އެހީތެރިވާނެ ކަމަށް ވިދާޅުވަމުން މޯދީ ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖޭން މިރޭ ފުރާވަޑައިގެންފި އެވެ.


އިންޑިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ ފިޔަވައި ސަރަހައްދީ ހުރިހާ ގައުމަކަށް ވަޑައިގެންފައިވާ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގައި ރާއްޖޭގައި ހޭދަކުރެއްވީ ތިން ގަޑިއިރެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު ރައީސް އޮފީހަށް ވަޑައިގެން ރައީސާ ބައްދަލުކުރެއްވުމަށް ފަހު މޯދީ ފުރާވަޑައިގެންނެވީ މިހާރު ކުރިއަށްދާ ރަސްމީ ފަރިއްކޮޅުގައި ވެސް ބައިވެރިވަޑައި ނުގަންނަވަ އެވެ.

ފުރާވަޑައިގެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އޭނާ އަށް އަލްވަދާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. މިއަދު ހަވީރު މޯދީ ރާއްޖެ އަށް ވަޑައިގެންނެވުމުން އެއާޕޯޓުން އޭނާ އަށް މަރުހަބާ ވިދާޅުވީ ވެސް ގާސިމެވެ.

މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރު ކުރު ކުރެއްވި ނަމަވެސް ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ މެދު މަޝްވަރާކުރެއްވި އެވެ. ރައީސް އޮފީހަށް ވަޑައިގެން ދެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު ނެރުއްވި، ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައި ބުނީ އިންޑިއާ އަށް ރާއްޖެއާ އެކު ތަރައްގީގެ މަގުގައި ކުރިއަށް ދެވޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް އެންމެ ބޮޑަށް އަލިއަޅުއްވައިލެއްވީ ރާއްޖެ އަށް ގެދޮރާއި އުމްރާނީ ތަރައްގީ އާއި ފެނާއި ނަރުދަމާ ބޭނުންވެފައިވާ މިންވަރަށެވެ. ރާއްޖެ އަށް އެހީތެެރިވެދެވިދާނެ ގޮތްތަކުގެ ތަފުސީލާ މެދު މަޝްވަރާ ކުރެއްވުމަށް ދެ ބޭފުޅުން ވީ އެންމެ އަވަހަކަށް ބައްދަލުކުރައްވަން ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. އެގޮތުން ވީ އެންމެ އަވަސް ފުރުސަތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރްވުމަށް މޯދީ ދައުވަތު ދެއްވި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ އަށް އިޖުތިމާއީ ތަރައްގީ ގެންނަން އެހީތެރިވާން އިންޑިއާ އިން ތައްޔާރަށް އޮތްކަން ބޮޑުވަޒީރު މޯދީ ފާހަގަ ކުރެއްވި އެވެ. ދެ ގައުމަށް ފައިދާ ހުރި ގޮތަކަށް ރާއްޖޭގައި މަޝްރޫއުތައް ހިންގަން އިންޑިއާގެ ކުންފުނިތަކަށް އޮތް ފުރުސަތު ފުޅާކުރައްވާތީ މޯދީ މަރުހަބާ ވިދާޅުވި އެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ކުރެއްވި ތަގުރީރުގައި ހާރިޖީ ސިޔާސަތު ހާމަ ކުރައްވަމުން އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޑިއާ އާއި އަވަށްޓެރި އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ.