫހާ ވެސް ޚިލާފު އެކަން،" އެޑަމް ބުންޏެވެ.

"މިއީ ރަށްރަށަށް އަންނަ ވަރަށް ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައި ފެންނަނީ. ހަމައެކަނި ތިމާވެށީގެ ކަމެއްގެ ގޮތުގައި މި ކަމާ މެދު ވިސްނޭކަށް ނެތް. އަސްލު މިއީ އަހަރެމެންގެ ދިރިއުޅުމާއި އާދަކާދަ އާއި ސަގާފަތާއި ކެއިންބުއިމަށް ވެސް އަންނާނެ ވަރަށް ބޮޑު ހީނަރުކަމެއް."

ދ. އަތޮޅު އަލުވިފުށީގައި ހަދަމުންދާ ރިސޯޓަށް ގެންދިޔަ ރުއްތަކެއް.

"މުޅިން އެހެން މަގްސަދެއް"

އެޑަމް އަށް ފެންނަނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ނުވަތަ އެފަދަ ކަންކަމުގެ ނަމުގައި "މުޅިން އެހެން މަގްސަދެއް" ހާސިލްކުރަން އުޅޭ މަންޒަރެވެ.

"ބައެއް މީހުން މި ބުނަނީ އީއައިއޭ ހަދައިގެން އެ ތަން ސާފުކުރުމުގެ މައްސަލައަކީ ކޮބާހޭ. އެކަމަކު އަސްލު ކަންތައް ޕްލޭން ވެގެން އަންނަ އިރު މި އޮންނަނީ މުޅިން އެހެން މަގްސަދެއް،" އޭނާ ބުންޏެވެ.

"މި ބުނަނީ ރަށެއްގައި އިމާރާތެއް ކުރަން ގަހެއް ނުނަގާށެކޭ ނޫން. މިސާލަކަށް ޅައިމަގުގައި ހަދާ ކުނި ކޮށި އެއީ ވަރަށް މުހިއްމު ތަނެއް. އެ ތަން އަޅަން ޖެހޭނެ. އެ ތަނަށް ދާނެ މަގެއް ވެސް އޮންނަން ޖެހޭނެ. އެކަމަކު އެކަން ކުރަން ޖެހޭނީ އެންމެ ގެއްލުން ކުޑަވާ ގޮތަކަށް، ކޮންމެހެން ރުއްގަސް ނުނަގާ ނުވެގެން. އެހެން ވެގެން އީއައިއޭގައި ވެސް މި ހަދަނީ. އެކަމަކު ގިނަ ފަހަރަށް އެކަން ނިމޭ އިރު މި އޮންނަނީ މުޅިން އަނެއް ކޮޅަށް ޖެހިފައި."

"ނުބައި މަގްސަދެއް"ގެ އަނެއް މިސާލަކީ ބ. ފުޅަދޫގެ މަގަކުން ބިން ސާފުކުރުމަށާއި އެ ތަނުން އުފުރާ ރުއްގަސް އެހެން ރަށަކަށް ބަދަލުކުރުމަށް އީއައިއޭއެއް ހެއްދުމެވެ. ރަށު ކައުންސިލަށް ހަދައިދީފައިވާ އީއައިއޭގެ ރިޕޯޓުގައި ބުނެފައި އޮންނަނީ އެ ރިޕޯޓަކީ މާލެ އަތޮޅު ބޮލިދުއްފަރުގައި ފަޅު ހިއްކައިގެން ރިސޯޓެއް ހަދަން ބޭނުންވާ ރުއްގަސް ފުޅަދޫން ނަގައިގެން ގެންދިއުމުގެ މަޝްރޫއު އަށް ޓޫރިޒަމް މިނިސްޓްރީން ބޭނުންވާ ހުއްދަ ހޯދަން ވެސް ބޭނުންކުރެވޭނެ ރިޕޯޓެއް ކަމަށެވެ.

އީއައިއޭ ބުނާ ގޮތުން، ރަށުގައި މަގެއް ހަދަން ބޭނުންވާ ސަރަހައްދެއްގެ ބިން ސާފުކުރެވޭނެ ގޮތެއް ކައުންސިލަށް ނެތިފައި އޮއްވާ، ބޮލިދުއްފަރު ރިސޯޓުގެ ލޭންޑްސްކޭޕިން ކޮންސަލްޓެންޓުގެ ފަރާތުން އެ މަސައްކަތް ކޮށްދޭން ހުށަހެޅީ އެވެ؛ ބަދަލުގައި، އެ ރިސޯޓަށް ރުއްގަސް ދޭ ގޮތަށެވެ.

ކައުންސިލްތަކަށް ވެސް ތުހުމަތުތަކެއް

ރުއްގަހުގެ މައްސަލައިގައި ރިސޯޓް ވެރިންނާއި ސަރުކާރުގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކަށް ވެސް ފާޑުކިޔުން އަމާޒުވެފައިވާ އިރު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ބައެއް ކައުންސިލްތަކުން ނުކިއްސަރު ކަންކަން ކުރެ އެވެ؛ ރުއްގަސް ވިއްކުމުގައި ނާޖާއިޒު މަންފާ ނެގުމާއި ރަށަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭން އެއްބަސްވާ މީހުންނަށް ރުއްގަސް ހަދިޔާކުރުމުގައި ވެސް މެ އެވެ.

