އެންޓިބައޮޓިކްސް އަށް ހޭލުންތެރިކުރަން ހާއްސަ ހަރަކާތްތަކެއް

ރައްކާތެރި ގޮތުގައި އެންޓިބައޮޓިކްސް ބޭނުންކުރުމަށް ހޭލުންތެރިކަން އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ހަފުތާއާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ހާއްސަ މަސައްކަތްތަކެއް އިއްޔެ ފަށައިފި އެވެ.


އިއްޔެ އިން ފެށިގެން، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، މި މަހު 23-25 އަށް އައްޑޫގައި ވެސް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، އެންޓިބައޮޓިކްސް ބޭނުންކުރުމުގެ އެންމެ ރަނގަޅު ގޮތާއި، ގޯސްކޮށް ބޭނުން ކޮށްފި ނަމަ ދިމާވާނެ ނުރައްކާތަކާ ގުޅޭގޮތުން އާންމުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މައުލޫމާތު ދޭނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެންޓިބަޔޮޓިކްސް ހަފުތާ އަށް މި އަހަރު ކަނޑައަޅާފައިވާ މައުލޫއަކީ އެންޓިބައޮޓިކްސްއަށް ރެސިސްޓަންޓްވުމުގެ މައްސަލަ އެވެ. އެއީ އެންޓިބަޔޮޓިކްސް ނުރަނގަޅު ގޮތުގައި ބޭނުންކުރުމުން، އެ ބޭނުންކޮށްގެން ބަލިތަކަށް ފަރުވާ ނުކުރެވޭ މައްސަލަ އެވެ.

އެންޓިބައޮޓިކް ރެސިސްޓެންޓް ޖަރާސީމު އުފެދެނީ ކިހިނެތްކަން ކިޔާދިނުމަށް އެމްއެފްޑީއޭ އިން ކުރި ޓްވީޓެއް

އެމްއެފްޑީއޭގެ ޑައިރެކްޓާ ފާމަސޫޓިކަލް އައިޝަތު ޖަލީލާ "މިހާރު" އަށް ވިދާޅުވީ އެންޓިބައޮޓިކްސް އަށް ބެކްޓީރިއާ ނުގުޑަނީ އެ ބޭސް ބޭނުންކުރަންވާ ގޮތަށް ބޭނުން ނުކުރުމުންނާއި މާ ގިނައިން ބޭނުންކުރުމުން ކަމަށެވެ.

ޖަލީލާ ވިދާޅުވީ އެންޓިބައޮޓިކްސް އަށް ރެސިސްޓެންޓް ވުމުގެ މައްސަލަ ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށް ކަން އެނގޭނެ ދިރާސާއެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން މިފަދަ ކޭސްތައް ރިޕޯޓް ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރުންނާއި ނަރުހުން ބުނޭ ރެސިސްޓަންޓް ކޭސްތައް ފެންނަކަމަށް،" ޖަލީލާ ވިދާޅުވި އެވެ.

ޖަލީލާ ވިދާޅުވީ މި ކަންތައް ހުއްޓުވުމަށް ސިއްހީ ދާއިރާގެ އިތުރުން އާންމުންނަށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.

"ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން އެންޓިބައޮޓިކްސް ގެންގުޅުމުގައި ސަމާލުވުމާއި ބޭސް ދިނުމުގައި ފަރުވާ ބެހެއްޓުން މުހިއްމު،" ޖަލީލާ ވިދާޅުވި އެވެ

މީގެ އިތުރުން ޑޮކްޓަރުންގެ ލަފާ ނުހޯދައި އަމިއްލަ އަށް އެންޓިބައޮޓިކްސް ބޭނުން ނުކުރުމަކީ އާންމުންނަށް ކުރެވިދާނެ މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ބަލީގެ އަލާމާތްތައް ކުޑަވުމުން އެންޓިބަޔޮޓިކްސް ހުއްޓާނުލުމާއި އެހެން މީހަކަށް ދީފައި ހުންނަ އެންޓިބަޔޮޓިކްސް އެހެން މީހުން ބޭނުން ނުކުރުމުން ވެސް ހިމެނެ އެވެ.

އެންޓިބައޮޓިކް ރެސިސްޓަންޓްވުމުގެ މައްސަލައަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބުނެފަ އެވެ. އެމްއެފްޑީއޭ އިން އަންނަނީ މިކަމާ ގުޅިގެން، ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި ގްލޯބަލް އެކްޝަން ޕްލޭނާ އެއްގޮތަށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ.