ހަދަމުން އަންނަ ރިސޯޓެއްގައި ހާހެއްހާ ބިދޭސީން ގަވައިދާ ހިލާފަށް މަސައްކަތް ކުރަނީ

ރާއްޖޭގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި ގަވައިދާ ހިލާފަށް ހާހެއްހާ ބިދޭސީން އުޅޭ މައްސަލައެއް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޯ) އިން ބަލަން ފަށައިފި އެވެ.


ލޭބާ ރިލޭޝަންސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ ހަދަމުން އަންނަ އެ ރިސޯޓްގައި ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، އެ ބިދޭސީން އެތެރެކުރި ބައެއް ހޯދައި، ރިސޯޓަށް އެ މީހުން ދިޔަ ސަބަބު ބަލާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އެ ބިދޭސީން މަސައްކަތް ކުރަމުން ދަނީ ކޮން ރަށެއްގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަލީ ޝަރީފް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އެކަމަކު ތަހުގީގު މަރުހަލާ ނިމުމުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމާރާތެއް ހެދުމުގެ މަސައްކަތް ބިދޭސީން ކުރަނީ. --- ފޮޓޯ: މިހާރު

އަލީ ޝަރީފް ވިދާޅުވީ އެ ރިސޯޓަށް ދިޔައިރު، މައުލޫމާތު ފޮރުވަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މީހުން ދިނީ 1400 އެއްހާ މީހުންގެ މައުލޫމާތު ކަމަށާއި ބާކީ ތިބި މީހުންގެ މައުލޫމާތު ދީފައި ނުވާ ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.

"މާލެ އޮފީހުން އެކޮޅުގައި ހުރި އޮޕަރޭޝަން މެނޭޖަރު ގެނެސް ހުރިހާ މައުލޫމާތުތަކެއް، ޕާސްޕޯޓް ނަންބަރުތަކާ އެއްޗެހި ހޯދިއިރު 2447 ބިދޭސީން އެބަތިބި. އެ މީހުންގެ މައުލޫމާތު ނަގާއިރު، ގިނަ ވަގުތު ނަގާނެ. އެ ހުރިހާ މައުލޫމާތުތައް ވަކިވަކިން ނަގާފައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ،" އަލީ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި 30 ރިސޯޓެއް ބެލި އިރު، ގަވައިދާ ހިލާފަށް ބިދޭސީން ވަޒީފާތަކުގައި ތިބޭ މައްސަލަ ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، ދިވެހިންނަށް ކުރެވިދާނެ ކަހަލަ މަސައްކަތްތައް ކުރުމުގައި ބިދޭސީން ގެންގުޅެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންޓްރެކްޓުތައް ހަދާފައި ހުންނަނީ ރިސޯޓުގެ [މެއިންޓަނެންސް] މަސައްކަތްތަކެއް ކުރާ ގޮތަށް. އެކަމަކު [ބިދޭސީން] ރޫމް ބޯއީންނަށް ވެސް ތިބޭ. ވެއިޓަރުންނަށް ވެސް މީހުން އެބަ ތިބޭ. އަސްލު މި މަސައްކަތްތަކަކީ ދިވެހިންނަށް ކުރެވޭ މަސައްކަތްތަކެއް،" އަލީ ޝަރީފް ވިދާޅުވި އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އިސްވެރިން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. ---ފޮޓޯ: މިހާރު

ލޭބާ ރިލޭޝަނުން ބުނީ ބިދޭސީއަކު ރާއްޖެ ގެންނަ ފަރާތަކުން، އެ ބިދޭސީއެއްގެ ޒިންމާ ނަގަން ޖެހޭ އިރު، ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނާ މެދު އިދާރީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެގޮތުން، ބްލެކްލިސްޓް ކުރުމާއި ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އަށް ދީފައި އޮވެ އެވެ. ގަވައިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

ލޭބަ ރިލޭޝަންސް އިން ބުނީ ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކުގައި ބިދޭސީން ރާއްޖެ އެތެރެކޮށްގެން ވަޒީފާ އަދާކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. ގަވައިދު އޮތް ގޮތުން ވަޒީފާއެއްގައި އުޅޭ ދިވެއްސެއް ހުރި ހާލަތެއްގައި ބިދޭސީއަކު ރާއްޖެ އެތެރެއެއް ނުކުރެވޭނެ އެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.