ވޯޓު ކަރުދާސް ނައްތައިލި މައްސަލަ ތަހުގީގު ކުރަން ޕީޕީއެމުން ގޮވާލައިފި

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ން ވޯޓު އޮޅުވައިލި ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް، އެ ކޮމިޝަނުން ކުއްލި ގޮތަކަށް ވޯޓު ކަރުދާސްތައް ނައްތައިލި މައްސަލަ ތަހުގީގު ކުރުމަށް ޕީޕީއެމުން މިރޭ ގޮވާލައިފި އެވެ.


ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި ޕީޕީއެމުން އެކަމަށް ގޮވާލިއިރު، ވޯޓު ކަރުދާސްތައް ނައްތައިލި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފަ އެވެ. ދެ ގަޑިއެއްހާއިރު ފަހުން ފުލުސް އޮފީހުން ނުކުމެވަޑައިގެން ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޯޓު ކަރުދާސްތައް ނައްތައިލާފައި ވަނީ ގާނޫނުގައި އެ ކަން ކުރަން ބުނެފައިވާ މުއްދަތަށް ވުރެ ވެސް ފަހުން ކަމަށާއި އެކަމާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން އަންނަކަން އަންގާފައި ނެތް ކަމަށެވެ.

މި މައްސަލައިގައި، ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވޯޓު ކަރުދާސްތައް ކުއްލި ގޮތަކަށް ނައްތައިލުމަކީ އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމާއި އެކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑަައިގެންފައިވާކަން އެނގޭ ކަމެއް ކަމަށެވެ. އަދި އެއީ އެ ކޮމިޝަނުން ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން، ކުއްލި ގޮތަކަށް ވޯޓު ކަރުދާސްތައް ނައްތައިލުމުން ހާމަވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

"އިލެކްޝަންސް ކޮމިޝަންގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު، އެ ކޮމިޝަންގެ ރައީސް އަދި މެމްބަރުން އެފަދަ މުހިންމު ގައުމީ މަސްލަހަތާ ގުޅޭ މުއައްސަސާއެއް ހިންގުމުގައި ދެމިތިބުން ނުކުޅެދިފައިވާ ކަމަށް މި ޕާޓީން ދެކެމެވެ. އަދި އެ ކޮމިޝަންގެ މެމްބަރުން ވަގުތުން ވަގުތަށް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ،" ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން އެދިފައި ވަނީ، ވޯޓު ކަރުދާސްތައް ނައްތައިލި މައްސަލަ ތަހުގީގުކޮށް، ކަން ހިނގައި ދިޔަ ގޮތް އާއްމު ކުރުމަށެވެ.

"މި ޕާޓީން ހުށަހެޅި މައްސަލައިގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައި މައްސަލަ ހުށަހެޅި ފަރާތްތައް ޖަވާބުދާރީވެ، އިންސާފު ހޯދައި ދިނުމުގެ ގާނޫނީ ޒިންމާ ފުލުހުން ފަސްނުޖެހި އަދާކުރާނެ ކަމަށް މި ޕާޓީން ދެކެން،" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

ވޯޓު ލުމަށް ބޭނުންކުރި ކަރުދާސްތައް ނައްތައިލުމާ ގުޅިގެން އެކަން ސާފުކުރުމަށް ޝަރީފް ފުލުސް އޮފީހަށް ހާޒިރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރާ ކަމަކަށް އެ އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.