ހާލުގައި ޖެހުނު 20 މީހުން ހޮޓަލެއްގައި، މިއަދު ގެތަކަށް ބަދަލު ކުރެވޭނެ: އެންޑީއެމްސީ

މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ގެއަށް ފެންވަނުމުގެ ސަބަބުން ގެއްލުންތަކެއް ލިބުނު ދެ އާއިލާއެއްގެ 20 މީހުންނަށް ބީ ހައިވް ހޮޓަލުން އެކޮމެޑޭޝަނާއި ކެއުން ރެއިން ފެށިގެން ހަމަޖައްސާ ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ބުނެފި އެވެ.


އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި މުޅި މާލޭގައި އިއްޔެ ފެންބޮޑުވުމުން 117 ގެއަކަށް ފެންވަދެ ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ. އޭގެ ތެރެއިން ދެ ގެއެއްގައި ދިރިއުޅުނު ދެ އާއިލާއެއްގެ މީހުން ރޭ ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އެންޑީއެމްސީގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަން "މިހާރު" އަށް ވިދާޅުވީ ބީ ހައިވް ހޮޓަލުން ރޭ އެކޮމެޑޭޝަނާއި ކެއުންބުއިން ހަމަޖައްސާފައި ވަނީ ބޮޑު 11 މީހުންނަށާއި ނުވަ ކުޑަކުދިންނަށް ކަމަށެވެ. އެ މީހުންގެ ގެތަކަށް އަވަހަށް ނުވަދެވޭނެ ވަރުގެ ގެއްލުންތަކެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ވަރަށް އަވަހަށް ގެތަކަށް ބަދަލު ކުރެވޭނެ. މިހާރު އަޅުގަނޑުމެންގެ ޓީމުތައް ދަނީ އެ ގެތަކަށް ގޮސް ހާލަތު ބަލަމުން. އެކަމަކު މިއަދަށް އެމީހުންގެ ތިބުމާއި ކެއުމުގެ ކަންކަން ވާނީ ހަމަޖައްސާފައި،" ހިސާން ވިދާޅުވި އެވެ.

ކާރިސާއާ ގުޅޭ މައުލޫމާތު ހިސާން މިހާރު އަށް ދެއްވަނީ-- ފޮޓޯ: ނިޝާތު އަލީ/މިހާރު

ފެން ބޮޑުވި ހުރިހާ ގެއަކުން ފެން ހިއްކައި ރޭ ނިންމާލާފައިވާއިރު އެގޭގެ ހިފާގެންގުޅޭ ބައެއް ތަކެއްޗަށް ވަނީ ގެއްލުންތައް ލިބިފަ އެވެ. ތަފްސީލް ބެލުމަށް އެންޑީއެމްސީން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވިއްސާރައިގެ ސަބަބުން 168 ގެއަކުން ކަރަންޓު ކެނޑުނު ކަމަށާއި ނަމަވެސް ރޭ 1:00 ޖަހަން ވާއިރަށް ސްޓެލްކޯ އިން އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދީފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ފެން ހިއްކުމުގެ މަސައްކަތުގައި ދިފާއީ ބާރުތަކާއި ދަރުމައަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވި އެވެ. އެ މަސައްކަތް ނިންމާލާފައި ވަނީ ރޭ ދަންވަރު 2:45 ހާއިރު އެވެ.