ނާޒިމް ނޫސްވެރިންނާ ވާހަކަ ދަައްކަވަނީ.
13 ޑިސެމްބަރ 2018 - 17:07
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ގައި ހުކުމްކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާ ކުރުމުންނެވެ.
އެ ހުކުމް ރިވިއުކުރަން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނާޒިމްގެ ފަރާތުން ފާހަގަކުރި އިޖްރާއީ ނުކުތާއަށް ބަލާއިރު، ކުރީގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާތީ އެ ހުކުމް ބާތިލްކުރާ ކަމަށެވެ.
އިޖްރާއީ ނުކުތާއެއްގެ ގޮތުގައި ނާޒިމްގެ ފަރާތުން ފާހަގަކުރީ އޭނާއާ އެއްކޮޅަށް 2014 ގައި ހައި ކޯޓުން ކުރި ހުކުމް ދައުލަތުން އޭރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއިރު، އިސްތިއުނާފްގެ މުއްދަތު ހަމަވެފައި އޮތުމެވެ.
ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ އަރީފް ވިދާޅުވީ އިސްތިއުނާފް މުއްދަތު ހަމަވުމުގެ ކުރިން މައްސަލަ ހުށަނޭޅި އޮތީ ހައި ކޯޓުން މައްސަލަ ނިމުނުއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އޭރު ހުސްކޮށް އޮތުމުން ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެކަމަކު އާ ޕީޖީއަކު އައްޔަން ކުރުމަށް ފަހު ވެސް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމާ ދެމެދު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ދައުލަތުން ވެސް އެއްބަސްވެފައިވާ ކަމަށް ފަނޑިޔާރު އަރީފް ވިދާޅުވި އެވެ.
އިސްތިއުނާފް ހައްގަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު އަރީފް ވިދާޅުވީ އެކަމަށް ކަނޑައެޅިފައިވާ މުއްދަތު އެކި ގައުމުތަކުގައި ތަފާތު ކަމަށެވެ. އެ މުއްދަތު ހަމަވާއިރު އިސްތިއުނާފަށް ހުށަނޭޅި އޮތުމަކީ ދަށު މަރުހަލާގެ ހުކުމް ނިހާއީ ހުކުމެއް ކަމުގައި ކަނޑައެޅިގެންދާ ކަމެއް ކަމަށާއި އަދި އެ މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ދެވެނީ ވެސް ހަމައެކަނި ޚާއްސަ ހާލަތްތަކުގައި އެކަނި ކަން ފަނޑިޔާރު އަރީފް ފާހަގަ ކުރެއްވި އެވެ.
ހުކުމް އިއްވި މަޖިލީހުގައި ނާޒިމް ވެސް ހާޒިރުވެ އިންނެވި އެވެ.
ފަނޑިޔާރު އަރީފްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރިއިރު، އެ މައްސަލަ ބަލަމުންދާތީ އޭނާގެ ޖަލު ހުކުމް ފަސްކުރަން އެ ކޯޓުން މިދިޔަ މަހު އޮތީ އަމުރުކޮށްފަ އެވެ. އަމިއްލަ އަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ނާޒިމް ރާއްޖެ ވަޑައިގަތީ ވެސް ސުޕްރީމް ކޯޓުން އެ އަމުރު ނެރުމުންނެވެ.
ނާޒިމް ޖަލަށްލާން 2015 ގައި ކުރި ހުކުމާ އެކު އޭނާގެ މެމްބަރު ކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ދުވަސްކޮޅެއް ވަންދެން ޖަލުގައި ހުންނެވުމަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.
ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭޭފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ކުރިން ވަނީ ބާތިލްކޮށްފަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލަށްލި މައްސަލައިގެ ހުކުމް އިއްވުން ވެސް ސުޕްރީމް ކޯޓުން މިރެއަށް ވަނީ ތާވަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަވްލީމޫސުމް
14 December 2018
ޑިމޮކުރަސީ ކަމުނުދަނީ މޫސުމީހުކުމް އޮންނާތީ.
މަރުމޯލު
14 December 2018
ނާޒިމަށް ބަދަލު ލިބެންޖެހޭ! ބަދަލު ހޯދަންވީ ނުހައްޤު ޙުކުމް ކުރި މީހުންގެ އަތުން!
ފަޑިޔާރު މަނިކު
14 December 2018
ކޮބާ ދިދަތައް..ކޮބާ ދައުލަތުން ދިދަ ތަކައް ނެގި ފައިސާ..ކޮބާ ބިޑު ހުޝައެޅި ކުންފުނިތައް .. ޖަވާބު ލިބެންޖެ..
ސައީދުތުރީ
14 December 2018
މިވަރުގެކަމެއް މިދުނިޔެމަށްޗަކުންނުފެންނާނެ އެކަމަކުއެމީހަކަށް ދަށްކަވަންހުރި ކަމެއްދަށްކަވާފައި މަރުގަންނަވާނީ ސަހަރޯމިޔޮތް ދުނިޔެއެއް؟؟؟؟؟؟؟؟؟
ޔާމީނު
14 December 2018
ހުދު ކާފޫރަށް ވެއްޖެ. މީނަ އެހެން މީހުން އޯކޭ މިހާރު ކިހާ ތާހިރު
ލާލް
13 December 2018
ނާޒިމް ގޮނޑި ނުގެއްލެނެ. މަޖިލިހަށް ވަދެވޭނެ
ހަޝްމަ ފުއާދު
13 December 2018
ފްރޭމްކުރި މީހުން މިއަދުވެސް ތިބީ މިނިވަންކަމުގައި. އެމީހުން ކުރިކުަށަށް ޙުކުމް ކުރެވުމުން ޙަޤީޤީ އިންސާފު ޤާއިމުވެގެން ދިޔަކަމަށް ވާނީ. އަނިޔާ ލިބުނު މީހުން ޖަލުތަކުން ނެރެވުނަސް އަނިޔާ ދިން މީހުން ރީތިކޮށް ތިބެންޔާ މާދަމާ އެކަހލަ އެތައް މުޖުރިމުންނަށް ހިތްވަރު ލިބި އަނެއްކާވެސް ޤައުމު އަނދިރިކަމުގެ ތެރެއަށްދިއުންގާތް. އަވަސް ފިޔަވަޅު އަޅުއްވާ. ހެކިތައް ދާނީ އަބަދުވެސް ނެތެމުން ނައްތާލަމުން. ޤައުމު ހޯދުނީ ބޮޑު ބިރުވެރިކަމަކުން ބުރަ މަސައްކތުން
Fisaarikanbaleh
13 December 2018
ނިކަމެތި މީހާ ބަރާބަރަށް ހުކުމް ތަންފީޒު ކުރަންޖެހޭ، އެކަމަކު ސިޔާސީ މީހާ ވެރިކަން ބަދަލްވާއިރަށް ހުދުކާފޫރަށް ބަދަލްވޭ، އިންސާފަކީ ހަމަހަމަ އެއްޗަކަށް ވާންޖެހޭނެ،
ޙަސްހަސަން
13 December 2018
ޢަބަދު ކުއްވެރިންގެ ވާހަކަ ނުދައްކާ ބަންގުލަދޭސް މީހުން މި ގައުމަށް ވެރިކުރުމުގެ ކުރިން މިކަން ހައްލުކުރުމައް މަސައްކަތް ކުރުމައް ނޫސްވެރިންނައް ގޮވާލަން.
ބަދަވި
13 December 2018
ހުރިހާ ބޮޑެތިމީހުންގެ ހުކުމް ރިވިއުކޮށްދެނީ ކުދި މީހުންވެސް ދޫކޮށްލާ