ރާއްޖޭގައި 144 ރިސޯޓް، އިތުރު 140 ރިސޯޓް އަންނަނީ ތަރައްގީ ކުރަމުން: މިނިސްޓަރު

ރާއްޖޭގައި ޖުމްލަ 144 ރިސޯޓެއް، ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ އިރު، އިތުރު 140 ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރިސޯޓް ތަރައްގީ ކުރުމުގެ 132 މަޝްރޫއުގެ ތެރެއިން 140 ރިސޯޓެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ 54 ރިސޯޓެއްގެ މަސައްކަތް މިހާރު މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަޝްރޫއުގައި 93 ރިސޯޓެއްގެ ތަރައްގީގެ މަސައްކަތްތައް ދަނީ ކުރިއަށް،" ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މިދިޔަ ހޮނިހިރު ދުވަހު އައްޔަން ކުރެއްވި ފަހުން ބޭއްވެވި ފުރަތަމަ ނިއުސް ބްރީފިންގައި އަލީ ވަހީދު ވިދާޅުވި އެވެ.

ރިސޯޓްތަކުގެ އިތުރުން ޓޫރިސްޓުންނަށް ޚާއްސަ 12 ހޮޓަލާއި 508 ގެސްޓްހައުސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ހާއްސަކޮށްގެން 13 ރަށާއި ހަތަރު ފަޅެއްގެ އިތުރުން ދެ ބިން ގެޒެޓްކޮށް، އެއްވެސް ބަޔަކަށް މިހާތަނަށް ދޫނުކޮށް އެބަ އޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުން ފެށިގެން 13 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް އޮފީހުން ހުއްދަ ދީ ގެޒެޓް ނުކުރެވި ތިން ރަށެއް ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާ ކަަމަށްވާ، ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް ކަމަށެވެ. މިނިސްޓަރު ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޖަމިއްޔާތަކާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފަ އެވެ.

މިދިޔަ މަހު ރާއްޖެ އަށް ވަނީ 1،207،852 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރީ 1،125،995 ޓޫރިސްޓުންނެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