މަޖިލިސް އިންތިހާބުގައި ޔާމީންގެ ތާއީދު ރިޔާޒް ރަޝީދަށް

އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ވާދަނުކުރަން ނިންމައި، އެ ދާއިރާގެ ގޮނޑިއަށް މިހާރު މެމްބަރުކަން ކުރައްވާ ރިޔާޒް ރަޝީދު އާ ދައުރަކަށް އިންތިހާބުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.


މަޖިލިސް އިންތިހާބުގައި 13 ދާއިރާއަކުން ޕީޕީއެމް ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިއުލާންކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ވިލުފުށީ ދާއިރާ އަށް ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި ތާއީދު ކުރައްވާނީ މިހާރު ވެސް ދައިރާގައި ހުންނެވި ރިޔާޒަށް ކަމަށެވެ.

ޔާމީން އެހެން ވިދާޅުވި އިރު، ރިޔާޒް ދާދި ފަހުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. ރިޔާޒް، ޖޭޕީއާ ގުޅިވަޑައިގެންނެވި ފަހުން، ޔާމީންގެ ދިފާއުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އޮތީ ހޫނުވެފަ އެވެ. އަދި ރިޔާޒާއި އިތުރު މެމްބަރުންތަކެއް މައްސަލަ ޖޭޕީން ދަނީ ބަލަމުންނެވެ.

ރިޔާޒް ރަޝީދު، ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމަށް އަރުވަނީ.---ފޮޓޯ: ޖޭޕީ

ޔާމީން ވިދާޅުވީ ރިޔާޒް ރަޝީދަކީ ރައްޔިތުންގެ ހައްގުގައި މިނިވަންކަމާ އެކު ވަކާލާތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަން ވަރަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ.

"ޕީޕީއެމްގެ އާއިލާ އަށް ދަންނަވާނީ އަޅުގަނޑަށް ތާއީދު ކުރާ ހުރިހާ ބޭފުޅުން ރިޔާޒް ރަޝީދަށް، ވިލުފުށީ ދާއިރާއަށް ތާއީދުކޮށް ދޭށޭ. މި ގޮނޑި އަޅުގަނޑުމެން ނަގަން ބޭނުންވޭ،" ވިލުފުށީގެ އިތުރުން ތ. މަޑިފުއްޓާއި ތ. ބުރުނީގެ ރައްޔިތުންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، ވިލުފުށީ ދާއިރާއަށް ހޮވުމުގެ ކިރިޔާ ވެސް ފުރުސަތެއް ރިޔާޒަށް އޮތީ ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީ އަށް ވަޑައިގަތީމަ އެވެ. އަދި ރިޔާޒްގެ ވާހަކަތައް ގަބޫލު ކުރެއްވި ކަމަށާއި ރިޔާޒަކީ މަޖިލީހަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިދިޔަ ދެ ދައުރުގައި އޭނާގެ (ރިޔާޒް) ގެ މަސައްކަތްތައް ފެނިގެން ހިނގައްޖެ. އެހެންވީމަ ރިޔާޒަކީ ވަރަށް ވަރުގަދަ އަށް، ރިޔާޒަށް ގަބޫލު ކުރެވޭ ކަންތައްތަކެއްގައި ވަކާލާތުކޮށް އެގޮތުގެ މަތިން މަސައްކަތްކޮށް ދެއްވާ ބޭފުޅެއް،" ރިޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ވިލުފުށީ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު ކެންޑިޑޭޓަކަށް ދީފިނަމަ، ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ވޯޓުތައް ބައިބައިވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، ޕީޕީއެމުން އެ ގޮނޑި އަށް ވާދަނުކުރަން ނިންމީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން މިހާތަނަށް ވަނީ 50 އަށްވުރެ ގިނަ މީހުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދީފަ އެވެ. އޭގެ ތެރޭގައި ޔާމީން ސަރުކާރުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް މިހާރު ވެސް ތަމްސީލް ކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމުން މިއަދު އަލަށް 13 ބޭފުޅަކަށް ޓިކެޓު ދެއްވި އިރު، މާފަންނު އުތުރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގެންނެވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ލައްމާނަށެވެ.

ޕީޕީއެމުން ޕްރައިމަރީއެއް ބޭއްވުމަކާ ނުލައި ޓިކެޓު ކަށަވަރު ކުރެއްވި ބޭފުޅުންނަކީ ދިއްދޫ ދާއިރާއަށް މުހައްމަދު ހަސަން، އިހަވަންދޫ ދާއިރާއަށް އަހުމަދު ނަޒީރު، ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަބްދުއްރަހްމާން އިސްމާއިލް، ކޮމަންޑޫ ދާއިރާއަށް އިބްރާހިމް ރަޝީދު، ކަނޑިތީމު ދާއިރާ އަށް މުހައްމަދު އާރިފް، ތުޅާދޫ ދާއިރާއަށް މުހައްމަދު އަތީފް، ދާންދޫ ދާއިރާއަށް މުހައްމަދު މުއީން، އިސްދޫ ދާއިރާ އަށް އިސްމާއިލް ޝަފީއު، މަރަދޫ ދާއިރާ އިން ޝެރީނާ އަބްދުލްސަމަދު، އައްޑޫ މީދޫ ދާއިރާއަށް މުހައްމަދު އަސްލަމް، މާފަންނު އުތުރު ދާއިރާ އަށް ލީލާ އަލީ އާއި ހިތަދޫ އުތުރު ދާއިރާއަށް މުހައްމަދު ޖިނާން ޖަލީލެވެ.