ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
14 އޯގަސްޓް 2016 - 14:42
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި އެ ގްރޫޕްގެ އިތުރު ހަތަރު މެމްބަރުންގެ މައްސަލަ މާދަމާގެ ނިޔަލަށް ބެލުމަށް ޕީޕީއެމް އޮފީހުން އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް މިއަދު އަންގައިފި އެވެ.
ސުލޫކީ ކޮމެޓީ އަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާއި ޕީޖީ ގްރޫޕްގެ ގަވާއިދާ ހިލާފުވެގެން ފަސް މެމްބަރެއްގެ މައްސަލަ ބަލައިދޭން ޕާޓީގެ މެމްބަރުންތަކެއް ސުލޫކީ ކޮމެޓީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިދޭން ތަކުރާރުކޮށް އެދިފައިވާނެ ކަން ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ.
ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ނިހާންގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ މައްސަލަ ބަލައިދިނުމަށެވެ.
އަލީމް ވިދާޅުވީ "ސުލޫކީ ކޮމެޓީ އަށް ހުށަހެޅޭ މައްސަލަތަކާ މެދު އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ކޮމެޓީން ގޮތެއް ނިންމަންވާނެ ކަމަށް" ސުލޫކީ ފިޔަވަޅު އެޅުމުގެ ގަވާއިދުގައިވާ ކަމަށެވެ. އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ކޮމެޓީ އަށް ފޮނުވީ ޖުލައި 12 ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް މައްސަލައާ މެދު އެއްވެސް ގޮތެއް ނިންމައި ޕީޕީއެމް އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އަނެއްކާ ސިޓީއެއް ފޮނުވީ ގަވާއިދުގައިވާ ގޮތަށް މާދަމާގެ ނިޔަލަށް މައްސަލަ ބަލައި ނިންމި ގޮތް ލިއުމަކުން ޕާޓީ އޮފީހަށް އަންގަން،" އަލީމް ވިދާޅުވި އެވެ.
ސުލޫކީ ކޮމެޓީ އަށް ހުށަހެޅި މައްސަލައެއް ބަލައި އެ ކޮމެޓީން ވަރަށް ފަހުން ވަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ޕާޓީން ވަކިކޮށްފަ އެވެ. އެކަން ތަންފީޒުކޮށްދޭން ޕާޓީ އޮފީހުގައި ވަނީ އެދިފަ އެވެ.
އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ ފާރިސްއާ މެދު ފިޔަވަޅު އެޅީ އިންސާފުން ބޭރުން ކަމަށެވެ. ބިޑަށް ނުލައި ރަށްތައް ދޫކުރަން ހުށަހެޅި އިސްލާހާ ދެކޮޅަށް އޭނާ ވޯޓު ދެއްވީ ޕާޓީގެ ރައީސް އަންގަވައިގެން ކަމަށާއި އެހެންވެ އޭނާއާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ޕާޓީ އޮފީހުން ވަނީ ބުނެފަ އެވެ.
ވިޕްލައިނާ ހިލާފުވެގެން ފާރިސްއާ މެދު ފިޔަވަޅު އަޅާފައި ވަނިކޮށް ހިޔާލު ފާޅު ކުރުން ހުއްޓުވުމުގެ ބިލަށް ނެރުނު ތްރީ ލައިން ވިޕާ، ޕީޕީއެމްގެ ހަ މެމްބަރަކު ވަނީ ހިލާފުވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނެވެ. މި މެމްބަރުން ވަނީ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ.
ޖަލްސާ އަށް ވަޑައިނުގެން ވިޕްލައިނާ ހިލާފުވެވަޑައިގަތީ މީދޫ ދާއިރާގެ މެމްބަރު މުހައްމަދ އަމީތާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދެވެ. ވިޕްލައިނާ ހިލާފުވެވަޑައިގަތް މެމްބަރުންނާ މެދު މި ހަފުތާގައި ފިޔަވަޅު އަޅަން ފަށާނެ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭޚިޔާލު
15 August 2016
ދެން އޮތީ ވަގުތަށް އިންތިޒާރު ކުރުން! ވަގުތު ޖެހުނީ ޑަން! އެވެއްޓުނީ!
ސާމް
15 August 2016
ގަދަބަސް ބުނެ ނުކުރެވޭ ވަރުގެ ބޮޑެތި ވައުދުތައްވީ ކެނެރީގޭ ނަޝީދެއް ނޫންބާ؟ މިސަރުކާރުދާނީ ކުރިއަށް ޤައުމައިގެން ކުރިއަށް ވަޑައިގަންނަވާ ރައީސް ޔާމީން
އަނގޮޅޭ
14 August 2016
އަތައް ގޮވާ ބާގައިގެ މީހުން ހުސް އަތައް ގޮވާނީ
މުޙައްމަދު
14 August 2016
ބުނަން ރަގަޅު ވާޙަކައެއް. ފިރުއައުނުވެސް އުޅުނު ތިހެން ގަދަބާރުން ކަންކަން ހާސިލްކުރަން. އެކަމަކު އާހިރުގައި އޭނަ ހަލާކުވެދިޔައީ. މިއީ ދުނިޔޭގެ ތާރީހުން އަހަރެމެންނަށް ލިއްބައިދޭ ފިލާވަޅުތައް. ތިހެން އަބަދު ގަދަބާރު ދައްކައިގެނެއް ނޫޅެވޭނެ. ވެރިކަމުގައި ތިބެން ބޭނުމިއްޔާ އިންސާފު ކުރިޔަށްނެރޭ.