އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމަށް މިއަދު ހަވީރު ބާއްވާ ރަސްމިއްޔާތުގައި 46 ގައުމެއްގެ، މަތީ ފެންވަރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިބޫ އާއި ފައިސަލް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވިވަޑައިގަތުމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ބަންޑާރަނަޔަކަ އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ގައުމެއްގެ އިސްވެރިއެއްގެ ގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ހަމައެކަނި ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އެވެ. މިއީ މޮދީ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ.
މޮދީގެ އިތުރުން ދުބާއީ އާއި ޕާކިސްތާނާއި ޗައިނާ އާއި ޖަޕާނާއި ތުރުކީ އާއި މޮރޮކޯ ފަދަ ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ކުރުނބާ ރިސޯޓުގައި މިރޭ ބާއްވާ ރަސްމީ ފަރިއްކޮޅުގައި ވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދުބާއީގެ ކްރައުން ޕްރިންސްގެ ދަރިކަލުން ހައްމާދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ސޯދިގު ސަންޖްރަނި އާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސެއިން ބީ ސިއާލް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގެ ހަތްވަނަ ރައީސްގެ ގޮތުގައި އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ގަލޮޅު ދަނޑަށް މީހުން ވައްދަން ފަށާނީ މެންދުރު ފަހު 3:00 ގަ އެވެ.