ރައީސް ޔާމީން ސަރުކާރުގެ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން އެމެރިކާ އެހީވާނެ

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ހޯދަން އެމެރިކާއިން ރާއްޖޭގެ އާ ސަރުކާރަށް އެހީވާނެ ކަމަށް އެމެރިކާގެ ލޮސް އެންޖެލިސް ޓައިމްސް ނޫހުން ބުނެފި އެވެ.


އެ ނޫހުން ބުނީ ގެއްލިފައިވާ ފައިސާ ހޯދުމަށާއި ކޮންޓްރެކްޓްތަކުގެ ތަފުސީލު ހޯދުމަށް ކުރާ ތަހުގީގުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އާއި އެ ގައުމުގެ އެހެން އެޖެންސީތަކުގެ އެހީތެރިކަން ހޯއްދަވަން ވިސްނަވާ ކަމަށް އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވި ކަމަށެވެ.

އިބޫ ދެއްވި އިންޓަވިއުއެއްގައި މިހެން ވިދާޅުވި ކަމަށް ނޫހުގައި ބުނެފައި ވާއިރު އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ އެ ވާހަކަ ދޮގެއް ނުކުރެއްވި އެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކާ ހަވާލާދީ ލޮސް އެންޖެލިސް ޓައިމްސް އިން ބުނީ ރާއްޖޭން ހިންގާ ތަހުގީގަށް އެހީވާން އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

"ރާއްޖެއަށް ހުރިހާ ގޮތަކުން އެހީވާން އެމެރިކާ ސަރުކާރު އޮތީ ތައްޔާރަށް،" ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި ޗައިނާއާ އެކު ކޮށްފައިވާ މުއާމަލާތްތަކާ ބެހޭ ގޮތުން ލިޔެފައިވާ އެ ރިޕޯޓުގައި ބުނީ ރާއްޖޭން ޗައިނާއަށް ދަރާފައި އޮތް މިންވަރު ކުރިން ހީކުރި ވަރަށް ވުރެ ބޮޑުކަން ޓްރާންސިޝަނަލް ޓީމުން އެއްކުރި މައުލޫމާތުން އެނގޭ ކަމަށެވެ. ރިޕޯޓަށް މައުލޫމާތު ދެއްވަމުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެފައި ވަނީ އެކަމުގައި ޗައިނާއާ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނީ ޗައިނާއާ ވާހަކަ ދައްކަން. އެއީ ކޮންމެހެން، އެއްބަސްވުންތައް ކެންސަލްކުރުމާ ބެހޭ ގޮތުންނެއް ނޫން. އެކަމަކު އަލުން މަޝްވަރާކުރުމާ ބެހޭ ގޮތުން. ރާއްޖެއަށް ވެސް ތަރައްގީ ބޭނުންވާނެ،" ނަސީމު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ހިންގާފައިވާ މުއާމަލާތްތަކުގެ އެންމެ އަޑިއަށް ވާސިލުވުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެއީ ކަންތައްތައް ހިނގާފައިވާ ގޮތް ސީދާ ނޭނގޭތީ ކަމަށެވެ.

"އެއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ. އަދި އެކަމުގެ އެންމެ ފުނަށް ދިއުމަށް އަޅުގަނޑުމެންނަށް ޗައިނާގެ އެހީތެރިކަން ބޭނުންވޭ،" ނަސީމު ވިދާޅުވެފައިވެ އެވެ.