އަދީބުގެ ހާލު އަދިވެސް ސީރިއަސް: އާއިލާ

އިއްޔެ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލުކޮޅު އަދިވެސް ސީރިއަސް ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު" އާ ވާހަކަ ދައްކަވަމުން ނަޝްވާ ވިދާޅުވީ އަދީބަށް އެމަޖެންސީގައި ފަރުވާ ދޭން ޖެހުނީ ކިޑުނީގައި ހުރި ހިލަތައް ދުއްވާލަން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އެކަމަށްޓަކައި ޑޮކްޓަރު ވަނީ ބާރުގަދަ ބޭސްތަކެއް ދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ބޭސް ބޭނުންކޮށްގެން ކިޑުނީގެ ހިލަ ދުއްވާލުމަކީ ވޭންހުރި މަރުހަލާއެކެވެ.

ނަޝްވާ ވިދާޅުވީ ޖަލުގައި ހުންނަވަނިކޮށް ބަނޑުގައި ރިއްސާ ވާހަކަ ވިދާޅުވުމުން ފަރުވާއަށް ފުރުސަތު ލިބުނީ ދެ ގަޑިއިރު ފަހުން ކަމަށެވެ. އަދި މާލެ ގެނެސް ފަރުވާ ދީފައި ވަނީ ދޫނިދޫގައި ހުންނަ ޑޮކްޓަރު އަދިީބު ބެލުމަށް ފަހު ޖަލު ގާޑުންނަށް ލިޔުމެއް ހަވާލު ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަދީބު ގެއަށް ބަދަލު ކުރުމަށް އެދިފައި ވަނީ ވެސް އެހެންވެ. އެއީ ޖަލުގައި ހުއްޓާ ހިލަ ޕާސް ކޮށްފިއްޔާ އަދީބު އުޅެން ޖެހޭނީ ވަރަށް ވޭނުގައި. ޖަލުން ގެނައީ ވެސް ތަދު ކަނޑުވާ އިންޖެކްޝަން ޖަހައިގެން. އަނެއްކާ މިއަދު ހެނދުނާ ހަމައަށް ހޮސްޕިޓަލުގައި ވެސް ދެ އިންޖެކްޝަން ޖަހައިފި،" ނަޝްވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދީބުގެ ކިޑުނީގައި އުފެދިފައި ހުރި ހިލަ މިހާރު ހުރީ ޔުރެތުރާ ކައިރިގަ އެވެ. އެތަނުގައި ހިލަކޮޅު އިނުމުގެ ސަބަބުން އަދީބަށް އާދަޔާ ހިލާފަށް ބޮޑަށް ވޭންއަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ގަބޫލެއް ނުކުރައްވާ އަދީބު ވީމަ ބައްޔެއް ވެދާނެ ކަމަށް ވެސް. ވަރަށް ހާލުގައި އަދީބު އެ އޮތީ. ވަރަށް ވޭނުގައި އެ އޮތީ. އަޅުގަނޑަކަށް ނުވެސް އެނގޭނެ ހަގީގަތުގައި އަދީބުގެ ހާލު ކިޔައިދޭކަށް. އާއިލާ އަށް މީ ވަރަށް އެހެން ކަހަލަ ވަގުތުކޮޅެއް،" ނަޝްވާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ އައިޖީއެމްއެޗް، ފުލުހުން އަދި ކަރެކްޝަންސް އިން ވެސް މި ވަގުތު އަދީބަށް އެއްބާރުލުން ދީގެން މިވަގުތު އަދީބަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއެއް ދިނުން. އެކަން ސިޔާސީ ނުކޮށް އަދި ޒާތީނުކޮށް."

އަދީބު ޖަލަށް ލާފައި ވަނީ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގަ އާއި ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި "ފިންފެންމާ" ލޯންޗުކޮޅުގައި ބޮމެއް ހަރުކޮށް އެމަނިކުފާނު އަވަހާރަލޮށްލަން އުޅުނު މައްސަލައިގަ އެވެ. އެ ދެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން ހަށިގަނޑުގައި ސިސްޓެއް އުފެދި އަދި ލޮލުގެ ފެނުމުގެ މައްސަލައެއް ވެސް ކުރިމަތިވެފައިވާ އަދީބުގެ ބޭސްފަރުވާއަށް އެކަށީގެންވާ ފުރުސަތު ސަރުކާރުން ނުދޭ ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާ އިން ބޭނުންވަނީ އޭނާ ރާއްޖެއިން ބޭރަށް ގެންދާށެވެ.

ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ރާއްޖޭގެ ހޮސްޕިޓަލުތަކުން އަދީބަށް ފަރުވާ ދެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ގެންގޮސްފި ނަމަ އަދީބު ފިއްލަވާފާނެ ކަމަށް ވެސް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.