ތިލަފުށި ނުހިއްކުނު، އެކަމަކު ހެވީލޯޑަށް ލިބުނު ބަދަލުގެ އަގު 162 މިލިއަން ރުފިޔާ!

ތިލަފުށީގެ ދެ ވަނަ ފޭސް ހިއްކަން ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑަށް ދިން މަޝްރޫއު ކުރިއަށް ނުގެންދެވިގެން އެގްރިމެންޓް ބާތިލްކުރިޔަސް، ކުރީގެ ސަރުކާރުން، 162 މިލިއަން ރުފިޔާ ޖެހޭ ވަރުގެ ބަދަލުތަކެއް ހެވީ ލޯޑަށް ދީފައިވާކަން ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.


ހެވީ ލޯޑު މުއްސަނދިވާ ވަރުގެ ބޮޑު ބަދަލެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭނާއަށް ދިން އިރު، އެމްޑީޕީގެ ފިކުރު ބަދަލުކޮށް، ސަރުކާރަށް ތާއީދުކުރެއްވި މެމްބަރަކަށް މޫސަ ވެވަޑައިގަތެވެ. އަދި އޭގެ ފަހުން ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް ވެސް އޭނާ ހުންނެވީ އެމަނިކުފާނު ދިފާކުރެއްވުމުގަ އެވެ.

އެމްޑީޕީގެ ސަރުކާރުން އޭރު އެ ޕާޓީގެ އެންމެ އަޑުގަދަ އެއް މެމްބަރުގެ މަސްލަހަތު ހިމެނޭ ހެވީ ލޯޑަށް ތިލަފުށީގެ ދެ ވަނަ ފޭސް ހިއްކުމުގެ މަޝްރޫއު 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) އަށް ދިނީ 156 ހެކްޓަރުގެ ބިން ހިއްކާށެވެ. ސެޕްޓެމްބަރު 30، 2010 ގައި ކުރި އެގްރިމެންޓްގައި އޮތް ގޮތުން ނަމަ ބިން ހިއްކާ ނިންމަން ޖެހެނީ ހަތް މަސްދުވަހުގެ ތެރޭގައި، އެޕްރީލް 25، 2011 އަށެވެ. އެކަމަކު އެވަރުގެ މަސައްކަތެއް ކުރެވޭ ވަރަށް ވުރެ މާ ކުޑަ ކުންފުންޏަކަށް ވުމުން، ހެވީ ލޯޑަށް ހިއްކޭވަރުވީ މުޅި މަޝްރޫއުގެ 13 ޕަސެންޓް ނުވަތަ 24 ހެކްޓަރުގެ ބިމެވެ.

އެމްޑީޕީ ސަރުކާރު އޮތް އިރު ވެސް ހެވީ ލޯޑަށް ބިން ހިއްކޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން އޮކްޓޯބަރު 13، 2011 ގައި އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާކަން ޓީސީއެލް އާއި ހެވީ ލޯޑާ ދެމެދު އެއްބަސްވުމެއް ހެދި އެވެ. އޭގެ ފަހުން މަސައްކަތް ފަށައިފައެއް ނުވެ އެވެ. އަދި މިހާރު އެނގޭ ގޮތުގައި، އެޑްވާންސަށް 3 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ޓީސީއެލުން ހޯދައިގެން ފެށި މަސައްކަތް މެދުކަނޑާލައިފައި ހެވީ ލޯޑުން ދިޔައީ އެހެން މަޝްރޫއުއެއްގެ މަސައްކަތަށެވެ.

މޫސަ ވަނީ ހެވީ ލޯޑުގެ ހިއްސާ ދޫކުރައްވައި، އޭނާގެ ދަރިންގެ މައްޗަށް ބަދަލުކުރައްވައިފަ އެވެ.

ހާއްސަ އޮޑިޓް ރިޕޯޓް

މިއަދު އާންމުކުރި ތިލަފުށި ހިއްކުމުގެ ހާއްސަ އޮޑިޓް ރިޕޯޓުން އެނގެނީ އެމްޑީޕީގެ ސަރުކާރުންނާއި ޔާމީންގެ ސަރުކާރުން ވެސް ހެވީ ލޯޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ހޯދައިދީފައިވާ ކަމެވެ. އެގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މަޝްރޫއުއަށް ބިޑް ކުރި ފަރާތްތަކުގެ ތެރެއިން ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ މާލީ ހާލަތަށް ބަލާއިރު ވެސް އެންމެ ފައިދާ ބޮޑީ އެމްޓީސީސީން ހުށައެޅި ބިޑްކަން އެނގެ އެވެ.

ރިޕޯޓްގައި ވަނީ އެ މަޝްރޫއުއަށް އަގު ހުށައެޅި ތިން ކުންފުނީގެ އަގާއި އެހެނިހެން މައުލޫމާތު ވެސް ހާމަކޮށްފަ އެވެ. އެގޮތުން ސަރުކާރާއި ރައްޔިތުންގެ ކުންފުނި، އެމްޓީސީސީއަށް ދިން ނަމަ ޓީސީއެލްއަށް ފައިދާ ބޮޑުވާނެ ކަންކަމުގެ ތެރޭގައި ހެވީ ލޯޑަށް ވުރެ އަގު ހެޔޮވުމާއި ޓީސީއެލުން ދައްކަން ޖެހޭ ފައިސާއަށް ދީފައިވާ މުއްދަތު އިތުރުވުން ހިމެނެ އެވެ.

މި ދެ ކުންފުނީގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތްތަކަށް ކުޅަދާނެ ބޮސްކާލިސް ވެސް އަގު ހުށަހެޅި އެވެ. އެކަމަކު އަގު ހުށައަޅާފައި އޮތީ ބޮސްކާލިސް އިން 100 ހެކްޓަރު، އެމްޓީސީސީ އާއި ހެވީ ލޯޑުން 130 ހެކްޓަރުގެ ބިން ހިއްކާށެވެ. އެހެންކަމުން އޭރު އަގު ދީފައި އޮތީ ވެސް އެ ވަރަށް ހިއްކާ ބިމަށެވެ.

އެމްޓީސީސީން ހުށައެޅި ބިޑްގައި، 130 ހެކްޓަރުގެ ބިން ހިއްކަން ކަނޑައެޅީ 167 މިލިއަން ރުފިޔާ އެވެ. ފައިސާ ދައްކަން ޓީސީއެލްއަށް ހަތަރު އަހަރުގެ މުއްދަތެއް ދޭ އިރު، މަހަކު ދައްކަން ޖެހެނީ 3.7 މިލިއަން ރުފިޔާ އެވެ.

ހެވީ ލޯޑުން ހުށައެޅީ 270 މިލިއަން ރުފިޔާ އެވެ. ޓީސީއެލް އިން އެ ފައިސާ ދައްކަން ދެ އަހަރުގެ މުއްދަތެއް ދިން އިރު އެއީ މަހަކަށް 10 މިލިއަން ރުފިޔާ އެވެ.

އެ ބިޑްގައި ބިން ހިއްކަން ހޭދަވާނެ މުއްދަތެއް ހެވީ ލޯޑުން ދީފައެއް ނުވެ އެވެ. އެކަމަކު އެމްޓީސީސީން ދިނީ ތިން އަހަރާއި ދެ މަހުގެ މުއްދަތެކެވެ.

މަޝްރޫއު ހުޅުވާލީ މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ފައިސާގައި ބިން ހިއްކަން ކަމަށް ވިޔަސް ހެވީ ލޯޑަށް މަޝްރޫއު ހަވާލުކުރުމަށް ފަހު ޓީސީއެލުން ވަނީ އެކަން ބަދަލުކޮށް، ހެވީ ލޯޑަށް ފައިސާ ވެސް ދީފަ އެވެ.

އޯޑިޓްގައި ފާހަގަކުރި އެހެން ބައެއް ކަންކަން

- އެޑްވާންސަށް ތިން މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ދީފައިވޭ

- އެވަރުގެ ބޮޑު އަދަދެއް ދިނީ އެގްރިމެންޓްގައި ވާ ގޮތަށް އެވަރުގެ ގެރެންޓީއެއް ހެވީ ލޯޑުން ބެހެއްޓުމެއް ނެތި

- ހެވީ ލޯޑުން ގެރެންޓީއެއްގެ ގޮތުގައި ދިނީ 1.8 މިލިއަން ޑޮލަރު ޖެހޭ ކަމަށް އަގުކޮށްފައިވާ އެ ކުންފުނީގެ ތިން އުޅަނދު. އެކަމަކު އެއީ އެގްރިމެންޓާ ހިލާފު ކަމެއް.

- ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ހެވީ ލޯޑަށް ކްރެޑިޓަށް 5 މިލިއަން ރުފިޔާގެ ތެޔޮ ދީފައިވޭ. އެކަމަކު އެއީ ޓީސީއެލްގެ ބޯޑުން ނިންމާފައިވާ ނިންމުމެއް ނޫން.

- ތިލަފުށީ ހިއްކަން ކްރެޑިޓަށް ދިން ތެލުގެ 85 ޕަސެންޓް ހެވީ ލޯޑްގެ އެހެން މަޝްރޫއުއަކަށް ބޭނުންކުރި

ހާއްސަ އޮޑިޓުން އެނގެނީ ޔާމީން ސަރުކާރުން ވެސް ހެވީ ލޯޑަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިން ކަމެވެ. އެގޮތުން އޮކްޓޯބަރު 2011 ގައި މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލީ ޓީސީއެލް އާއި ހެވީ ލޯޑާ އެކު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެފައި، އެއްވެސް ބަދަލެއް ހޯދަން ޓީސީއެލްގެ މައްޗަށް ދައުވާނުކުރޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށް، އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި މަސައްކަތް އަލުން ނުފަށައި ހާލަތެއްގައި، އެއްވެސް ބަދަލެއް ދިނުމެއް ނެތި އެއްބަސްވުން އުވާލުމުގެ ޖާގަ ޓީސީއެލް އަށް ލިބިފައި އޮތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެކަމަކު ކުރީގެ ސަރުކާރުން ކަން ކުރީ އެހެންނެއް ނޫނެވެ. ޑިސެމްބަރު 30، 2014 ގައި، ބިން ހިއްކުމުގެ އެއްބަސްވުން ރަސްމީކޮށް އުވާލީ، ހެވީ ލޯޑަށް ބަދަލުގެ ގޮތުގައި ލ. އަތޮޅުން ތިން ރަށާއި 35 މިލިއަން ރުފިޔާ ވެސް ދީފަ އެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ލ. ބޮޑުހުރާ އާއި އެރަށާ ޖެހިގެން އޮންނަ ދެ ރަށް ކަމަށް ވާ ފަރެސް އާއި ކުޑަ ފަރެސް ބަލާފައި ވަނީ 62 މިލިއަން ރުފިޔާގެ އަގުހުރި ތަންތަނުގެ ގޮތުގަ އެވެ.

އެކަމަކު އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި އެރަށްތައް ދޭކަށް، ސުލްހަވެރި ގޮތުގައި އެއްބަސްވުން އުވާލަން އޭރުގެ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ.

ހެވީ ލޯޑަށް "އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެއްބަސްވުން އުވާލުމުގެ ފުރުސަތު ޓީސީއެލް އަށް ލިބިފައިވީ ނަމަވެސް މަޝްރޫއުގެ މަސައްކަތް މެދުކަނޑާލި ފަހުން އެތައް އަހަރެއް ފާއިތުވީ ފަހުން 30 ޑިސެމްބަރު 2014 ގައި އެއްބަސްވުން އުވާލައި ހެވީ ލޯޑަށް ބަދަލު ދިނުމަށް ނިންމުމަކީ އެންމެ ޒިންމާދާރުކޮށް އަދި ޓީސީއެލް އަށް އެންމެ މަންފާ ހުރި ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުބެލެވޭ" ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.

ބެލެވޭ ގޮތުގައި ޔާމީންގެ ސަރުކާރުން ހެވީ ލޯޑަށް އެހާ ބޮޑު ބަދަލެއް ދިނީ އެމްޑީޕީން މޫސަ ބޭރުކޮށް، ކުރީގެ ސަރުކާރަށް ތާއީދުކުރާ މެމްބަރެއްގެ ގޮތުގައި ބެހެއްޓުމަށެވެ. ކަން ވީ ވެސް އެހެންނެވެ. އެމްޑީޕީގައި ހުންނެވި އިރު މޫސަ އަކީ ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް މެމްބަރެވެ. އެކަމަކު ނާޖާއިޒު ގޮތުގައި ހެވީ ލޯޑަށް ފައިސާ އާއި ތިން ރަށް ލިބުމާ އެކު މޫސަގެ ފިކުރު ވެސް ބަދަލުކުރައްވައި، ޔާމީނަށް ތައުރީފްކުރައްވަން ފެއްޓެވި އެވެ.