ޚިޔާނާތް ބަލާ މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދައިފި!

ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަންގެ ބައެއް މެމްބަރުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.


"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ރައީސް އުފެއްދެވި އެ ކޮމިޝަންގެ މެމްބަރުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، އެއް ބައެއްގެ ނުރުހުން، އެބަ އޮތެވެ. އެ މެމްބަރުންނާ އެކު އިންސާފުވެރިކަމާ އެކު މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ނުރުހުން ވެސް ފާޅުކުރަމުންނެވެ.

ކޮމިޝަންގެ މެމްބަރުން:

- އަހްމަދު އަސްއަދު، ގުލްފާމުގެ/ މާތޮޑާ އަވަށް (ރައީސް)

- ނަދީމް އިބުރާހީމް، ދަފްތަރު ނަމްބަރު: 6006

- އައިޝަތު ހަނާ ވަހީދު، މ. ހާޑް ރޮކް

- ފާތިމަތު ސަރީރާ އަލީ ޝަރީފު، ދަފްތަރު ނަމްބަރު: ދރ. 1320

- އާސް އަބުދުﷲ، ގާޑެން ގްރޯ، ޏ.ފުވައްމުލައް، ދަނޑިމަގު

އިހުމާލުވި ކަމުގެ ތުހުމަތު!

ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ސަރީރާ އަށް އާންމުން ކުރަނީ އިހުމާލުގެ ތުހުމަތެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުން ވީ އިހުމާލުތައް ބަލައި ޒިންމާކުރުވަން ފަހަތު ފަޔަށް ބުރަވި ކަމުގެ ޝަކުވާ އެވެ. އާއިލާ އިން ހުށަހެޅި މައްސަލަ ބަލައި އެކަށީގެންވާ ފިޔަވަޅު ނޭޅި ކަމުގެ ކަންބޮޑުވުމެވެ.

ސަރީރާ އަށް ފާޑުކިޔައި ކޮށްފައިވާ ޓުވީޓެއް.

މި ތުހުމަތާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން ސަރީރާ ވިދާޅުވީ ރިލްވާނަށް ވީ ގޮތް ހޯދުމަކީ އޭރު ޕީއައިސީގެ މެންޑޭޓުގެ ތެރެއިން ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އެ މައްސަލައިގައި ޕީއައިސީގައި އެދުނީ، ތަހުގީގުގެ ގިނަ މައުލޫމާތުތައް ފުލުހުން ފޯރުކޮށް ނުދޭތީ، އެ މައުލޫމާތު ހޯދުމަށް ކަން ސަރީރާ ފާހަގަކުރެއްވި އެވެ.

ޕީއައިސީން ބެލި މައްސަލައަކީ، ރިލްވާން ގެއްލުނު ރޭ ހުޅުމާލެ އިން ކާރަކަށް މީހަކު އަރުވައިގެން ގެންދިޔަ މައްސަލަ އެކަށީގެންވާ ގޮތެއްގައި ފުލުހުން ތަހުގީގު ކުރިތޯ ކަމަށް ސަރީރާ ވިދާޅުވި އެވެ. އެ މައްސަލައިގެ ވަކި ހިސާބަކުން، ޕީއައިސީ އުވާލައި، ނެޝަނަލް އިންޓެގްރިޓީ އުފެއްދީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއައިސީ އުވާލުމާ އެކު ވެސް އެ މައްސަލައިގައި ވީ ގޮތް، އާއްމުންނަށް އޭރު ހާމަނުކުރި މައްސަލައިގައި އޭނާ އަށް ދަނީ ފާޑުކިޔަމުންނެވެ.

"ޕީއައިސީގެ ތަހުގީގަށް ހޯދާ މައުލޫމާތު، (ރިޕޯޓް ނެރުމުގެ ކުރިން) އާއްމުކުރުމަކީ މަނާ ކަމެއް. އަޅުގަނޑުގެ ރައުޔު އޭގައި ވެސް އެހެން މެމްބަރުންނާ ތަފާތުވާނެ. އެ ކޭސްގެ ފައިލް މިހާރު ވެސް އޮންނަންވާނެ. އޭގެން އެނގޭނެ އަޅުގަނޑު ދުށް ގޮތް،" ސަރީރާ ވިދާޅުވި އެވެ.

