އުމްރާ އަށް ފުރަން އުޅުނު މީހުންނަށް ވިއްކި 1.6 މިލިއަން ރުފިޔާގެ ވަގު ޓިކެޓުގެ މައްސަލަ ބަލަނީ

އަސްކޮއި ހައްޖު، އުމްރާގެ ހަވާލުގައި އުމްރާ އަށް ފުރަން ހަމަޖެހިފައިވާ 150 އަށް ވުރެ ގިނަ މީހުންނަށް ވިއްކި 1.6 މިލިއަން ރުފިޔާގެ ވަގު ޓިކެޓުތަކުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.


އަސްކޮއި ގްރޫޕަށް ބަޔަކު ވަގު ޓިކެޓުތަކެއް ވިއްކާފައިވާކަން އެނގުނީ އިއްޔެ ހަވީރު އެ ގްރޫޕުގެ 50 މީހަކު އުމްރާއަށް ފުރަން އެއާޕޯޓަށް ދިޔަ ފަހުންނެވެ.

ވަގު ޓިކެޓުތައް ހަދާފައި ހުރީ ސްރީ ލަންކަން އެއާލައިންސްގެ ނަމުގަ އެވެ. ދަތުރުގެ މަންޒިލާއި ފުރަން ހަމަޖެހިފައި ތިބި މީހުންގެ ނަންތައް ޓިކެޓުގައި ހުރި ނަމަވެސް ފްލައިޓު ނަންބަރު އޮތީ ނުބައިކޮށެވެ.

އުމްރާ އަށް ފުރަން ހަމަޖެހިފައި އޮތް މީހުންގެ ޓިކެޓު ގަތުމަށް އަސްކޮ ހައްޖު، އުމްރާ ގްރޫޕުން ވަނީ 2-3 ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. މައްސަލަ ޖެހިފައި ވަނީ ސަމްހާ ގްރޫޕް އިންޓަނޭޝަނަލްގެ ފަރާތުން ގަތް ޓިކެޓުތަކުގަ އެވެ.

ސަމްހާ ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު އަބްދުއްރަޝީދު އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ އެ ކުންފުންޏާ ގުޅިގެން 216 ޓިކެޓު ގަތުމަށް އަސްކޮއި އިން ހަވާލުކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ޓިކެޓުތަކެއް ވެސް ގަނެފައި ވަނީ ޑީބީ ޓްރެވަލްސް ކިޔާ ބައެއްގެ އަތުން ކަމަށް އޭނާ ބުންޏެވެ.

"ޑީބީ ޓްރެވަލްސްގެ ވެރިޔާ މިހާރު އެއްބަސްވެއްޖެ ވަގު ޓިކެޓުތަކެއް ހުރި ކަމާއި އެ ޓިކެޓުތައް ހަދާފައި ވަނީ އެ އޮފީހުގެ މުވައްޒަފެއް ކަން،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޑީބީ ޓްރެވަލްގެ މެދުވެރިކޮށް ޓިކެޓު ގަތުމަށް މީގެ ހަތަރު މަސް ކުރިން 2.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. ޑީބީ ޓްރެވަލްސްގެ ފަރާތުން ގަތް 216 ޓިކެޓުގެ ތެރެއިން 168 ޓިކެޓަކީ ވަގު ޓިކެޓުކަން މިހާތަނަށް އެނގިފައިވާ ކަމަށް ވެސް އަބްދުއްރަޝީދު ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ އެވެ.

އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުސް އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަސްކޮއި ގްރޫޕުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިއްޔެ ނުފުރުނު 50 މީހުންނަށް ވީހާ އަވަހަކަށް ފުރޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން 44 މީހަކަށް އަލުން ޓިކެޓު ހަމަޖައްސާފައިވާ ކަމަށް ވެސް އެ ގްރޫޕުން ބުންޏެވެ.

އަސްކޮއިގެ ހަވާލުގައި އިއްޔެ އުމްރާއަށް ފުރަން އުޅުނު ނޫސްވެރިއެއް ކަމަށްވާ އަލީ ޔޫސުފް ބުނީ ދަތުރުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް އަސްކޮއި އިން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަތަކަށް ޓިކެޓެއް ވެސް ނުލިބޭ. ޓިކެޓު ގަތީ ވެސް އަސްކޮއި ގްރޫޕުގެ ފަރާތުން. އަޅުގަނޑުމެން ފުރަން ގޮސް އެއާޕޯޓުގައި އެތައް އިރަކު ތިބި ފަހުން އެނގުނީ މިއަދު ފުރެން ނެތްކަން،" އޭނާ ބުންޏެވެ.

އަސްކޮއި ގްރޫޕުގެ ބައެއް މީހުންނަށް އިއްޔެ ނުފުރުނު އިރު ހެނދުނު ވަނީ އެ ޖަމާއަތުގެ 50 މީހަކު ފުރައިފަ އެވެ. އޭގެ ތެރޭގައި ނުފުރުނު ބައެއް މީހުންގެ އާއިލާ މެންބަރުން ވެސް ހިމެނެ އެވެ.