ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ މިނިސްޓަރު އިމްރާން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ އެލްޖީއޭގެ ބޯޑަށް އިމްރާން ހަމަޖައްސަވައިފަ އެވެ.
އާންމު ގޮތެއްގައި އެލްޖީއޭގެ ބޯޑަށް އައްޔަން ކުރަނީ ހޯމް މިނިސްްޓަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން އެލްޖީއޭގެ ރައީސަކީ އޭރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.
އެލްޖީއޭގެ ބޯޑުގައި ތިބޭނީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރަކާއި ޖެންޑާ އިކުއަލިޓީ ދާއިރާގެ އަންހެން ބޭފުޅަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި ގަނަވަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ބޭފުޅެއް އަދި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
އެލްޖީއޭގެ ރައީސާއި ނައިބު ރައީސަކީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިޚާބުކުރާ ދެ މަގާމު ނަމަވެސް ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.