ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަސް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
24 ނޮވެމްބަރ 2018 - 17:37
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އަނަސް "މިހާރު" އަށް ވިދާޅުވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާތީ އެ ދާއިރާގެ ރައްޔިތުން އޭނާ އަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަނަސް ވިދާޅުވީ ގޮތުގައި މާފަންނު މެދު ދާއިރާގެ ގޮނޑިއަކަށް ވާދަކުރައްވަން ނިންމެވީ އޭނާގެ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުން ހުރީމަ އެވެ. އަދި މިވަގުތު، ގައުމަށް ހިދުމަތް ކުރެއްވުމަށް އެންމެ ބޭނުން ވަނީ މަޖިލީހުގެ ތެރެއިން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
"އެމްޑީޕީ ހިމެނޭ ގޮތަށް އުފައްދާފައިވާ ކޯލިޝަންގެ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރަން މަޖިލީހުގެ ތެރެއިން ކަންކަން ކުރުމަށް އަންނަން ބޭނުންވަނީ،" އަނަސް ވިދާޅުވި އެވެ.
އަނަސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީ އެންމެ ހީނަރުވި ދަނޑިވަޅުގައި ޕާޓީގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ. އެގޮތުން، އެމްޑީޕީއަށް ކުރީގެ ސަރުކާރުގެ ފިއްތުންތައް އައި ދުވަސްވަރު، އެ ޕާޓީގެ ކުރީ ސަފުގައި އުޅުއްވި އެއް ބޭފުޅަކީ ވެސް އަނަސް އެވެ.
އަނަސް ކުރިމަތިލައްވާ ދާއިރާގައި މިހާރު ހުންނެވީ އަސްމާ ރަޝީދެވެ. އަސްމާ މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވަ އެވެ.
އަނަސް، މާފަންނު މެދު ދާއިރާގެ ގޮނޑި އަށް ވާދަ ކުރައްވަން ނިންމެވި އިރު، އެމްޑީޕީގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން ވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.
އެގޮތުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވާދަ ކުރައްވަން ނިންމަވާފައި ވަނީ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގަ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރި އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަންގެ ޓިކެޓުގައި ވާދަ ކުރެއްވުމަށެވެ. ނަމަވެސް ވަކިވަކި ޕާޓީތަކަށް ދޭނެ ދާއިރާތަކެއް އަދި ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
25 November 2018
ކޮބާ ގޭ ކުދީންނަށް ދީފަ އެހެންމީހަކަށް ނެތެއްނު ގޮނޑި އެއްވެސް ލިބޭކަށް
ޙަސަން 256373
25 November 2018
ރާއްޖޭގައި އައްޑޫ މީހުން ނޫނީ ނެތީތަ؟ ކީއްވެ އަބަދު އައްޑޫ؟ އެހެން އަތޮޅުތައް ވެސް އެބަ އޮތް! އެހެން ރަށްތަކުގަވެސް މީހުން އުޅޭ! ހަމަ ތަޢުލީމީ ހޭޖެހޭ މީހުން ތިބީ! ވިސްނާލާ! ދިވެހީންނަށްވޭ! އެއްބައިވަންތަ މައް ދިވެހީންގެ ގޮތުގައި ތިބެމާ!
ސީމާ އައިޝާ
24 November 2018
އަނަސް އަށް ކާމިޔާބީ އަކަށް އެދެން.
ނިލިސް
24 November 2018
އަނަސް އަށް ކާމިޔާބަށް އެދެން.
ވާލުސޮރު
24 November 2018
އިވޭ އަޑުތަކަށް ބަލާއިރު ތައުލީމީ ގިނަ ބަޔަކު މިފަހަރު މަޖިލިހުން ފެނުން އެކަށީގެންވޭ. އެކަމަކު ކިޔަވައިގެން މަތީފާސް ހޯދާފަވާ ކަމަށް އެކަށޭނަ މީހާ ހުއްޓާ ތަނެއްގަ ހުންނަ "މަރުމޯލަކަށް"ވެސް ރައްޔިތުން ވޯޓުދީގެން ހޮވާފާނެ. ނިމިދިޔަ މަޖިލިސް އިންތިޚާބުގަ ވެސް ބައެއް ދާއިރާތަކުން އެކަން ފެނިފަވޭ. މިއީވެސް ޑިމޮކްރެސީގެ މައްސަލައެކޭ ބަޔަކު ބުނެފާނެ.
ގަމާރު
25 November 2018
ބުނަން ރަނގަޅު ވާހަކައެއް؟ ވާލުސޮރު އަނގަމަޑުން ލައިގެންހުރޭ. ތިބުނާ ކިޔަވައިގެންތިބިމީހުންގެ ހުރީ ކޮން އޮއްޓަރެއް؟ އެއުޅޭ ޕީއެޗްޑީ ޑޮކްޓަރ ޚަލީލުމެނަށްވުރެ އައްޑޫ ހިތަދޫ މެމްބަރ ނިޒާރުމެންވެސް މާ ރަނގަޅު. ހަމައެކަނި ފާހެއްނޫން މުހިންމީ. މީގެ މާނައަކީ ވެއިޓަރު ފެންވަރު މީހުންހޮވާށެކޭނޫން.
ރުމާލު
25 November 2018
ޕީއެޗްޑީ އެއް ނޫން މައްސަލަޔަކީ. މަގާމުގެ ބާރުގަ ކެމްޕޭންކުރާތީ މައްސަލަޔަކީ. އިސްތިއުފާދީފަ މިކަމާއުޅުނީމަ، ހަމަހަމަ ވާނީ!