ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.


މި ލިސްޓުތައް ހައުސިން މިނިސްޓްރީގެ ވެބްސައިޓާއި ގެޒެޓުގައި ވަނީ އާންމުކޮށްފަ އެވެ. ދާއިމީ ލިސްޓު އިއުލާނުކޮށްފައި މި ވަނީ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހުގަ އެވެ.

ހުޅުމާލޭގެ އިތުރުން އެކި ރަށްރަށުގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓް ހޯދުމަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެ އެވެ.

މީގެ ކުރިން ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމު ކުރިއިރު ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ އާއްމުކުރި މިންގަނޑާ އެއްގޮތަށް ޕޮއިންޓް ނުދިނުމެވެ. އެ މިންގަނޑުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެން މަދުން މާކްސް ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި އެވެ.

ފްލެޓްތައް، ކެޓަަގަރީތަކަކަށް ބަހާލުމަށް ފަހު އާއްމުކުރި ފޯމުގައި ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު ވެސް އޮތީ ހާމަކޮށްފަ އެވެ. އެ މިންގަނޑުގައި އޮތީ މާލޭގައި ހޭދަވީ މުއްދަތާއި ވަޒީފާ އަދާކުރާ މުއްދަތާއި ދަރިން ތިިބި އަދަދާއި ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދޭނެ ޕޮއިންޓުގެ އަދަދު ކަނޑައަޅައިފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން މަތިން މާކްސް ލިބި، ފްލެޓް ނުލިބި ތިބި މީހުންނަށް މި މަޝްރޫއުގައި ލިބުނު ޕޮއިންޓްގެ އަދަދު ކުރިއަށް ވުރެ މަދުވި ސަބަބާ މެދު ވެސް ގިނަބަޔަކު ސުވާލު އުފައްދަ އެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ދަރިންގެ އަދަދު އިތުރުވި މީހުންނަށް ވެސް ކުރިން ލިބުނު ޕޮއިންޓަށް ވުރެން މަދުން މި ބުރުގައި ޕޮއިންޓް ދިނުމަކީ މައްސަލައެއްގެ ގޮތުގައި ޝަކުވާ ކޮށްފައިވެ އެވެ. މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން ފްލެޓް ދޫކުރިއިރު ވެސް ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި އެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތަކަށް 15،000 މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން، 704 ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އުފެދުނު ޝަކުވާތައް އަދިވެސް ނުނިމެ އެވެ. މަތިން މާކްސް ލިބުނު މީހުން ތިއްބައި ފްލެޓް "ބަހާލީ" ބޭނުން ބަޔަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް ހައުސިން މިނިސްޓްރީން ދޮގު ކުރެ އެވެ.