ޕީޕީއެމްގެ ވޯޓާއެކު ރާއްޖެ އިން ކޮމަންވެލްތުގައި ބައިވެރިވުމަށް ކޮމިޓީން ފާސްކޮށްފި

އިދިކޮޅު ޕީޕީއެމްގެ ވޯޓާއެކު، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ތާއީދުކޮށްފި އެވެ.


ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމަށް ކެބިނެޓުން ނިންމީ މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. ކެބިނެޓުން އެގޮތަށް ނިންމިޔަސް، ކޮމަންވެލްތުގައި ރާއްޖެ އަށް ބައިވެރިވެވޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ. އަދި އެކަމަށް ވޯޓަށް އެހުމަށް މާދަމާގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ.

ރާއްޖެ އިން ކޮމަންވެލްތުގައި ބައިވެރިވުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ފާސް ކުރީ ވެރިކަން ކުރާ ކޯލިޝަން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމާއި އެމްޑީއޭ މެމްބަރުންގެ އިއްތިފާގުންނެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން އެގޮތަށް ފާސް ކުރީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގާއި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާނާއި ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީގެ ވޯޓާ ވެސް އެކުގަ އެވެ. އެއީ، ކޮމަންވެލްތުން ވަކިވުމަށް ފެންނަ ކަމަށް މީގެ ދެ އަހަރު ކުރިން، 2016 ވަނަ އަހަރު މަޖިލީހުގެ ތަޅުމުގައި ވޯޓު ވެސް ދެއްވި މެމްބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ފުރަތަމަ ހަފުތާގައި، ކޮމަންވެލްތާ ގުޅެން ހުށަހެޅުން ހިމެނެ އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ޖަމާއަތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ. ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ އެތައް ފައިދާއަކުން މަހްރޫމްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑު އުފުލި އެވެ. އެކަމަކު، ކުރީގެ ސަރުކާރުން ގަބޫލު ކުރީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެނީ ކަމަށެވެ.

ނަމަވެސް ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ގޮވާލަމުން ގެންދިޔައީ ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ސަރުކާރުގެ އަމަލްތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމަށެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ޖުލައި 9، 1982 ގަ އެވެ. އަދި އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ.