ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓް އެގްރީމަންޓް ބާތިލްކޮށްފި

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް ހޮސްޕިޓަލް މެނޭޖް ކުރުމަށް ރަމްސޭ ސައިމް ޑާބީ ހެލްތު ކެއާއާ އެކު ވި އެއްބަސްވުން ދެ ފަރާތުން ބާތިލްކޮށްފި އެވެ.


ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ހިންގަން ހަވާލުކުރީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީއާ އެވެ. މި އަހަރުގެ މާޗް 1 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަމުން އައީ އެ ދެ ކުންފުނި ގުޅިގެންނެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓުން ތަރައްގީ ކުރި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ގެ ހޮސްޕިޓަލް ހިންގަން ހަވާލުވި ގުރޫޕްގެ އަތުން އެތަން ނެގުމާ ގުޅިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެން އެ ތަން ހިންގާނީ އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ކަމަށެވެ. އަދި ބުނީ އެ ހޮސްޕިޓަލާއި ރަމްސޭ ސައިމް ޑާބީ ހެލްތު ކެއާއާ އެކު ހެދި މެނޭޖްމަންޓު އެއްބަސްވުން މި މަހުގެ އެކަކުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެ ފިޔަވަޅު އެޅީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން ކަމަށް ބަޔާނުގައި ވެ އެވެ. އެކަމަކު، ރަމްސޭ ސައިމް ޑާބީ ހެލްތު ކެއާއާ އެކު ސޮއިކުރި މެނޭޖްމަންޓު އެއްބަސްވުން ނިމުމަކަށް ގެނައި ސަބަބެއް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައެއް ނެތެވެ.

"ކުރިމަގުގައި ވެސް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވެމުން ދާނެ އެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އަގަށް ހެޔޮ ބަދަލާ އެކީގައި އާސަންދަ ލިބޭ ގޮތުގެ މަތިން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ދެމެވެ،" ބަޔާނުގައި ވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ލޮބީ އޭރިއާ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދި ފަހުން ވަނީ، ގެއްލުމާ އެކު އެ ތަން ހިންގަން ޖެހޭތީ، ޚަރަދު ކުޑަކުރުމަށްޓަކައި ބައެއް ޑިޕާޓްމަންޓުތައް އުވާލައި ބައެއް މުވައްޒަފުން ވަކިކޮށްފަ އެވެ. އަދި ހޮސްޕިޓަލްގެ ޚަރަދުތައް ކުޑަކުރަމުންދާތީ، މެނޭޖުމަންޓް ލެވެލްގެ ބައެއް މުވައްޒަފުން ވަނީ އިސްތިއުފާ ވެސް ދީފަ އެވެ.

މަތީ ފެންވަރުގެ ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާ އެކު ޚިދުމަތް ދޭ ޓްރީޓޮޕްގައި ބަލި މީހުން އެޑްމިޓްކުރަން ތަފާތު ފަސް ކެޓަގަރީގެ 159 ކޮޓަރި ހުރެ އެވެ. އެ ގޮތުން ދެ މީހުން އެޑްމިޓްކުރެވޭ 30 ކޮޓަރި އާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާފައި ހުރި 57 ކޮޓަރި އާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހުރެ އެވެ.

އެ ހޮސްޕިޓަލުން ދޭ ހުރިހާ ޚިދުމަތްތަކުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ އާސަންދަ ވެސް ލިބޭ ގޮތަށް ހަމަޖައްސައިފަ އެވެ.