މައްސަލަ ހައްލުކުރަން ގޭންގުުތަކުގައި އުޅޭ ޒުވާނުންނަށް މިނިސްޓަރު މަހުލޫފުގެ ދައުވަތެއް

ގޭންގުތަކުގައި އުޅޭ ޒުވާނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައި އެކަންކަމަށް ހައްލެއް ގެނައުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ދައުވަތު ދެއްވައިފި އެވެ.


އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގޭންގުތަކުގެ ޒުވާނުން ގޮސް މީހުން މެރުމާއި ގާނޫނާ ގަވާއިދާ ހިލާފު ކަންކަން ކުރުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ ޒުވާނުންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރެއްގެ ހައިސިއްޔަތުން އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގްރޫޕުތަކުގައި އުޅޭ ޒުވާނުންގެ ސަބަބުން މި މުޖުތަމައުއަށް ވަރަށް ބިރުވެރި، ދެރަ އަދި ނާމާންކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ މުޖުތަމައުގެ ތެރެއަށް އެ ޒުވާނުން ނެރެ ބަލައިގަންނަ ބަޔަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިކަމުގައި [ގޭންގުތަކުގައި] އެންމެ ބޮޑަށް ތާށިވެފައި މިތިބީ ޒުވާނުން. އެހެންވެ، މިއަދު އަޅުގަނޑު މި މަގާމުގައި ހުރީމަ އަޅުގަނޑުގެ ވަރަށް ބޮޑު ޒިންމާއެއްކަމަށް ދެކެން، މަސައްކަތުގައި އެންމެ އިސްކަމެއް ވެސް ދޭނެ އެއް ކަމަކީ ވެސް ރާއްޖެގައި މި ހިންގާ ގޭންގު މާރާމާރީތަކަށް ހައްލެއް ގެނެވޭނެ ގޮތެއް ހޯދުން،" މަހުލޫފު ވިދާޅުވި އެވެ.

މާރާމާރީއެއް ހިންގި ސަރަހައްދުގަައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ.--

"ވަރަށް އޯޕަންލީ އިންވިޓޭޝަނެއް މި ދެނީ އަޅުގަނޑުމެންނާއެކީ ރީއްޗަށް އިށީންދެގެން ވާހަކަދައްކައިގެން އިތުރަށް އެއް ބަޔަކު އަނެއް ބަޔަކު ވަޅި ހަރައި މަރާ އެކަން ނުކޮށް، ކިހިނެއްތޯ އެކަން ހައްލުކުރާނީ."

އޭނާ ވިދާޅުވީ ގޭންގުތަކާ ގުޅޭ މައްސަލަތައް ހައްލުކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާއި ވެސް މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ މި މައްސަލަ ހައްލުކުރަން... މިހާ ބޮޑު ރައްޔިތުންގެ ކަންބޮޑުވުމެއް އޮތް ކަމެއް ވީމަ އަޅުގަނޑު މިހުރީ ތައްޔާރަށޭ ގޭންގުތަކާ އެކީގައި ވާހަކަދައްކައިގެން މިކަމަށް ހައްލެއް ގެންނަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަމުގައި އުޅޭ ފަރާތްތަކަށް، ފްރެންޑްލީ އަތެއް މި ދިއްކޮށްލަނީ އަޅުގަނޑުމެންނާއެކު ވާހަކަދައްކައި އެކަމަށް ހައްލުކުރަން،"

ގޭންގުތަކާ ގުޅޭ މައްސަލަ ހައްލުކޮށް ގައުމު އަމާންކުރާނެ ކަމަށް ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް ވިދާޅުވެ އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބި އެއް އަހަރުން އަނެއް އަހަރަށް މާރާމާރީތަކާއި މީހުން މެރުން ވަނީ އިތުރުވެފަ އެވެ.

ނުރައްކާތެރި ކުށްވެރިންތަކެއް ފާހަގަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޒުވާނުންތަކެއްގައި ފައިގައި ޓެގް އަޅުވާފައި ވެ އެވެ. އެކަން ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދިޔަ އެވެ.

ޒުވާނުންނާ ގުޅުންހުރި ތަފާތު ދާއިރާތަކުން މަސައްކަތް ކުރާއިރު، ރިސްކުގައި ތިބި މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އެކަމުގައި ބޭރުގެ އެހީތެރިކަން ހޯދާނެ ކަމަށް ވިދާޅުވި އެވެ.