މާލެ/ހުޅުމާލެ ބަސް ދަތުރަކަށް އަންނަ މަހުން ފެށިގެން 10 ރުފިޔާ ނަގަނީ

މާލެ، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރަކަށް އަންނަ މަހުން ފެށިގެން 10 ރުފިޔާ ނަގަން ނިންމައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކަން މިއަދު އިއުލާންކޮށްފި އެވެ.


މާލެ އާއި ހުޅުލެ ބްރިޖުން ގުޅާލައި ދަތުރުތައް ފެށި ފަހުން މިހާތަނަށް އެމްޕީއެލް އިން ބަހުގެ ޚިދުމަތް ދެމުން އަންނަނީ ހިލެ އެވެ. އެކަމަކު އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ އެކަކުން ފެށިގެން ބަސް ދަތުރުތަކަށް އަގު ނަގާނެ އެވެ.

ބަސް ދަތުރުގެ އަގުތައް

- މާލެ/ހުޅުމާލެ 10ރ.

- މާލެ/އެއާޕޯޓް 10ރ.

- ހުޅުމާލެ/ އެއާޕޯޓް 10ރ.

އެމްޕީއެލް އިން ބުނިގޮތުގައި ބަހުގެ ޚިދުމަތުން އަގު ނަގާނީ އެ ކުންފުނިން އެކަމަށް ތައްޔާރުކޮށްފައިވާ "ޓަޗްލިންކް" ކާޑުންނެވެ. މާލޭގެ ބަސް ސްޓޭޝަނާއި ހުޅުމާލޭގެ މައި ބަސް ސްޓޮފް އިން ކާޑު ވިއްކާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކާޑެއްގެ އަގަކީ 20ރ. އެވެ. ބޭނުން އަދަދަކަށް ކާޑަށް ފައިސާ ރީލޯޑް ކުރެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

ސިނަމާލެ ބްރިޖުގައި ބަހުގެ ހިދުމަތް ދޭން އެމްޕީއެލްއާ ކުރީގެ ސަރުކާރުން ހަވާލުކުރުމުން އެކަމަށް މުޅިން އާ ބަސްތައް ގެންނަން 100 މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.