މައުލޫމާތު ހާމަނުކުރީ، ގާނޫނީ ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ، ސަރީރާ އަށް ދިފާއުވުމުގެ ފުރުސަތު ލިބެނީ ފުލުހުންގެ ގާނޫނުގެ މި މާއްދާ އިންނެވެ. ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، "ކޮމިޝަންގެ ވަޒީފާގެ ހައިސިއްޔަތުން މެމްބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަން ޖެހޭ މައުލޫމާތެވެ. މިފަދަ މައުލޫމާތެއް ގާނޫނީ ބާރެއް ލިބިފައިވާ ފަރާތެއްގެ ތަހުގީގަށްޓަކައި ނުވަތަ ޝަރީއަތުގެ ބޭނުމަށްޓަކައި މެނުވީ ކޮމިޝަންގެ މަސައްކަތާ ނުގުޅޭ އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެ" އެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުންނާ ދެކޮޅަށް ބެލި މައްސަލައިގައި، ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ނިންމީ ފުލުހުންގެ އިހުމާލު ތަހުގީގުގައި ނެތް ކަމަށެވެ. އެއާ ދެކޮޅަށް ރައުޔު ނެރުނީ ސަރީރާ އާއި އެހެން މެމްބަރެކެވެ.

ސަރީރާ ވިދާޅުވި ގޮތުގައި އެކަން ހިނގައިދިޔަ ގޮތާއި އެ ތަހުގީގެ ހުރިހާ މައުލޫމާތެއް، މަރުތައް ބަލަން އެކުލަވާލި ކޮމިޝަނަށް ދެއްވަން އޭނާ ތައްޔާރެވެ. އެކަމަކު، ސީރިއަސް ކޮމިޝަނަކަށް ވަޑައިގަންނަވާއިރު، ސަރީރާގެ މި ވާހަކަތައް މިހާރު ގަބޫލުކުރަން އާއްމުން ދެކޮޅު ހަދަ އެވެ.

ކޮރަޕްޝަނާއި ޖިނާއީ ތުހުމަތު!

ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ވެސް ބެލި އެވެ. އެ މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލީ، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށް ފަހު، ހަމައަށް އެ ފޮތްތައް ނުލިބުމުންނާއި ބައެއް ފޮތްތަކުގައި ކުށްތައް ހުރުމުގެ ސަބަބުން ދައުލަތަށް ގެއްލުނު 30 މިލިއަން ރުފިޔާގެ މައްސަލައިގަ އެވެ.

ގުރުއާން ތަރުޖަމާގެ 150،000 ފޮތް ޗާޕްކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުން ހެދީ އެ ކުންފުންޏާއި ފިނޭންސް މިނިސްޓްރިއާ ދެމެދުގަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، މަސައްކަތުގެ ޖުމްލަ އަގުގެ 15 ޕަސެންޓް ފައިސާ ދެއްކުމަށް އެއްބަސްވެފައި ވަނީ ހުރިހާ ފޮތެއް ޗާޕްކުރުމުންނެވެ.

އެއްބަސްވުމާ އެކު މަސައްކަތް ނިމުމުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި، މަސައްކަތް ނިމުނުކަން ޔަގީންކުރުމަށް ފިނޭންސް މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި، ޗާޕްކުރި ފޮތްތަކުގެ ތެރެއިން 98،160 ފޮތް ހަވާލު ނުކުރާ ކަން ބަޔާންކޮށް ފިނޭންސަށް އަންގާފައިވެ އެވެ.

"ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ބަޔާންކޮށް ފޮނުވި ސިޓީއާ ހަވާލާދީ މިނިސްްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސޮއިކޮށްފައިވާ އިންޓާނަލް މެމޯގައި ކޮށްފައިވާ ސޮޔަކީ އޭނާގެ ސޮއި ކަމަށް [ފިނޭންސްގެ] ކުރީގެ ސްޓޭޓް މިނިސްޓަރު އެއްބަސްވެފައިވެ އެވެ،" އޭސީސީން މައްސަލަ ނިންމައި، މެއި، 21، 2018 ގައި އާއްމުކޮށްފައިވާ ރިޕޯޓުގައިވެ އެވެ.

އޭސީސީން ނިންމާފައިވާ ގޮތުގައި، ފޮތްތައް ހަމަޔަށް ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފައި އޮއްވައި ފޮތްތައް ލިބުނު ކަމަށް ބަޔާންކޮށް އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރަން އެންގުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގުމެވެ. އެ ޗާޕްގައި މައްސަލަތައް ހުރެގެން ބޭނުން ނުކުރަން އިސްލާމިކް މިނިސްޓްރީން ދައުލަތަށް އަންގާފައި އޮއްވައި، ފައިސާ ދޫކުރަން އެންގުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދޭން އުޅުން ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އަދި އަސްއަދަކީ މި ސަރުކާރުގެ ނެޝެނަލް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމުން އެއީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް، އާންމުން ދެކެ އެވެ.

ކޮރަޕްޝަން ހުއްޓުވަން ބަލާ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓަ ހަނާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އޭނާ ސެޕްޓެމްބަރު، 2015 ގައި މަގާމުން ވަކިކުރީ ވެސް އެ މައްސަލައާ ގުޅިގެންނެވެ.

މި މެމްބަރުންނާ ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. އެ ފަދަ މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް އޮންނާނެ ކަަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.