އެކަނިމާއެކަނި 22 އަހަރު ދިރިއުޅުނު ސަމީހާ މަރުވެއްޖެ

ސ. ހުޅުދޫގައި އެކަނިމާއެކަނި 22 އަހަރުގެ ދިގު މުއްދެއްގައި ދިރިއުޅުނު ސަމީހާ ހަސަން، 83، މިއަދު މަރުވެއްޖެ އެވެ.


ސަމީހާ މަރުވީ އޭނާގެ ހުރިހާ ކަމެއް ޖެންޑާ މިނިސްޓްރީން ބަލަހައްޓަން ފެށިތާ ދެ ދުވަސް ފަހުން ހުޅުދޫ ސިއްހީ މަރުކަޒުގައި އޮވެ އެވެ.

ސަމީހާގެ އެކަނިވެރި ދިރިއުޅުން ޖެންޑާ މިނިސްޓްރީ އަށް އެނގުމާ އެކު، މިނިސްޓްރީން އޭނާގެ ހުރިހާ ކަމެއް މި ވަގުތު ބަލަހައްޓަމުން ދިޔައީ ވެސް ހުޅުދޫ ސިއްހީ މަރުކަޒުގައި ބާއްވައިގެންނެވެ.

އެނގިފައިާ ގޮތުގައި ޖެންޑާ މިނިސްޓްރީން ނިންމާފައި އޮތީ، ކ. ގުރައިދޫގައި ހުންނަ ސިއްހީ މަރުކަޒަށް މިރޭގެ ވަގުތެއްގައި ސަމީހާ ބަދަލުކުރާ ގޮތަށެވެ.

ސިއްހީ މަރުކަޒުގައި ސަމީހާ މަރުވީ މެޔަށް އެރި ކުއްލި ތަދަކާ އެކުގަ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ހާޓް އެޓޭކެއް ޖެހުނީ ކަމަށެވެ.

އެކަނިމާއެކަނި ސަމީހާ ދިރިއުޅުނީ އޭނާގެ ފިރިމީހާ މަރުވުމުންނެވެ. އޭނާއަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.

ސަމީހާގެ ވާހަކަ އެންމެ ފުރަތަމަ ފޭސްބުކްގައި ހިއްސާކުރި ހުޅުދޫ އަލީ އަންވަރު މިރޭ ބުނީ އޭނާގެ މެޔަށް ތަދެއް އަރައިގެން ވެއްޓުނީ ދެ އަންހެނެއްގެ އެހީތެރިކަމާ އެކު ސިއްހީ މަރުކަޒުގެ ފާހަނާއަށް ވަދެ އުޅެނިކޮށް ކަމަށެވެ.

"ދެ އަންހެނެއްގެ އަތުގައި ހިފައިގެން ފާހާނާ އަށް ވަދެ އުޅެނިކޮށް ކުއްލިއަކަށް ސަމީހާގެ މެޔަށް ތަދެއް އަރައިގެން ވެއްޓުނީ. ފަހުން ބެލި އިރު ހަރަކާތެއް ނެތް، ނޭވާ ވެސް ނުލާ،" އަންވަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ސަމީހާގެ ވާހަކަ ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް އައުމާ އެކު، އެ މިނިސްޓްރީގެ މުވައްޒަފުން ވަރަށް ގާތުން ދިޔައީ ސަމީހާގެ ހާލަތު ބަލަމުންނެވެ.

ގައިބާރު ދޫވެ، ހެލިފެލުވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ވެއިތުވެދިޔަ އަށް އަހަރު ދުވަހު ސަމީހާ ގިނައިން އޮންނަން ޖެހުނީ ބަލި އެނދުގަ އެވެ. އޭނާގެ އެއް ފަޅީގެ ވާގި ވެސް އޮތީ ގާތްގަނޑަކަށް ގޮސްފަ އެވެ. އޭނާއަށް އެހީތެރިވަމުން އައީ އަވަށްޓެރިންގެ ބައެކެވެ.