ދެ ސަފީރަކަށް ރުހުން ނުދޭން ކޮމިޓީން ފާސްކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ފަރާތުން ދެ ގައުމަކަށް ކަނޑައެޅުއްވި ސަފީރަކަށް ރުހުން ނުދިނުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރަށް އަޣުލަބިއްޔަތު އޮންނަ ކޮމިޓީން ފާސް ކުރީ ތައިލެންޑްގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޖިނާހު، މއ. ތިބްރޯޒް އަދި ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް މުހައްމަދު ޚަލީލް، ގ. އުތުރުގެއާގެ އައްޔަން ކުރަން ނުފެންނަ ކަމަށެވެ. އެކަމަކު، ޗައިނާގައި ހުންނަވާ ސަފީރަކަށް އައިޝަތު އަޒީމާ، މ. ބީނާފުށި އައްޔަން ކުރަން ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ ރުހުން ދީފަ އެވެ.

ޖިނާހާއި ޚަލީލަށް ރުހުން ދޭން ނުފެންނަ ކަމަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޒިމެވެ. ޝަރީފްގެ ހުށަހެޅުމަށް ކޮމިޓީގައި ވޯޓަށް އެހުމުން، އޭނާ އާއި ނާޒިމްގެ އިތުރުން، ތޮއްޑޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިބްރާހިމް ހަސަނާއި ހޯރަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވޯޓު ދެއްވީ އެ ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށެވެ.

ނަމަވެސް، ކޮމިޓީގައި ތިއްބެވި ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފާއި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވޯޓު ދެއްވީ ޚަލީލާއި ޖިނާހު އަށް ރުހުން ދޭން ފެންނަ ކަމަށެވެ.

ކޮމިޓީން އެގޮތަށް ކަނޑައެޅި ނަމަވެސް، އަންނަ ހޮނިހިރު ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި އެބޭފުޅުންނަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އަހާނެ އެވެ. މީގެ ކުރިން، އަށް ސަފީރަކަށް ރުހުން ދޭން މަޖިލީހުން ފާސް ކުރިއިރު، ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ވަނީ އެ ހުރިހާ ބޭފުޅުންނަށް ރުހުން ދީފަ އެވެ.

މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި އަށް ބޭފުޅުންނަކީ ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް ތިލްމީޒާ ހުސައިން، ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް އަދި މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ އެވެ.