ފޮރިން ސެކްރެޓަރީއަކަށް ޣަފޫރު، ތިން މިނިސްޓްރީއަކަށް ސްޓޭޓުން އައްޔަން ކުރައްވައިފި

ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް އަބްދުލް ޣަފޫރު މުހައްމަދު އަދި އިތުރު ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.


ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ އަހުމަދު ޚަލީލް އެވެ. އޭނާ މިހާތަނަށް ހުންނެވީ އެ މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލްގެ މަގާމުގަ އެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނީޒާ އިމާދު އަދި އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) އައްޔަން ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފޮރިން ސެކްރެޓަރީއަކަށް އައްޔަންކުރެއްވި ޣަފޫރު

ނީޒާ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް ގަވަރުނަރުކަން އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް ގަވަރުނަރަކަށް ނީޒާ އައްޔަން ކުރެއްވުމަށްޓަކައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ފަހު އެ ނަން އަނބުރާ ގެންދެވުމުން ނީޒާ ވަނީ އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ފޮރިން ސެކްރެޓަރީ ޣަފޫރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައި ވެ އެވެ.