ޖޭއެސްސީ އަށް ފާރިސް އާއި އަހުމަދު ރަޝީދުގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށް އެ ކޮމިޝަނުން އޭނާ ވަކިކުރުމާ ގުޅިގެން، އެ މަގާމަށް އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާއި ޕީޕީއެމުން ދެ މެމްބަރެއްގެ ނަން މިއަދު ހުށަހަޅައިފި އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ނަމެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަމެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފެވެ.

ދެ ނަމަށް ވޯޓަށް އެހުމަށް ހަމަޖެހި ވަނީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވުމުން، ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ބަދަލާ އެކު، ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތެވެ. އެހެންވެ، މަޖިލީހުން މިހާރު ކަންކަން ފާސްވަނީ އެ ކޯލިޝަނުން ބޭނުންވާ ގޮތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޖޭއެސްސީގެ މެމްބަރުކަމުން ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަކިކުރީ އޭނާގެ އިތުބާރު ނެތްކަމަށް، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލަ އެ ގޮތަށް ފާސްވުމާ ގުޅިގެންނެވެ. ރިޒާ ވަކި ކުރި އިރު، އޭނާ ވިދާޅުވަމުން ގެންދެވީ އޭނާ ޖޭއެސްސީގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާ އެކު ކަމަށެވެ.

ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.

ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.