ޝަރީފް ފުލުހަށް ހާޒިރުކުރީ ވޯޓުކަރުދާސް ނައްތައިލުމުން

މިދިޔަ ސެޕްޓްމެބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ނައްތައިލި މައްސަލާގައި ސުވާލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޝަރީފް ފުލުސް އޮފީހަށް ވަޑައިގަތީ، އެ މައްސަލާގައި ސުވާލު ކުރުމަށް ޗިޓު ފޮނުވައިގެންނެއް ނޫނެވެ. އެކަމަކު، ފުލުހުންގެ މައި މަރުކަޒަށް އޭނާ ވަދެވަޑައިގަތީ ދެ ވަކީލުންނާ އެކުގަ އެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ، އިންތިހާބުގައި ބޭނުންކުރި ކަރުދާސްތައް މިހާރު ޝްރެޑްކޮށްފައިވާ ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުން އެތަކެތި އަންދާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީސީ އާއި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޝަރީފް ފުލުސް އޮފީހަށް ހާޒިރު ކޮށްފައި ވަނިކޮށް، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވައިލި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ފުލުސް އޮފީހަށް ހުށަހަޅާފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ކުއްލި ގޮތަކަށް ވޯޓު ކަރުދާސްތައް ނައްތައި ލުމަކީ ކުރާ ތުހުމަތަށް އިތުރު ބާރެއް ލިބޭ ކަމެއް ކަމަށެވެ.

މިއީ، ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވި ރިޔާސީ އިންތިޚާބުގައި ޝަރީފް އިސްވެ މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްގެ މެމްބަރުން ތުހުމަތުކޮށްފައި ވަނިކޮށް ޝަރީފް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

ކޯލިޝަން ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، 38،000 ވޯޓުގެ ތަފާތުން ކުރި ހޯއްދެވި އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. އިންތިޚާބު ބާތިލްކުރުމަށް، ރައީސް ޔާމީންގެ ވަކީލުން ހުށަހެޅުއްވި ހެކިތަކަށް ބަލައި ކޯޓުން ހުކުމް އިއްވީ، އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށެވެ.

މިގޮތަށް ނިންމާފައި ވަނިކޮށް ވެސް އިންތިޚާބުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ ބަޔާން ދިނުމަށް އީސީގެ މުވައްޒަފުންނަށް އެކި ފަރާތްތަކުން އަނެއްކާވެސް ގުޅަމުންދާ ކަމަށް ޝަރީފް، އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލަތައް ހައި ކޯޓަށް ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް އަނެއްކާވެސް ބަޔާންތަކެއް ނަގަން ބަޔަކު އުޅޭ ސަބަބާއި އެއީ، ކޮން އިދާރާއަކަށް ހުށަހަޅަން ނަގާ ބަޔާންތަކެއް ކަމެއް ވެސް ސާފުނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.