ސިޔާސީ ޕާޓީއެއް އުފައްދަން އާސިފަށް ހުއްދަ ދީފި

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.


އެ ކޮމިޝަނުން ބުނީ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފައްދަނީ ވެރިކަަމަށް އައުމަށް ކަމަށެވެ. އެހެންވެ އޭނާ އިސްވެ އުފައްދާ ޕާޓީގެ މަގުސަދަކީ ވެސް ވެރިކަމަށް އައުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް އަކީ މި ސަރުކާރާ ސީދާ އިދިކޮޅު ޕާޓީއަކަށް ނުވިއަސް ސަރުކާރުން ކުރާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާރަވެރިވާނެ ކަމަށެވެ.

"އެއްބައިވާން ޖެހޭ ކަންކަމުގައި އެއްބައިވާނެ، ފާޑުކިޔަންޖެހޭ ކަންކަމުގައި ފާޑު ވެސް ކިޔާނެ. ސިޔާސީ ކުރިމަގުގައި އާ ވިސްނުންތަކެއް ހުރުމުން ޕާޓީއެއް މި އުފެއްދީ،" އާސިފް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ދިނުމުން، ޕާޓީ ރަޖިސްޓްރީކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އާސިފް ވިދާޅުވީ ޕާޓީ އަށް މީހުން ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ވެސް ސޮއިކުރަން ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ސިޔާސީ ޕާޓީއެއް އުފައްދަން ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް އީސީން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީކުރަންޖެހޭ ކަންކަން ކޮށްފައިނުވާތީ، އެ ކޮމިޝަނުން ވަނީ ދެ ވަނަ ފަހަރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފަ އެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީ އެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.