ފެން ހިންދާ ސްޓޭޝަންތައް ބެހެއްޓީ ފަންނީ މީހުންގެ ލަފަޔާ ހިލާފަށް: އާޒިމް

މާލޭގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ޕަމްޕް ސްޓޭޝަންތައް ބަހައްޓާފައިވަނީ ޓެކްނިކަލް މުވައްޒަފުން ދިން ލަފަޔާ ހިލާފަށް ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ފެން ހިންދުމުގެ ނެޓްވޯކް ގާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ކުރީ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް މި އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ މެދު ތެރޭގައި ހަމަވެފައި ވާތީ އެ ކުންފުނިން މިހާރު އެ މަސައްކަތް ނުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ނެޓްވޯކް އެޅުމުގަ ވެސް ހުރީ އަޅުގަނޑުމެން ދީފައިވާ ލަފަޔާ ހިލާފަށް. ސަރުކާރުން މިކަން ކުރަން ބޭނުންވި ގޮތް ވަރަށް ތަފާތު. އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމުން ބޭނުންވި ގޮތަކަށް ނޫން އެ ނެޓްވޯކް އެޅިފައިވަނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން، ބޭނުންވާ ކަންކަން ކުރުމުގައި އެންމެ ބޮޑަށް ފައިދާވާ ގޮތްތަކަށް ބަލަންޖެހޭ ކަމަށާއި ކަމުގެ ފަންނީ މީހުންދޭ އިރުޝާދުތަކަށް ތަބާވަންޖެހޭ ކަމަށެވެ.

"އާންމުގޮތެއްގައި ފެން ހެދެނީ އަމީނީ މަގާ ވެސްޓްޕާކު ސަރަހައްދުގައި. އަޅުގަނޑުމެންގެ ޓީމުން ލަފާދިނީ ޕަމްޕް ވަޅުތައް ބަހައްޓަންވީ ތަނަކީ އަމީނީ މަގު ނޫނީ ފެން ހެދޭ ހިސާބުގައި ކަމަށް. އެކަމަކު އެބޭފުޅުން އެ ތަންތަނުގައި ސްޓޭޝަން ބަހައްޓަދޭކަށް އެއްބަހެއް ނުވި. އެބޭފުޅުން ބޭނުންވީ މެރިން ޑްރައިވްގައި، ބޮޑުތަކުރުފާނު މަގުގައި ސްޓޭޝަންތައް ބަހައްޓަން،" އާޒިމް ވިދާޅުވި އެވެ.

އެ ހިސާބަށް ފެން ދަނީ ވަރަށް މަދުން ކަމަށާއި ފެންހެދޭ ތަނެއްގައި ޕަމްޕު ބެހެއްޓުމުން ޕްރެޝަރުގައި ފެން ހިންދާލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭރުން މިހާރު ފެން ހިނދޭ ވަރަށް ވުރެ މާ އަވަސް މިނުގައި ފެންގަނޑު ހިނދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، މިކަން ހިނގާފައިވާ ގޮތް ބަލައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ފެންބޮޑުވާ ސަރަހައްދުތަކަށް ޕަމްޕް ސްޓޭޝަންތައް ބަދަލު ކުރުމަށް އެދޭނެ ކަމަށް ވިދާޅުވި އެވެ. ނަަމަވެސް އޭނާ ވިދާޅުވީ މިކަމުގައި ގޮތް ނިންމާނީ ސަރުކާރުން ކަމަށެވެ.

މާލޭގެ މަގެއްގައި ފެންބޮޑުވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މާލޭ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެވަނަ ފިޔަވަހީގެ ދަށުން 13.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ތިންވަނަ ފިޔަވަހީގެ ދަށުން ފަސް މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި ހަތަރު ވަނަ ފިޔަވަހީގެ ދަށުން 12.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ބޯކޮށް ވާރޭ ވެހި މާލޭގައި ފެން ބޮޑުވެ، ފާޑުކިޔުންތައް އަމާޒުވުމުން މިިދިޔަ އޮކްޓޫބަރު މަހު ހައުސިން މިނިސްޓްރީން ބުނީ ޕަމްޕް ސްޓޭޝަންތައް ގާއިމުކުރި ނަމަވެސް ގިނަ ސްޓޭޝަންތައް ހުރީ ހަލާކުވެފައި ކަމަށެވެ.