ގިނަ އަދަދެއްގެ ރުއްގަސް ނަގައި ބޭރުކޮށްފައިވާ ރަށެއްގެ މީހަކު ބުނިގޮތުގައި އެ ރަށުގައި ގަވާއިދާ ޚިލާފަށް އެ ކަން ކޮށްފައި ވަނީ އެ އެއްޗެހި ގެންދާ ފަރާތުން "ރަށަށް ކޮށްދޭން ބުނާ ކުދިކުދި ކަންތައްތަކެއް"ގެ ސަބަބުންނެވެ.

"ކައުންސިލްގައި މި އަހަނީ ރުއްކޮޅުގެ ބަދަލުގައި ކައުންސިލުން ކޮން ކަމެއްތޯ ބޭނުންވަނީ. ދެން ކުދިކުދި ކަންތައްތައް ހުށަހަޅައިގެން މި ކަންތައް މި ކުރަނީ. އެކަމަކު އެ ކަހަލަ ކުދިކުދި ކަންތައްތައް ވޯތެއް ނޫން، މި ކަމުގެ ބޮޑުކަމާ ބަލާފައި،" ނަން ނުޖަހަން ޝަރުތުކޮށް، "މިހާރު"އާ ވާހަކަދެއްކި މީހާ ބުންޏެވެ.

އެޑަމް ދެކޭ ގޮތުގައި ކައުންސިލްތަކުގެ ނިންމުމަކީ އެންމެ ފައިދާހުރި ގޮތަށް ނުވެދާނެ އެވެ.

"ޖަސްޓިފައިކުރަން ވަރަށް ގިނައިން ބުނާ އެއްޗެއް ރަށުގެ ކައުންސިލުން ހުއްދަ ދީގެންނޭ، ނުވަތަ ކައުންސިލުން ބޭނުން ވެގެންނޭ. އެކަމަކު ތިން ކައުންސިލަރުން ނިންމާ ގޮތަކީ ރަށަށް އެންމެ ފައިދާ ހުރި ގޮތް ނުވަތަ ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ނުވެ ވެސް ހިނގައިދާނެ،" އޭނާ ފާހަގަކުރި އެވެ.

ރަށްރަށުން ރުއްގަސް އާދަޔާޚިލާފަށް މަދުވަމުންދާ އިރު މި ގޮތަށް ފުޅާ ދާއިރާއެއްގައި ރުއްގަސް ބޭރުކުރުން އެޑަމް ސިފަކުރަނީ "ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް"ގެ ގޮތުގަ އެވެ. އޭނާ ފާހަގަކުރާ ގޮތުގައި ރުއްގަހުގެ ހަމައެކަނި ދައުރަކީ ވައި ސާފުކުރުމެއް ނޫނެވެ؛ ކާބޯތަކެތީގެ ޔަގީންކަމުން ފެށިގެން ގޮސް ރަށްރަށުގައި ފަންގިވިންނަ އަންހެންވެރިންގެ އާމްދަނީ އާއި ކާރިސާތަކުން ރައްކާތެރިކަން ލިބުމާ ހަމައަށް ވެސް ރުއްގަހުގެ މުހިއްމުކަން ބޮޑެވެ.

"ފިނޮޅަކުން ރަށަކަށް މި ބަދަލުވަނީ ރަށެއްގައި ގަސް ހެދޭ ހިސާބުން. މިއީ ވަރަށް ޒަމާނުން ވާ ކަމެއް. ރަށްރަށުގައި ކަޅު ފަސް ހެދިފައި މި ހުންނަނީ ވަރަށް ގިނަ ދުވަހުން. ދެން 500 ރުއް ނަގައިގެން ގެންދާ އިރު ވަރަށް ބޮޑަށް ވެލިގަނޑާ އެއްކޮށް ކޮނެގެން ނަގައިގެން މި ގެންދަނީ،" އެޑަމް ބުންޏެވެ.

"އެހެންވީމާ ބިންގަނޑު ދޫވޭ އެބަ. އަދި ގަސްތަކާއި ރުއްތައް ނެގީމަ ރަށުގެ ފެން ފަށަލަ އަށް އެބަ އަސަރުކުރޭ. އަނެއްކާ ވައިގަދަވާ އިރު، ރަށުގެ ހޭޅިފަށުގައި ރުއް ހެދިފައި ހުރިއްޔާ ރަށު ތެރެއަށް އަރައިގެން އަންނަ ވައި ރޯޅިން ގެތަކަށާއި މީހުންގެ ތަކެއްޗަށް ލިބޭ ގެއްލުން އެބަ ކުޑަވޭ. އެހެންވީމާ ރުއްގަހަކީ ހަމައެކަނި ކާބަންޑައިއޮކްސައިޑް މަދުކޮށްދޭ އެއްޗެކޭ ކިޔާފައި އެ ހިސާބުން ހުއްޓާލެވޭކަށް ނެތް."

ރުއްގަސް ނަގައި ރަށްރަށުން ބޭރުކުރާ މައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ. އެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި "ހުއްދަ ނެތި މިފަދަ މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ ދޭތެރޭ [ކަމާ ބެހޭ] ގަވާއިދުގެ ދަށުން މިދަނީ ފިޔަވަޅު އަޅަމުންނެވެ."