ޗާންދަނީ މަގުގައި ދެކޮޅަށް ދުއްވާ ބައި ބަންދުކޮށް ލިލީ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސައި އެ ދެ މަގުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެންނަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަމީރު އަހުމަދު މަގު ހުޅުވައި ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އަމީރު އަހުމަދު މަގު ހުޅުވުމާ އެކު ކުރިން ވެސް އޮތް ގޮތަށް، ހުޅަނގުން އިރަށް އެ މަގުން ދުއްވޭނެ ކަމަށް ވިދާޅުވި އެވެ.
ސީއެޗްއެސްއީ ހުންނަ ލިލީ މަގަކީ މިހާރު ދެކޮޅަށް ދުއްވޭ މަގެކެވެ. އެ މަގަށް ބަދަލު ގެނައުމާ އެކު ދެން ދަތުރުކުރެވޭނީ ޗާންދަނީ މަގުން ވަދެގެން އިރަށެވެ.
ލިލީ މަގުން އިރުމައްޗަށް ދުއްވޭ ގޮތަށް ބަދަލުކޮށް، ސިފައިންގެ އާ ދިމާލަށް ދެވެން އޮންނަ ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު މަގުން ގޮސް މެދުޒިޔާރަތް މަގަށް ނުކުމެވޭނެ އެވެ. ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު މަގުން މިހާރު ދަތުރު ކުރެވެނީ ލިލީ މަގަށެވެ.
މީގެ އިތުރުން އެހެން މަގުތަކުގެ ޓްރެފިކް ފްލޯ އަށް ވެސް ބަދަލުތަކެއް ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ރަފީއު ވިދާޅުވީ އެއީ ގިނަ އަދަދެއްގެ ސްކޫލްތައް ހިމެނޭ ސަރަހައްދަކަށް ވުމުން އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި މަގުތަކުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނައި ނަމަވެސް އާއްމުންނަށް އުނދަގުލެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.