އަށް ސަފީރަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ބޭރު ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އަށް ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި އެވެ.


މަޖިލީހުގެ ޖަލްސާގައި ސަފީރުންގެ ގޮތުގައި އައްޔަންކުރަން ފޮނުވި ހުރިހާ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންވި މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް 60 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ.

ސަފީރުންގެ ގޮތުގައި، އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި އިރު، އިތުރު ތިން ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ވަނީ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ. ކޮމިޓީއަށް ފޮނުވީ ތައިލެންޑްގެ ސަފީރަކަށް މުހައްމަދު ޖިނާހާއި ސައުދީ އަރަބިއްޔާގެ ސަފީރަކަށް މުހައްމަދު ޚަލީލާއި ޗައިނާގެ ސަފީރަކަށް އައިޝަތު އަޒީމާ އައްޔަން ކުރެއްވުމާ މެދު ގޮތެއް ނިންމުމަށެވެ.

މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި އަށް ބޭފުޅުންނަކީ:

1- އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް، އެމެރިކާ ސަފީރަކަށް ތިލްމީޒާ ހުސެއިން، މ. ނޫހިރި

2- ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، ގ. ފިޔާތޮށިގެ

3- އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ހ. ދޫރިހާ

4- ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ހ. ހިކިފިނިފެންމާގެ

5- ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، (ނަންބަރު 4336)

6- ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، ހ. ސީވީޑް

7- އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް، ހ. އަމީނީގެ

8- މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ، ހ. އާޒާދެވާދީ

ބްރަސަލްސްގެ ސަފީރަކަށް އައްޔަން ކުރައްވާ ސޯބިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ސިންގަޕޫރުގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމެވި ޑރ. މައުސޫމަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖަރުމަނުގެ ސަފީރަކަށް އައްޔަން ކުރައްވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ) އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބެ އަހުމަދު ލަތީފެވެ. އޭނާ އަކީ، ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އިންޑިއާގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމެވި ޑރ. އައިޝަތު މުހައްމަދު ދީދީ އަކީ ވިލާ ކޮލެޖްގެ ކުރީގެ އެގްޒެކްޓިވް ޑިރެކްޓަރެވެ.

މެލޭޝިއާގެ ސަފީރަކަށް އައްޔަން ކުރައްވަނީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީގެ މެމްބަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމެވެ. ޑރ. ފަރަހަނާޒް އާއި ތިލްމީޒާ ވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް އިނގިރޭސި ވިލާތާއި އެމެރިކާގެ ސަފީރުގެ މަގާމު ފުރުއްވައިފަ އެވެ.

މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ފާސްކުރި ފާސްކުރުން ބާތިލްކޮށް، އެ މީހުންނަށް އަލުން ފުރުސަތު ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.