އިސްވެރިއަކު ޖިންސީ ފުރައްސާރަ ކުރި ކަަމަށް ބުނާ މައްސަލަ އެބަ ބަލަން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ އިސްވެރިއަކު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެކަމަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެކަން އެ މިނިސްޓްރީން ނުބަލާ ކަމަށް ބުނެ އެކަމުގެ ފާޑު ކިޔުން އެ މިނިސްޓްރީ އަށް ވެސް ސޯޝަލް މީޑިއާގައި ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް އެ މިނިސްޓްރީގައި އުފައްދާފައިވާ ކޮމެޓީއަށް އެފަދަ މައްސަލައެއް މިއަދު ހުށަހެޅިފައިވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ކޮމެޓީ އިން މި މައްސަލަ މިހާރު ދަނީ ބަލަމުންނެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މިނިސްޓްރީގެ މަސައްކަތުގެ މާހައުލުމުގައި އެފަދަ ޖިންސީ ފުރައްސާރައިގެ އަމަލުތަކަށް ފުރުސަތު ނުދިނުމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް ގާއިމް ކުރެވިފައިވާ ނިޒާމްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.