މިނިވަންވެ "ސްނައިޕާ" ލަންކާ އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމުގެ ތުހުމަތުގައި މީގެ ތިން އަހަރު ކުރިން ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރީ ލަންކާގެ ސްނައިޕަރު ލަހިރު މަޑިޝަންކަރްއާ، މިނިވަންވެ ރޭ އޭނާގެ ގައުމަށް ހިނގައްޖެ އެވެ.


މަޑިޝަންކަރު ދޫކޮށްލާފައި މި ވަނީ އޭނާއާ ލަންކާގެ ލޯކަލް ގަވަމެންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ބައްދަލު ކުރެއްވި ފަހުންނެވެ. މިނިސްޓަރު ފައިޒަރް ރާއްޖެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މިދިޔަ ބުދަ ދުވަހު ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެ ތުހުމަތަށް ދެން ހައްޔަރު ކުރި ދިވެހިން ކަމަށްވާ މ. ލިލީ ޕާކް، ފަޒީލް ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އިއްޔެ ވަނީ މިނިވަން ކޮށްފަ އެވެ.

ޔާމީން އަވަހާރަ ކޮށްލުމުގެ ބޭނުމުގައި މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ދައުވާއާ މެދު ކޯޓުން ގޮތެއް ނިންމި ކަން އެނގިފައެއް ނެތެވެ. ދައުވާގައިވާ ގޮތުން އެކަން ރޭވީ އަދީބާއި ފަޒީލާއި އިތުރު ބައެކެވެ. މަޑިޝަންކަރުގެ ދައުރަކީ އެކަމަށް އެއްބަސްވެ، ރާއްޖެ އައުމެވެ. އަދި އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އަދީބުގެ އެންގުމަށް ބަޔަކާ ހަވާލު ކުރުން ކަމަށް ދައުވާގައިވެ އެވެ.