އެމްޓީޑީއަށް 3000 މެމްބަރުން ހަމަކޮށް އީސީއަށް ފޯމު ހުށަހަޅައިފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީސީ) އަށް 3333 މެމްބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްވެ ހުންނަވައި އުފައްދަވާ އެމްޓީޑީ އަށް 3000 އަށްވުރެ ގިނަ މެމްބަރުންގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ފޯމުތައް ބެލުމަށްފަހު، ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް ވަރަށް އަވަހަށް ހުއްދަ ދޭނެ ކަމަށެވެ.

ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމައި މަދުވެގެން 300 މީހުން ބައިވެރިވާންޖެހޭނެ އެވެ. އީސީގެ ދަށުން ބާއްވާ ބައްދަލުވުމުގައި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ މެނިފެސްޓޯ ފާސްކުރަންޖެހޭނެ އެވެ. ޕާޓީއަށް ހުއްދަ ދޭނީ އެކަންތައް ކޮށްފައި ހުށަހެޅުމުންނެވެ.

އެމްޓީޑީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހެވެ. އެގޮތުން އެ ޕާޓީ އަށް އެންމެ ފުރަތަަމަ ސޮއިކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުން ހަމަކޮށް އީސީ އަށް ހުށަހަޅަން ޖެހޭނެ އެވެ.