އައްޑޫ ލިންކް ރޯޑުުގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހިތަދޫގައި ބާރު ސްޕީޑުގައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހި ފުރޮޅާލުމުގެ ސަބަބުން ކާރުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނިޔާވީ 27 އަހަރުގެ ދެ ފިރިހެނުންނަށެވެ. އެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން އެ ހޮސްޕިޓަލަށް ގެނައި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެެވެ. ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީިރިއަސް ނޫން ކަމަށް ބުންޏެވެ.

"ދެ މީހުންގެ ހާލު ސީރިއަސްއެއް ނޫން. އެކަމަކު އެކަކަށް އެބަހުރި ބޮޑެތި އަނިޔާތަކެއް ވެފައި. އެކްސްރޭ އެއްޗެހި ނެގީމަ، ލިބުނު އަނިޔާތަކުގެ ތަފްސީލު ލިބޭނީ،" ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.