ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް އިބްރާހިމް ހޫދު އަދި ބައެއް މިނިސްޓްރީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ ހޫދު އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވާފައި ބޭފުޅެކެވެ. އޭރު ހޫދު ހުންނެވީ ނައިބު ރައީސް މުހައްމަދު ވަހީދުގެ ސެކްރެޓޭރިއޭޓުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގަ އެވެ. ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ހޫދު ވަނީ ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ މަގާމުގަ އެވެ. އަދި އޭނާ ވަނީ ފޮރިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުން:
- މިނިސްޓަ އޮފް ސްޓޭޓް ފޯ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އަހުމަދު އަފްޒަލް އިބްރާހީމް (ގ. ކަނޑުވައިގެ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ހެލްތު، މުހައްމަދު ޒުހެއިރު (މ. އޯޝޭނިއާ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ހެލްތު، ޝާހް އަބްދުﷲ މާހިރާއި (ވ. ފަށާމަންޒިލް)
- މިނިސްޓަ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، ފާތިމަތު ނަސީރު (ސ. ހިތަދޫ. ރަށްދެބައިގެ)
މިނިސްޓަ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން- އަހުމަދު ޒުހައިރު (ސ. ހިތަދޫ ރޭއަލިވާގެ)
މިނިސްޓަ އޮފް ސްޓޭޓް ފޯ ޓޫރިޒަމް- އަހުމަދު ސޯލިހް (ދަފްތަރު ނަންބަރު ރސ 1861)