17 ނޮވެމްބަރ 2018 - 20:45
ބޯހިޔާވަހިކަމާއި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކޮށްދިނުމަށް، އިންތިޚާބީ ކެމްޕޭންގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމުގައި އެހީތެރިވެދިނުމާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ރައީސް އިބުރާހީމް މުހައްމަދު ސޯލިހު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ މިއަދު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ރަސްމިއްޔާތަށް ފަހު މޯދީ ރައީސް އޮފީހަށް ވަޑައިގެން ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު ނެރުނު، ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައި ބުނީ އިންޑިއާ އަށް ރާއްޖެއާ އެކު ތަރައްގީގެ މަގުގައި ކުރިއަށް ދެވޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް އެންމެ ބޮޑަށް އަލިއަޅުއްވައިލެއްވީ ރާއްޖެ އަށް ގެދޮރާއި އުމްރާނީ ތަރައްގީ އާއި ފެނާއި ނަރުދަމާ ބޭނުންވެފައިވާ މިންވަރަށެވެ. ރާއްޖެ އަށް އެހީތެެރިވެދެވިދާނެ ގޮތްތަކުގެ ތަފުސީލާ މެދު މަޝްވަރާ ކުރެއްވުމަށް ދެ ބޭފުޅުން ވީ އެންމެ އަވަހަކަށް ބައްދަލުކުރައްވަން ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. އެގޮތުން ވީ އެންމެ އަވަސް ފުރުސަތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރްވުމަށް މޯދީ ދައުވަތު ދެއްވި އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ އަށް އިޖުތިމާއީ ތަރައްގީ ގެންނަން އެހީތެރިވާން އިންޑިއާ އިން ތައްޔާރަށް އޮތްކަން ބޮޑުވަޒީރު މޯދީ ފާހަގަ ކުރެއްވި އެވެ. ދެ ގައުމަށް ފައިދާ ހުރި ގޮތަކަށް ރާއްޖޭގައި މަޝްރޫއުތައް ހިންގަން އިންޑިއާގެ ކުންފުނިތަކަށް އޮތް ފުރުސަތު ފުޅާކުރައްވާތީ މޯދީ މަރުހަބާ ވިދާޅުވި އެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ކުރެއްވި ތަގުރީރުގައި ހާރިޖީ ސިޔާސަތު ހާމަ ކުރައްވަމުން އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޑިއާ އާއި އަވަށްޓެރި އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮމިނަސް
21 November 2018
ފުރަތަމަ އިންޑިޔާގެ ނިކަމެތި ފަގީރުން އައް އެހީވެބަލަ
ދައުވާ
18 November 2018
އިންޑިއާގެ ލާރިން ހެޔޮ މިގައުމު ތަރައްގީ ނުކުރިއަސް.
ޕެލޭ
17 November 2018
އިންޑިއާ ކުންފުނިތަކަށް ދީގެން އެއްކަމެއްވެސް ނުވާނެ. ބަލަ ޓާޓާ ފުލެޓްތަކަށް ހެދިގޮތް. އިންޑިއާއިން ބޭނުންވަނީ ރާއްޖެ އެމީހުންގެ ސެޓެލައިޓަކަށް ހަދަން
ޓާޒަން / ބ.ހިތާދޫ
17 November 2018
އިންޑިޔާއަކުން ނޫޅެ މިތަނަށް އެހީދޭކަށް. އެމީހުން ބޭނުންވަނީ އެހީއޭކިޔައިގެންނަމަވެސް ނުވަތަ އެހެންގޮތަކުން ނަމަވެސް މި ގައުމު އަޅުވެތިކުރަން.
ޖީއެން
17 November 2018
ޖީއެމްއާރުތަށް ގިނަވާނެ ދެން...
އައްބޭބެ
17 November 2018
އެހީވުމުގެ ނަމުގައި ބޮޑެތި ލޯނު ބޭނުމެއްނޫން. އެހީވުމުގެ ނަމުގައި އިޤްތިޞާދީ އަޅުވެތިކަމަށް އިންޑިޔާ ޗައިނާ އަދި ސައުދީގެ ދަށަށް ދާކަށް ބޭނުމެއްނޫން. އަދި އެހީވުމުގެ ނަމުގައި ހެލިކޮޕްޓަރާއި މަތިންދާބޯޓު އިންޑިޔާ ސިފައިންނާއި އެކު ބޭނުމެއްނޫން.
ސާމް
17 November 2018
ޥަރަށް ސާފު