އަލިފާން ނިއްވުމުގައި ސައިކަލް ބޭނުންކުރަން ފަށައިފި

އަލިފާން ނިއްވުމުގެ ހިދުމަތަށް ސައިކަލް ތައާރަފުކޮށް އެމްއެންޑީއެފުން އެ ބޭނުންކުރަން މިއަދު ފަށައިފި އެވެ.


އެ ހިދުމަތް ތައާރަފުކުރަން ސެނަހިޔާ ކުރިމަތީގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ އަލިފާން ނިއްވުމަށްޓަކައި ތައާރަފުކުރި ދެ ސައިކަލުގެ ސަބަބުން ހަނި މަގުތަކުގައި ހުންނަ ތަންތަނަށް އަވަސްކަމާ އެކު ދެވޭނެ ކަމަށެވެ.

މިއީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އަށް ދިރާގުން ހަދިޔާކުރި ދެ ސައިކަލެވެ.

އެމްއެންޑީއެފުން ބުނީ ސައިކަލުތައް ފަރުމާކޮށްފައިވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ ހިޔާލާ އެއްގޮތަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ސައިކަލުގައި ފަޔާ ބެކްޕެކެއް ބަހައްޓާފައި ހުރެ އެވެ. ދެ ލީޓަރުގެ ކޮމްޕްރެސްޓް އެއާގެ އެހީތެރިކަމާ އެކު ބޭނުންކުރާ އެ ފަޔާ ބެކްޕެކްގައި 10 ލީޓަރުގެ ފެން ހިމެނެ އެވެ. އަދި ސައިކަލުގެ ދެ ފަރާތުގައި އަލިފާން ނިވި ހަރުކޮށްފައިވާ އިރު ސައިކަލުގެ މަޑި ދަށުގައި، ބަންދު ތަންތަނުގައި އަލިފާން ނިއްވަން ބޭނުންކުރާ ޑްރައި ސްޕްރިންކްލާ ޕައުޑާ ވެސް ރައްކާކޮށްފައި ބެހެއްޓެ އެވެ.