ޖުމްހޫރީ 50 ފާހަގަކުރަން ސަރުކާރުގެ އިސް ބޭފުޅުން ނެތުމުން މައުމޫން ފާޑުވިދާޅުވެއްޖެ

އިއްޔެ ރާއްޖޭގައި ފާހަގަކުރި ޖުމްހޫރީ 50 ގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް އެއްވެސް ވެރިޔަކު ބައިވެރިވެވަޑައިނުގަތުމުން ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު އެކަމަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


މެލޭޝިއާގައި މިވަގުތު ހުންނެވި ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ރައީސް [ޔާމީން] ވަޑައިނުގެންނެވިތާގައި އެންމެ ކެބިނެޓް މިނިސްޓަރަކު ވެސް ވަޑައެއްނުގެންނެވި. މިއީތޯ އަޅުގަނޑުމެން ގައުމީ އަގުތަކަށް އިހުތިރާމްކުރާ ގޮތަކީ؟" އެ ޓްވީޓްގައި މައުމޫނު ވިދާޅުވި އެވެ.

ރައީސް މައުމޫނު ކުރެއްވި ޓްވީޓް

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ކުލަގަދަަކޮށް ފާހަގަކުރަން މި ސަރުކާރުން އޮތީ ކުރިން ނިމައިފަ އެވެ. އެކަމަށްޓަކައި ޚާއްސަ ލޯގޯއެއް ވެސް ސަރުކާރުން ތައްޔާރުކޮށް، ރަަސްމީ ލިއުންތަކުގައި އަންނަނީ ބޭނުންކުރަމުންނެވެ.

އެކަމަކު ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިވުމާ އެކު، ޖުމްހޫރީ 50 ފާހަގަކުރަން ސަރުކާރުން މާ ބޮޑު ކަމެއް ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ 1968 ގައި ފެށި ފަހުން ނޮވެމްބަރު 11 އަކީ ރިޔާސީ އާ ދައުރުގެ ހުވާކުރުން އޮންނަ ދުވަހެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިހާބު ނިމުނީ ނޮވެމްބަރު 16 ގައި ކަމުން، އެ ފަހަރު ރައީސް ޔާމީން ހުވާކުރެއްވީ ނޮވެމްބަރު 17 ގަަ އެވެ. އެހެންކަމުން މި އަހަަރު ފަށާ އާ ދައުރުގެ ރިޔާސީ ހުވާކުރުން ވެސް ބާއްވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު 17 ގަ އެވެ.

މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ދެ ވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަކުރުމުގައި ސަރުކާރުގެ މަތީ ފެންވަރުގެ ބައިވެރިވުން ނެތުކުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށެވެ.