އެއްވެ އުޅުން ހަނިކުރަން ހުށަހެޅި އިސްލާހު ކޮމެޓީން ފާސްކޮށްފި

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހަށް ބަދަލު ނުގެނެސް، އިސްލާހު އޮތް ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހު ކޮމެޓީން ފާސްކުރީ އިސްލާހު މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކޮމެޓީ އަށް ފޮނުވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އިސްލާހު އޮތް ގޮތަށް ފާސްކުރަން، ގައުމީ ސަލާމަތުގެ ކޮމެޓީގައި ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ.

ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ގެޒެޓް ކުރަން ޖެހެ އެވެ.

މި އިސްލާހާ ދެކޮޅަށް މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީ އާއި ސަރުކާރާ ދެކޮޅު މެމްބަރުން ވިދާޅުވީ ދައުލަތުގެ ހުއްދައެއް ނެތި ކޮންމެ މީހަކަށް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު، ގާނޫނުއަސާސީ އަށް ގޮން ޖަހައި ބިލުތަކަށާއި އިސްލާހުތަކަށް ވޯޓު ދޭ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

ސަރުުކާރުން މަސައްކަތް ކުރަނީ ފުލުހުން ބޭނުންކޮށްގެން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ކަމަށާއި ފުލުހުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއަކީ ބޮޑެތި ޖަރީމާތައް ހިންގާ ތަނެކެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގައި މުޒާހަރާ ނުކުރެވޭ ތަންތަން ކަނޑައަޅާފައި އޮތްއިރު، މުޒާހަރާ ކުރެވޭ ތަންތަން ވެސް ގާނޫނުން ކަނޑައަޅަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅާފައި ވާއިރު، މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެ ގޮތުން، އާޓިފިޝަލް ބީޗުގައި އެއްވެ އުޅުން މަނާ ކޮށްފައި ވާއިރު، މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ. ފުލުހުން ބުނެފައި ވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.